Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ދިވެހި "ބިދޭސީ" އާއިލާތައް: ހަރުދަނާ ސިޓިޒަންޝިޕް ގާނޫނެއްގެ އިންތިޒާރުގައި!

މީގެ ދެދުވަސް ކުރިން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރ އަލީ އާޒިމް ކުރެއްވި ޓްވީޓް ވެގެން ދިޔައީ ސޯޝަލް މީޑިއާގައި ވަރަށް ހޫނު ބަހުސެއް ފެށިގެންދިޔަ ކަމަކަށެވެ. 30 އަހަރު ވަންދެން މި ޤައުމުގައި އުޅެ، މިތަނުގައި ފަޚުރުވެރި މާމައިންނާއި ކާފައިންނަށް ވެފައިތިބި "ބޭރު" މީހުންނަށް ރަައްޔިތުކަން ދިނުން ކިހިނެއްތޯ އާޒިމް ސުވާލު ކުރެއްވިއެވެ.

ގިނަ ބަޔަކު މިކަމާއި ސީދާ ދެކޮޅު ހަދައި ވާހަކަ ދައްކަމުން ގެންދާއިރު، މިއީ ސަރުކާރުން ވަކި ބަޔަކަށް ރައްޔިތުކަން ދޭން ކުރާ ކަމެއްކަމުގައި ބުނެ، މިކަންތައް ދަނީ ސިޔާސީ ކުރަމުންނެވެ. އަދި މިކަމަކީ ދިވެހި ލޭ "ޑައިލިއުޓް"ވުން، ނުވަތަ ދިވެހި ލެޔާއި އެހެން ޤައުމު ތަކުގެ ލޭ މަސްހުނިވެ، "ދިވެހި ނަސްލު" އޮޅިދާނެ ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް އާޒިމް ވިދާޅުވި ފަދަ، ރާއްޖެއިން ބޭރު މީހުންނާއި ކައިވެނި ކޮށްގެން އުޅޭ ދިވެހިންގެ އާއިލާތައް އުފުލަން ޖެހޭ ބުރަ އެނގެނީ އަހަރެމެންގެ ތެރެއިން ކިތައް ދިވެހިންނަށްތޯ؟

1- ވިސާ ކެޓެގަރީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ މީހަކަށް އޮންނަނީ ވިސާގެ ދެ ކެޓަގަރީއެކެވެ. ފުރަތަމަ ކެޓެގަރީ އަކީ މެރިޖް ނުވަތަ ކައިވެނިކޮށްގެން އުޅޭތީ ލިބޭ ވިސާއެވެ. ދެން އޮންނަނީ ވިޑޯ ވިސާއެވެ. މި ވިސާ ލިބެނީ ދިވެހި ފިރިހެނަކާއި ކައިވެނިކޮށްގެން އުޅޭ ބޭރު އަންހެނެއްގެ ފިރިމީހާ މަރުވުމުން، ހަމަ އެކަނި އަންހެނުންނަށެވެ. އެހެން ކަމުން ދިވެހި އަންހެނަކާއި ބޭރު ފިރިހެނަކު ކައިވެނިކޮށްގެން ކުދިން ލިބިފައި ތިއްބާ، ދިވެހި މަންމަ ނިޔާވުމުން، ބޭރު ބައްޕައަށް ޖެހޭނީ ކައިވެންޏަށް ލިބުނު ދިވެހި ކުދިން ދޫކޮށް ދާންތޯއެވެ؟ ނުވަތަ ދިވެހި ކުދިން ދިވެހި ޤައުމުން ބޭރަށް ގެންދަން ތޯއެވެ؟ މިކަމާއި ގުޅިގެން އިތުރު މައުލޫމާތު މިނިސްޓްރީއަށް ނޭނގޭ ކަމަށާއި އެމައުލޫމާތު ފޯރުކޮށްދެވޭނީ އިމިގްރޭޝަނުންކަމަށް މިނިސްޓްރީއިންވަނީ ބުނެފައެވެ.

