Last Updated: April 19, 21:01
Friday, April 19, 2024
ރިޕޯޓް

"ދެޔޯގެ ކުޅިވަރު" އައްޑޫގައި!

ނޯޓް: މިއީ އައްޑޫގެ ތާރީހު ދިރާސާ ކުރައްވައި، ތާރީހާ ގުޅޭ ފޮޓޯތައް ވެސް އެއް ކުރައްވާ ހިތަދޫ ޓޯކިއޯ އިބްރާހީމް ފިރާގު ލިޔުއްވާފައިވާ، ތާރީހީ ގޮތުން ގިނަ މައުލޫމާތުތަކެެއް ލިބޭ ލިޔުމެެކެވެ.

————————————————
"އައްޑު އަތޮޅުގެ ދިރުމާއި ފެށުން އަދި އާބާދުވުން!" ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައި ދެކުނުގެ މުސްކުޅިންގެ ފަރާތުން ވާރުތަވަމުން އަންނަ މި ޙާދިސާ އަށް، ފަހުގެ ޖީލުތަކުގެ ބޯރިހުމަކަށްވެފައި ވަނީ ކީއްވެގެން ބާވަ އެވެ؟ ކޮންމެއަކަސް މީއީ، ހަނދާނުން ފޮހެލައި ދޫކޮށް ނުލެވޭ އަދި ދިރާސާ ކުރަން ޖެހޭ ތާރީޚީ ކާރިޘާއެއް ކަމަށް ވަރަށް ގިނަ ފަރުދުން ދެކޭ އިރު، މިއީ، އައްޑު އަތޮޅާ ގުޅިފައިވާ މުހިއްމު، ކަމުގެ ޙަގީގަތް އެނގިފައި ނުވާ ކަމެކެވެ.
———————————————-

މި ކާރިޘާ ހިނގި ކަމަށް މަޝްހޫރު ވެފައިވާ ސަރަޙައްދު ކަމަށް ބުނެވޭ "ކަށްބޯހެރަ" ސަރަޙައްދަކީ މިހާރު ވެސް ފަޅު ރަށެއްގެ ގޮތުގައި އޮތް އައްޑު އަތޮޅު ހިތަދޫ އިރު އުތުރުން ރަށާއި އެއް ފަޅުގައި، ކައިރީގައިވާ ކުޑަ ފަޅު ރަށެކެވެ.
މި ރަށުގެ ދިގު މިނުގައި 50 މީޓަރ ހުންނާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ފުޅާ މިނުގައި 10 މީޓަރު ހުރި އިރު ދިޔަވަރު ބޮޑުވެގެން އަންނައިރު ރަށުގައި ހެދިފައިވާ ރުށްގަސް ސީދާ މޫދުގެ ތެރެއިން އަރާފައިވާ ކަމަށް ދައްކަ އެވެ.
ހިކި ދިޔައިގައި މިރަށަށް ނުތެމި ދިޔުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާ އިރު އުރަހަ ފަށުގެ ކައިރީ ގައި ވާ ކިސަޑުގެ ސަބަބުން ހިސާބަކަށް އުދަގޫ ވިޔަސް ކަށްބޮލެއްގައި ފައި ޖެހިއްޖެ ނަމަ ބިރުވެރި ކަން ހިތަށް ވަދެގެން ދެ އެވެ.

އިހުގެ މުސްކުޅިންގެ ދޫދޫމަތީން އައިސް ފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި ހިތަދުއަކީ ހަތް ފަހަރަށް ފަޅުވެފައިވާ ރަށެކެވެ. މިހާތަނަށް އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން ފަޅުވި ޙާދިސާއާ މެދުގައި ނޫނީ ކުޑަ ނަމަވެސް އަލި ކަމެއް އެޅުވޭ ވަރުގެ މައުލޫމާތެއް ލިބިފައި ނެތެވެ.

