Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ކަޝްމީރުގައި ހަމަނުޖެހުން އިތުރުވަނީ، ލީޑަރުން ގޭބަންދުގައި

މިދިޔަ ހަފްތާގައި، އިންޑިއާއިން ބަލަހައްޓާ ކަޝްމީރުގެ ސަރަހައްދުގައި ތިބި ފަތުރުވެރިންނާއި އަޅުކަން ކުރަން ގޮސް ތިބި މީހުން އެސަރަހައްދު ދޫކޮށް ދިއުމަށް އެ ސަރަހައްދު ބަލަހައްޓާ ފަރާތްތަކުން ވަނީ އަންގާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ މިއީ މިދުވަސްކޮޅު ކަޝްމީރުގެ ފައްޅިއަކަށް ހަމަލާ ދީފާނެކަމަށް ބެލެވޭތީއެވެ.

ކަޝްމީރުގައި މިވަގުތު ތިބި މީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިންޓަނެޓާއި ސޯޝަލް މީޑިއާ ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އަދި ހޯމަ ދުވަހުގެ ވަގުތެއްގައި ކަޝްމީރުގެ ކުރީގެ ދެ ޗީފް މިނިސްޓަރުން ކަމަށްވާ އޮމަރު އަބްދުﷲ އާއި މެހެބޫބާ މުފްތީ ވަނީ ގޭބަންދުކޮށްފައެވެ.

މިކަމާ ގުޅިގެން ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ލިބިފައި ނުވާއިރު، ބެލެވޭ ގޮތުގައި ދިއްލީއިން ދަނީ ކަޝްމީރަށް ޚާއްސަކޮށްފައިވާ ޤަވައިދެއް އުވާލުމަށް މަސައްކަތް ކުރަމުންނެވެ. މި ޤަވައިދުގެ ދަށުން ކަޝްމީރުގައި ރަށްވެހިވެގެން އުޅޭ މީހަކަށް މެނުވީ ކަޝްމީރުން ބިމެއް ނުގަނެވޭނެއެވެ. މީގެ ކުރިން ކަޝްމީރުގެ އެކި ލީޑަރުން ވަނީ މި ޤަވައިދު އުވާނުލުމަށާއި، އުވާލައިފިނަމަ ލިބިދާނެ ގެއްލުންތަކާ ބެހޭގޮތުން ބަޔާނެއް ނެރެފައެވެ.

އިންޑިއާގެ މައި ޕާޓީ ކަމަށްވާ ބީޖޭޕީގެ މެނިފެސްޓޯގައިވަނީ އެ ޤައުމުގެ ޤާނޫނުގެ 35ވަނަ މާއްދާގެ އޭ އިން ކަނޑައަޅާފައިވާ މި ޤަވައިދު އުވާލަން މަސައްކަތް ކުރާނެކަމަށް ބުނެފައެވެ. ބެލެވޭ ގޮތުގައި މީގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ހީނަރު ވުން އެކަށީގެންވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ކަޝްމީރުން މީހުން ނިކުތުމަށް އިލްތިމާސް ކޮށްފައިވީނަމަވެސް، އަދި މިހާތަނަށް ކަޝްމީރުގެ ދެ ޤައުމުން ބަލަހައްޓާ ސަރަހައްދު ގުޅޭ ހިސާބުގައިވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވެއެވެ. ނަމަވެސް އިންޑިއާ އިން ދަނީ ޕާކިސްތާނުން ހަނގުރާމަވެރިންނަށް ބާރުތައް ދޭކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

އިންޑިއާގެ ސަރަހައްދުގައި ވާ ކަޝްމީރުގެ ބައިގައި އެޤައުމުން އިއުލާނުކުރި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެތައް ބަޔަކުވަނީ ޕެޓްރޯލް ޝެޑުތަކާއި، އޭޓީއެމްތަކުގެ އިތުރުން ސުޕަމާރކެޓްތަކުގައި ކިއު ހަދާފައެވެ. އެންމެ ފަހުން މިފަދަ ނުރައްކަލުގެ ހާލަތެއް އެސަރަހައްދުގައި އިއުލާން ކުރެވުނީ 2016 ގައެވެ. އެއީ މަޝްހޫރު ސަރުކާރާއި ދެކޮޅު ލީޑަރަކު މަރާލުމާއި ގުޅިގެން ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރުމުގެ ސަބަބުންނެވެ. އެ ހާދިސާގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.