އިމިގްރޭޝަނުން "އައްޑޫލައިވް"އަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ ވިޑޯ ވިސާވެސް ދެވެނީ ކުދިންނަށް 18 އަހަރު ވަންދެން ކަމަށާއި، ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވީ ނަމަވެސް، ވިޑޯ ވިސާގެ ދަށުން ވަޒީފާ އަދާކުރުމުގެ ހައްޤު އެމީހަކަށް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ރާއްޖެއިން ބޭރު ބައްޕައަށް ވިޑޯ ވިސާ ނުދިން ނަމަވެސް، ކުދިން ކައިރީގައި ހުންނަން ބޭނުންނަމަ، 1 އަހަރު ދުވަހުގެ މުއްދަތަކަށް ސްޕެޝަލް ވިސާއެއް ދެވޭނެކަމަށެވެ. އަދި މިދުވަސްތަކުގައި ވަޒީފާ އަދާ ކުރުމުގެ ހައްޤު އެމީހަކަށް ނުލިބޭނެކަމަށެވެ. އިމިގްރޭޝަނުން ބުނީ،\ މިހާރުގެ ޤާނޫނުގައި ބޮޑެތި މައްސަލަތައް ހުރުމުން އެ އިދާރާއަށް އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެމައްސަލަތައް ހައްލުކުރުމަށް އިސްލާހުތަކެއް ރަސްމީ ސިފައެއްގައި މަޖިލީހާއި ހަމައަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

2- މެރިޖް ވިސާ ހޯދުން

މެރިޖް ވިސާ ބޭރު މީހަކަށް ލިބެނީ ދިވެއްސަކާއި ކައިވެނިކޮށް، ރާއްޖޭގައި އެ ކައިވެނި ރަޖިސްޓްރީ ކުރުމުންނެވެ. ނަމަވެސް ކައިވެނި ކުރުމަކުން އަދި ވިސާ ފުރިހަމައެއް ނުވެއެވެ. ވިސާ ލިބުމުގެ ކުރިން އަގުބޮޑު ހެލްތު ޗެކަޕެއް ހަދަން ޖެހެއެވެ. އޭގެ ފަހުން އިންޝުއަރެންސް ހައްދަން ޖެހެއެވެ. އެލައިޑުން ހައްދަން ޖެހޭ އިންޝުއަރެންސަކީ އާންމުކޮށް ޑޮކްޓަރަށް ދެއްކުމުގައި އެއްވެސް ފައިދާއެއް ލިބޭ އިންޝުއަރެންސެއް ނޫނެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން އިންޝުއަރެންސްގެ ދަށުން އެޑްމިޓްވާ ހިސާބުން ޚަރަދުތައް ބަލަހައްޓައިދެއެވެ. ނަމަވެސް އެޑްމިޓްވަނީ އަތުން އެތައް ފައިސާ އެއް ޚަރަދުކޮށް ޑޮކްޓަރަށް ދައްކައި، އެތައް ހާސް ރުފިޔާއެއްގެ ޓެސްޓުތައް ހެދޭ ފަހުންނެވެ. ދެން އަންނަނީ ވިސާއެވެ. މި ވިސާއަކީ އެތައް ލިޔެކިޔުމެއް އެކި ތަންތަނުން ހޯދައިގެން ވިސާއަށް ފައިސާ ދެއްކުމަށްފަހު ލިބޭ އެއްޗެކެވެ. އަދި މިހުރިހާ ބައިބަޔަކީ އަހަރަކު 1 ފަހަރު އާކުރަންޖެހޭ އެއްޗެކެވެ. މި ހުރިހާ ޚަރަދަކާއި ބުރައެއްވެސް އުފުލަން ޖެހެނީ ހަމަ މެދު ފަންތީގެ، ކުޑަ މުސާރައެއް ލިބޭ ދިވެހި އާއިލާއަކުންނެވެ.