އެ ފަހަރު ހިތަދޫ ފަޅުވި ކަމުގައި ބުނެވެނީ، ދިވެހި ތާރީޚްގައި މަޝްހޫރު ބޮޑު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު އެވެ. މި ފަހަރު އާބާދުވުމުގެ ކުރިން އަށާރަ ވަރަކަށް އަހަރު އެއްވެސް ދިރުމެއްނެތި، އޮތް ކަމަށް ބުނެވެ އެވެ. މި ތާރީޚީ ހަނދާނުގެ އަސްލު ފެށިފައި ވަނީ އައްސުލްތާން ޙަސަން 10 ގެ އަލީމަނިކުފާނުގެ ޚަދީޖާ، ކައްޓެލެ ދަޑި މޫސާ ތަކުރުފާނާއި އިދެ ލިބުނު އަތިރަގޭ އަލީރަހާ ( އުފަން 15 މުޙައްރަމް 1192 ހ) އާ ހަމައިންނެވެ.

މި ވާހަކައިގެ ބައެއް ނުކުތާ ތަކުގައި ޚިލާފު ހުއްޓަސް ވާހަކައިގެ އަސްލާއި ޙަޤީގަތް ކަމަށް ތާރީޚް ދިރާސާ ކުރާ ގިނަ ބޭފުޅުންގެ ލިއުއްވުމުގައި ވަނީ އެއް ކަހަލަ ލިޔުއްވުމެކެވެ.

ދުވަސްވަރަކީ މީގެ 410 ވަރަކަށް އަހަރު ކުރި އެވެ، ހިޖުރައިން 1040 ވަނަ އަހަރެވެ، އެއިރު އައްޑު އަތޮޅު ހިތަދޫގައި މީހުން އުޅެނީ ކޯއްޓޭން ފެށިގެން ގައުކެނޑީގެ ކޮޅާއި ހަމައަށެވެ، މުޅި ރަށްވަނީ އެއްކޮޅުން އަނެއްކޮޅަށް ޢިމާރާތް ކުރެވިފަ އެވެ. ސިލޯނު ދަތުރު ގޮސްފައި އަންނަ އޮޑިފަހަރު ރޭގަނޑު މާ ކަނޑުން ވަދެގެން އަންނަ އިރު ހިތަދޫ ގެ މަލަމަތިން 48 މިސްކިތުގެ ވޮށު އަލި ފެންނަކަމަށް ބުނެވެ އެވެ،

މިއީ، ތެދު ޙަޤީޤަތެއް ކަމަށް ބެލެވެ އެވެ. އޮޑައްސައު، މާމެންދޫ އަދި މިހާރު ހިތަދޫ ކަމަށް ބެލެވޭ ހިސާބުން ފެންނަން ހުރި ގަބުރުސްތާނު ތަކާއި ޒިޔާރަތް ތަކުގެ ތަރަޙަ މިއަދުވެސް މީހުންނަށް ފެންނާން ހުރިކަމީ ތެދު ޙަޤީޤަތެކެވެ. ކޯއްޓޭގައި ހުރި މަޝްހޫރު ބުރުޒު ތަކާއި އޮޑައްސަލުގެ ޢީދިގަލި މިސްކިތާއި ، ރަސްގެދަރުގެ 7 މިސްކިތާއި، މާމެންދޫ އަންހެނުންގެ ފަތްތަރު މިއީ، މީހުން މިތަންތާގައި ދިރިއުޅުނުކަން ޞަރީޙަ ގޮތުގައި ސާބިތުކޮށްދޭ އާސާރުތަކެކެވެ.

މި ދެންނެވުނު ގޮތަށް ހިތަދޫގައި މީހުން އުޅެމުން އައި ދުވަސްވަރު، އެއް ދުވަހެއްގެ މެންދުރެވެ. އައްޑުއަތޮޅުގެ ޖައްވަށް ބަދަލުތަކެއް އަންނަހެން މީހުންނަށް ހީވާން ފެށި އެވެ. މެންދުރު ނަމާދުން ފޭބި އިރު ޖައްވު ވަނީ ގަދަ ރީދޫ ކުލައަށް ބަދަލުވެފަ އެވެ. މަސްވެރިންނާއި ދަނޑުވެރިން ވެސް ހައިރާންކަމުގައި، ގޭގެ އަށް ވަދެ ނިވާވެ ތިބި އިރު ބިރުވެރިކަމާއި ނާމާންކަން އިތުރަށް އިޙްސާސް ކުރެވެން ފެށި އެވެ.

