Last Updated: April 23, 17:09
Tuesday, April 23, 2024
ދުނިޔެ

އެމެރިކާގައި ބަޑިން ހަމަލާދީ 20 މީހުން މަރާލައިފި

ހަމަލަދިން ކަމަށް ތުހުމަތު ކުރެވޭ މީހާ

އެމެރިކާގެ ޓެކްސަސްގައި މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި 20 މީހުން މަރުވެއްޖެއެވެ.

ޓެކްސަސްގެ އެލް ޕާސޯ ސިޓީގެ ވޯލްމާޓް ފިހާރައެއްގެ ތެރޭގައި ހިނގި މި ހާދިސާގައި 26 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ މިއީ އެ ސިޓީގައި ތާރީހުގައި ކުރިމަތިވި އެންމެ ހިތާމަވެރި ދުވަސް ކަމަށެވެ.

އަދި މިއީ މުޅި އެ ސިޓީ އެއްބައިވާންވީ ވަގުތު ކަމަށާއި، މުޅި އެ ސިޓީ މިއަދު އޮތީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާދިން ކަމުގެ ތުހުމަތުގައި އުމުރުން 21 އަހަރުގެ ފިރިހެނަކު އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާދިން ވަގުތު އެ ފިހާރައިގެ ތެރޭގައި ސްކޫލަށް ބޭނުންވާ ސާމާނު ގަންނަން ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މި ހަމަލާ ކުށްވެރި ކުރައްވާފައިވާއިރު، މިދިޔަ ހަފްތާގައި އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދިޔަ ފުޑް ފެސްޓިވަލަކަށް މީހަކު ބަޑިން ދިން ހަމަލާއެއްގައި ވަނީ ތިން މީހަކު މަރުވެފައެވެ.

ބަޑިން ހަމަލާދީ މީހުން މެރުމުގެ ހާދިސާތައް އެމެރިކާގައި މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.