3- ރަށްވެހިކަން

ފުރަތަމަ ކަމަކަށް އަހަރެމެން ދެނެގަންނަން ޖެހެނީ ރައްޔިތުކަމާއި ރަށްވެހިކަމުގެ ތަފާތެވެ. ރައްޔިތުކަމަކީ ޤައުމެއްގެ ރައްޔިތަކަށްވުމެވެ. ޤައުމެއްގެ އައިޑީ ކާޑާއި، ޕާސްޕޯޓު ހައްޤު ވާނީ އެ ޤައުމެއްގެ ރައްޔިތަކަށެވެ. ނަމަވެސް ރަށްވެހި ކަމަކީ ވަކި ރަށަކަށް ނުވަތަ އަތޮޅަކަށް ރަޖިސްޓްރީވެފައިވުމެވެ. ދިވެހި ރައްޔިތަކާއި ކައިވެނިކޮށްގެން، ކުދިން ލިބި އާއިލާ އެއް ބިނާކޮށް، ދިވެހި ޤާނޫނަށް ބޯލަނބައިގެން އުޅޭ އެތައް ބޭރު މީހަކު ރާއްޖޭގައި އެބައުޅެއެވެ. މީ ދިވެހިން ފަދައިން މި ޤައުމު ދެކެ ލޯބިވެ، ޤައުމީ ކަންކަމުގައި އެބަޔަކަށް ވެވުނު ވަރަކުން ބައިވެރިވެ، ޤައުމަށް ލިބޭ ކުރިއެރުންތަކުގައި އުފާކޮށް އުޅޭ މީހުންނެވެ. މި މީހުންނަކީ އެމީހުންގެ ކުދިންނަކީ ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމަށާއި ރަށަށް ޚިދުމަތްކުރާނެ، ޤައުމު ފަޚުރުވެރިވާފަދަ ދިވެހި ދަރިންނަށް ހެދުމަށް މަސައްކަތްކުރާ މީހުންނެވެ. އެތައް އަހަރެއް ވަންދެން މިޤައުމުގައި އުޅެ، ދިވެހި ވެފައިތިބި މީހުންނެވެ.

އަހަރެމެން ދިވެހިންނަށް ވީ ދިވެހިންނަށް ޚާއްސަ ލޭގެ ގުރޫޕެއް އޮވެގެންނެއް ނޫނެވެ. ރާއްޖޭގެ މަޝްހޫރު ތާރީޚު ދިރާސާކުރާ ފަރާތެއް ކަމަށްވާ ޝައްމޫން ޖަލީލް (ލޫކަސް) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރާއްޖެއަކީ ނަސްލީ ސިންދަފާތުގެ (ޑައިވަރސިޓީގެ) މައްޗަށް އެކުލެވި، ޒަމާންތައް ދިގުވެ އެއްބަޔަކަށް ވެފައިވާ ޤައުމެއް. އެންމެން އެއްބަޔަކަށް ހެދީ މެހެމާންދާރީ އާ އޯގާތެރިކަން. ބައެއް ރަށްރަށް އާބާދުވެފަ ވަނި އުރުނު ނައުތަކުން. ބައެއް ރަށް، އެ ޒަމާނުގަ އަޅުންގެ ގޮތުގަ ގެނެވުނު ކަޅު ނަސްލުން" އެވެ. އަދި މީގެ އިތުރުންވެސް ތާރީޚުން އެނގޭ ގޮތުންވެސް، އަހަރެމެންގެ ކާބަފައިން ކަމަށްވާ މި ޤައުމުގައި ކުރިން ރަސްކަމާއި ރަނިކަން ކުރެއްވި ބޭކަލުންނާއި ބޭކަނބަލުންނަކީވެސް އެކި ޤައުމުތަކަށް ނިސްބަތްވި މީހުންނެވެ. އެހެންކަމުން މިއަދު، މި ދިވެހި އާއިލާތައް އުފުލަން ޖެހިފައިވާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