ދުޢާވެރިންނާއި، ފަންޑިތަވެރިންގެ ފާލަށް މިއީ، ވަރަށް ނުރައްކާތެރި ފުރޭތައެއްގެ ސަބަބުން ވާ ކަމެއްކަމަށް ދެއްކި އެވެ. އެއްވެސް ކަހަލަ ކަނޑު މަސްވެރިކަމެއް، ފަރު މަސްވެރި ކަމެއް ނެތި އަށް ހަފުތާ ވެގެން ހިނގައްޖެއެވެ، އިރު އޮއްސުމާ އެކު އަނދިރި ކަމުގެ ތެރޭގައި ފާޑުފާޑުގެ ނާމާން އަޑުތައް ރަށުތެރެއިން އިވެމުން ދިޔަ އެވެ.

ބިރުވެރި ރާގު ރާގަށް ބުޅާ ރޯއަޑާއި ހިކަނދި ގޮވާ އަޑު އިވިއިވި ހުރެ އެވެ. ރޭދުވާ ތަކުރާރު ވަމުން ދާ ވަރަކަށް ނާމާން އަޑުތައް އިވުން ގިނަވެ، ބިރު ގަންނަ ފާޑުގެ ސޫރަތައް އެކިއެކި ތަންތަނުންނާއި ގޭގެ ތެރެއިން ތަމްސީލު ވާން ފަށައިފި އެވެ. އެންމެ ފަހުގެ ނަތީޖާއަކަށްވީ ރަށުގެ ކަމުވޮށިވެގެންވާ މީހުންނާއި ފަންޑިތަ ވެރިންގެ ޞިޙުރުތައް ބާތިލުވެ ކުރެވުނު އެއްވެސް މަސައްކަތަކުން ނަތީޖާއެއް ނުލިބި ނާކާމިޔާބާ ކުރިމަތިލާން ޖެހުމެވެ.

* ހިތަދޫ އަށް ދެޔޯގެ ކުޅިވަރު އެރުން:

ހިތަދޫ އަށް ދެޔޯގެ ކުޅިވަރުގެ އަސަރު ފެންނަން ފެށިއެވެ، އެކުޑަ ފަޅުރަށް "ކަށްބޯހެރަ" ގައި ދެޔޯގެ ރާގުތައް ކުޅެވޭ އަޑު މީސްތަކުން ނަށް އިވި ފުން ލޯބީގެ އަސަރުތަކުން އިންސާނުންގެ ހިތްތައް ފުރި ދުނިޔެ އޮތީ ކިހިނެއްކަން އިޙްސާސް ކުރެވުނު އެކަކު ވެސް ނެތް ކަހަލަ އެވެ.

އަޑު އަންނަ ދިމާއަށް ހުރިހާ މީސްތަކުން ދުވަން ފެށި އެވެ. އިވޭ އަޑުތަކުގައި ވަނީ ދަމާބާރެކެވެ. ނުރުހުމާ އެކު ވެސް އެ ދިމާއަށް ދިއުމަށް، ނޭގޭ ބާރަކުން، މީސްތަކުންގެ ޒަމީރު އެ މީހުންނަށް މަޖުބޫރު ކުރުވަ އެވެ. ގައުކެނޑީގެ ކޮޅުން ފެށިގެން މީސްތަކުން، ނަަލަވެ ޒީނަތްތެރިވެ ގަހަނާ އަޅައިގެން އައު ދެ އެވެ. މި އިވޭ އަޑުތަކުގެ ޖާޒުބީ އަސަރުގައި ދާ މީހުންގެ ޚަބަރެއް ނުވެގެން ހޯދަންދާ ބަޔަކުވެ ސް އެނބުރިއެއް ނާދެ އެވެ.

މާމެންދޫ (ހިތަދޫ އާއި ގުޅިފައިވާ) އާ ހަމައިން މީހުންތައް އެރަށަށް ދިއުމުން މަރުވަނީ ކަމުގައި ޚަބަރުތައް ފެތުރިގެން ހިނގައްޖެ އެވެ. މި ހިސާބަށް ކަންތައް ދިޔުމުން ރަށުން ފައިބައިގެން އޮޑި، ދޯނި ފަހަރުގައި އަތޮޅުގެ އެހެން ރަށްރަށާއި، ފުވައްމުލަކާ، ހުވަދު އަތޮޅަށް ފުރައިގެން ދާން ފަށައިފި އެވެ. ސަލާމަތުން ތިބި މީހުން އިރު އޮއްސުމުގެ ކުރިން ރަށް ދޫކޮށް ދަތުރުކޮށްފި އެވެ.

މަޝްހޫރު ފަންޑިތަވެރިޔާ، ދޮން ޢުމަރާއި ދޮން ޙުސެއިން ކަލޭގެ ވެސް ހިތަދޫ ގެ ކަންތައް ނިމި ދަނީ ކަމާ ހިތަދޫ މަރުވަނީ ކަން ގައިމު ވުމުން ރަށުތެ ރޭގައި ޖޯއި ގޮވުމަށް ފަހު، އެދެބެއިންގެ ޢާއިލާ އާއި އެކު މަސް ންޏެއްގައި އިރު އޮއްސުމުގެ ކުރިން ރަށުން ބޭރުވި އެވެ، އާދޭހެވެ! ދެޔޯގެ ކުޅިވަރު އެރުމުން އައްޑު އަތޮޅު ހިތަދޫ ފަޅުވެފައި އެއްވެސް މީހަކު ނެތި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޮތް ކަމުގައި ވެ އެވެ.

* މި ފޯކްލޭ ނުވަތަ ރަންނަމާރި:

ތާރީޚް ދިރާސާ ކުރައްވާ ގިނަ ބޭފުޅުންގެ ނަޒަރުގައި މި ޙާދިސާ ވެފައި ވަނީ ބޮޑު ޖޯކަކަށެވެ. ކިތަންމެ ފަނޑުކޮށް ނަމަވެސް އެކިއެކި ތާރީޚީ ލިޔުއްވުން ތަކުގަޔާއި، ބޮޑެތި ޢިލްމުވެރިން ގެ ޞަފުޙާތަކުން ވެސް މި ވާހަކައަށް އަލި އަޅުއްވާލައްވާފައި ވާތީ ފެނިފައިވެ އެވެ.
ރާއްޖޭގެ މަޝްހޫރު ތާރީޚީ އިލްމުވެރިޔާ އަލްމަރުޙޫމް އަލް އުސްތާޒު މުޙުއްމަދު އިބްރާހިމް ލުތުފީ އަދި ހިތަދޫ ގެ ފަހުގެ ތާރީޚާއި ޖީނިޔޮލޮޖީ ދިރާސާ ކުރައްވާ ލިޔުއްވި ސިއްކަގޭ އަލް މަރުޙޫމް އަބުދުލް މަޖީދު ސަލީމް އަޅުގަނޑު ފާހަގަ މި ކުރަނީ ވަރަ ށްވެސް މަތިވެރި ދަރަޖައަކަށެވެ. މި ބޭފުޅުންނަށް މާތް ﷲ ރަޙްމަތް ލައްވާށި. އާމީން.