ސިޓިޒެންޝިޕް ޤާނޫނާއި ބޭނުންވާ ހައްލު

ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަކީ 1969 ގައި ހަދާފައިވާ ޤާނޫނެކެވެ. އަދި 2016 ވަނަ އަހަރު މި ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ މައިގަނޑު ގޮތެއްގައި ދިވެހިރައްޔިތުކަން ދޫކޮށްލުމާ ބެހޭގޮތުން ގެނެސްފައިވާ އިސްލާހުތަކެވެ. މި ޤާނޫނުގައި ބުނާގޮތުން ދިވެހި ރައްޔިތަކަށް ވާން އެދޭ މީހަކީ 21 އަހަރުވެފައިވާ މުސްލިމަކަށް ވާންޖެހެއެވެ. އަދި މެދުކެނޑުމެއްނެތި 12 އަހަރު ރާއްޖޭގައި އުޅެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށްދިޔަ ނަމަވެސް 6 މަސްދުވަހަށްވުރެ އެ މުއްދަތު އިތުރުނުވެ، ޖުމްލަ 10 އަހަރު ރާއްޖޭގައި އުޅެފައިވާންވާނެއެވެ. މީގެ އިތުރުން ދިވެހި ޤާނޫނު ރަނގަޅަށް އެނގި، ދިވެހި ބަހުން ވާހަކަ ދައްކައި، ދިވެހި ރާއްޖޭގެ އަސާސީ ތައުލީމުގެ ފެންވަރަކަށް ތަކެތި ދަންނަ މީހަކަށްވާން ޖެހެއެވެ. ހަމައެހެންމެ، އެއްވެސް ޤާނޫނީކުށެށް ކޮށްފައިވާ މީހަކަށް ނުވުމުގެ އިތުރުން، ރާއްޖެއަށް ބޭނުންތެރި މީހަކަށްވެ، އެމީހެއްގެ ޤައުމުގެ ރައްޔިތުކަން ދޫކޮށްލަން އެއްބަސްވެ، ޤަރާރެއްގައި ސޮއި ކުރުންވެސް މި ޤާނޫނުން ލާޒިމުކުރެއެވެ.

ގިނަ ބަޔަކު ސިފަ ކުރާގޮތުގައި މި ޤާނޫނަކީ މިހާރު އިސްލާހު ކުރަން ޖެހިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން ރައްޔިތުކަން ހޯދަން އެދުނު ނަމަވެސް، ރައްޔިތުކަން ނުލިބި ތިބި މީހުންވެސް އެބަތިއްބެވެ. މި ބޭރު މީހުންގެ އަނބިންނާއި، ފިރިންނާއި، ކުދިންނަކީ ދިވެހިންނެވެ. އެހެންކަމުން މި އާއިލާތަކަކީވެސް ދިވެހި އާއިލާތަކެވެ. މިއާއިލާތައް އުފުލަން ޖެހިފައިވާ ތަކުލީފުތަކާއި ކުރަން ޖެހޭ ޚަރަދުތަކަކީ ހަމަ ދިވެހިން އުފުލަންޖެހޭ ބުރަތަކާއި ތަކުލީފުތަކެވެ. މިއާއިލާތަކުގެ އާދޭހަކީ ރައްޔިތުކަން ނުލިބުނު ނަމަވެސް، ކޮންމެ އަހަރަކު ނިސާ އާކުރަން ނުޖެހި، ރަށްވެހިކަން ނުވަތަ ޕަރމަނެންޓް ރެޒިޑެންސީ މިފަރާތްތަކަށް ދިނުމެވެ. އަދި މިހާރަށްވުރެ ފަސޭހަކޮށް ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ހަމަޖައްސައި ދިނުމެވެ. މިސާލަކަށް، ދިވެހި އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ ލިބިފައިވާ ދިވެހި ދަރިފުޅަށް 18 އަހަރުވުމުން، އެދަރިފުޅު ބޭނުންނަމަ، ލިބޭ އާސަންދައިގެ ޚިދުމަތުން ބޭރު މަންމަ ނުވަތަ ބައްޕަގެ ސިއްހީ ކަންކަން ހަމަޖެއްސޭނެ ނިޒާމެއް ލިބުމަކީ މިފަދަ އާއިލާތަކުން އެދޭ ވަރަށް ބޮޑު އެދުމެކެވެ.

އާޒިމް ކުރެއްވި ޓްވީޓަކީ ސަރުކާރުން ސިޓިޒެންޝިޕް ޤާނޫނަށް ބަދަލުތަކެއް ގެންނަން ވިސްނާކަމުގެ އިޝާރާތަކަށް ވެދާނެއެވެ. އެހެންކަމުން މިފަދަ ބަދަލުތައް ގެންނައިރު، މި މައްސަލަތަކުގެ ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލާއި، އެމީހުންގެ އެންމެ ރަނގަޅަށް ބަލައި އަޑުއެހުމަށްފަހު ބަދަލުތައް ގެނައުމަކީ މުހިންމު ކަމެކެވެ.