މިއީ ތާރީޚް ގެތެރެއިން ކިތަންމެ ފަނޑުކޮށް ނަމަވެސް އެކިއެކި ލިޔުން ތެރިންގެ ސަފުޙާތަކުން ފެނިފައިވާ މަޝްހޫރު ވާހަކައެކެވެ، އައްޑު އަތޮޅުގެ މަރުވުމާއި ދިރުން، ހިތަދޫގައި ދިޔޯގެ ކުޅިވަރު، ހިތަދޫ ފަޅުވުން، ކަށްބޯ ހުރާގައި ދެޔޯ، މިހެން ގޮސް ތަފާތު މަޒުމޫނު ގައި މި ވާހަކަ އާ މެދު ނޫނީ މި ކާރިޡާ އާ މެދު، ފުންނަޒަރަކުން ވިސްނަވާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.
އަދި ފަރުދާގެ އަނެއް ފަރާތުގައި ކުޅެވެނީ ކޮން މަންޒަރުތަކެއްކަން ގައިމު ކުރެވޭނީ ފަރުދާ ހިއްލާލުމުންކަން ހަމަ ބުއްދިޔަކުން ބަލަން އެބަ ޖެހެ އެވެ. އަދި މި ތާރީޚީ ޙަގީގަތުގައި ފޮރުވިފައި ވަނީ ކޮން ކަހަލަ ސިއްރުތަކެއް ކަމާއި، ވޭތުވެ ގޮސްފައިވާ މާޒީގެ 400 އަހަރު ކުރީގެ މިވާހަކަ އަށް އަލި އަޅުވާލެވިފައި ވަނީ ކޮންކަހަލަ ނަޒަރަކުންކަން ބަލަން ޖެހޭ ކަމަށް ފެނެ އެވެ.

މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި މިކަހަލަ ޙާދިސާ ތައް ދެނެގަތުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިފައިވާ އިރު މި ޙާދިސާގެ މަރުކަޒު ކަމަށްވާ ކަށްބޯހެރަ އާއި އެ ހިސާބުގެ ސަރަޙައްދު ދިރާސާ ކުރެވޭނެ ވަސީލަތްތައް މިހާރު ވަނީ ތަނަވަސްވެފަ އެވެ. މި ހިސާބު މިހާރު ވެސް އޮތީ ފަޅަށެވެ،

ހިތަދޫގައި މީހުން އާބާދުވެ ދިރިއުޅުނު ކަމަށް ބެލެވޭ ކޯއްޓޭ އަށް މި ކަށްބޯހުރާ ނިސްބަތް ކުރާ އިރު މިއީ ހަނގުރާމައިގެ މައިދާނަކަށް ވުން ވެސް އެކަށީގެން ވެ އެވެ. އަދި ލަފާކުރެވޭ ވަރަށް ގިނަ ސަބަބު ތަކެއް ވެސް ހުރުމާ އެކު މިއީ ވަރަށް އެވޭލާ ޒަމާނުގެ ކާރިޡާއަކަށްވުމުން ބޮޑަތި ބަލި ޖެހުމުން ކަރަންޓީނު ކުރެވޭ ސަރަޙައްދެއްގެ ގޮތުގައި މީހުން ބޭތިއްބުން ވެސް އެކަށީގެން ވެއެވެ.

މިގޮތަށް މެދުވެރި ވުމުން ބަލި ޖެހޭ މީހުން އަމިއްލަ އަށް އެތަނަށް ދިޔުމަކީ ވެސް ލަފާކުރެވޭ ސަބެބެކެވެ، މިހެން ޚިޔާލު ކުރެވެނީ އެ ސަރަޙައްދުގައި ވާ މިނިކަށިތައް ހުންނަނީ އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައި ކަމަށް އިހުގެ މުސްކުޅިންގެ ފަރާތުން އެނގިފައި ވާތީ އެވެ.

މި ކުޑަ ފަޅުރަށާއި އަދި މި ހިސާބުގެ ސަރަޙައްދު ވަނީ ޕްރޮޓެކްޓެޑް އޭރިޔާގައި ކަމަށް ވިޔަސް (ޙިމާޔަތް ކުރެވިގެންވާ) މީހުން ވަޒަންވެރިވެ ނޫޅޭ ސަރަޙައްދަކަށް ވުމުން މިތަނާ މެދު ސަމާލުކަން ދެވިފައި ވަނީ ކޮން މިންވަރަކަށް ކަމެއް ނޭނގެ އެވެ.
މިތަނަކީ "އައްޑު އަތޮޅުގެ ދިރުމާއި އުފެދުން" ކަމަށް ދެންނެވުމަކީ ތިޔަ އެންމެ ބޭފުޅުން ވެސް އިންކާރު ކުރައްވާނޭ ކަމެއް ކަމަކަށް ނުދެކެމެވެ.

ވީމާ، ރަށު ފެންވަރުގައި ނުވަތަ އަތޮޅު ފެންވަރުގައި ނޫނީ ގައުމީ ފެންވަރުގައި މިތަން ދާއިމަށް މީހުން ޒިޔާރަތްކޮށް އުޅޭ މަރުކަޒަކަށް ހެދުން ކިހިނެއްތޯ އެވެ؟
އާދެ، ދުނިޔޭގެ އެކިއެކި ޤައުމު ތަކުގައި އެތަންތަނުގެ ސިފަ ނޫނީ އަސްލު ދައްކުވައިދޭ މޮނިޔުމެންޓްތަކަކީ ބޭރުން ޒިޔާރަތް ކުރާ ފަތުރުވެރިން ނާ އަދި ކަންކަމުގެ ޙަގީގަތް ހޯދާ، ދިރާސާކުރާ ފަރާތްތަކަށް ވެސް ބޭނުންތެރި ކަމަކަށް ވާތީ މިއީ ޑެވެލޮޕްކޮށްލަން ރަނގަޅު ތަނެއް ކަމަށް ދެކެމެވެ.

އެވޭލާ ޒަމާނުގައި ހިތަދޫގެ ބޭރު ބަނދަރަކީ ކޯއްޓޭ ގޮނޑެވެ. އެތެރޭ ބަނދަރަކީ މިހާރު ވެސް ބޭނުން ކުރާ "އެތެރެ މާކޮލެވެ." އަޅުގަނޑުމެންގެ ރަށްތަކަކީ ވޮޑުމާއި ގިރުން އެކުލެވިފައިވާ މުރަކައިގެ ރަށްތަކެކެވެ.

މިއީ، މި ރަށްތަކުގެ ގުދުރަތީ ނިޒާމެވެ. ވީމާ 400 އަހަރު ކުރިން މި ހިސާބު އޮތީ ކޮން ސިފަޔަކަށް ކަމެއް ޚިޔާލަށް ވެސް ނުގެނެވޭނެ އެވެ،

ކުރީ ޒަމާނުގެ މީހުން ދިރިއުޅެފައި ވަނީ ގުދުރަތީ ގޮތުން ރަށްތައް އުފެދިފައިވާ އިރު ފަސޭހައިން އަރާ ފައިބާ، ކާބޯތަކެއްޗާއި ގަސްގަހާގެހި ހެދޭ އަދި މަތިވަރު ރަނގަޅު ރުއްގަސް ހުންނަ ހިސާބުތަކުގަ އެވެ.

މިގޮތުން ކަށްބޯހުރައިން ފެށިގެން ގޮސް ކޯއްޓޭ ސަރަޙައްދާއި އޮޑައްސަލަކީ ރަނގަޅު ބިންތަކާއި ޤުދުރަތީ ރީތިކަމުގެ އެތައް ސިފަތަކެއް މިހާރު ވެސް ފެންނަ އަދި އިހުޒަމާނުގައި ރަސްރަސް ކަލުންގެ ބޮޑެތި ކޯއްޓޭތައް ވެސް ބިނާކުރި ސަރަޙައްދެވެ. ވީމާ، މިއީ މީހުން ކުރިން ދިރިއުޅެ، ކުރީގެ އައްޑު އަތޮޅުގެ އާސާރީ ތަންތަން ފޮރުވިފައިވާ ތަންތަނެވެ. (ނިމުނީ)

* މި ލިއުން "އައްޑޫ ލައިވް" އަށް ހަދިޔާކޮށް ދެެއްވި ކަމަށްޓަކައި ފިރާގަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަމެވެ.