Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ހޫނު ދުވަސްތަކުގައި އަޅަން އެންމެ ރަނގަޅީ މިކަހަލަ ބުރުގާ

ދިވެހި މުޖުތަމައުގެ ފުދޭވަރަކަށް ގިނަ އަންހެނުން ތިބެނީ ބުރުގާ އަޅައިގެންނެވެ. ބުރުގާ އެޅިނަމަވެސް، ގިނަ މީހުންނަކީ އިސްތަށިގަނޑާއި ހަންގަނޑަށް ވަރަށް ބަލައިގެން އުޅޭ މީހުންނެވެ. މިޒަމާނުގައި ތަފާތު އެކިކުލަކުލައިގެ، އެކި ފޮތިން ހުންނަ ބުރުގާ އާއި ޝޯލް ލިބެން ހުރެއެވެ.

ބައެއް ޝޯލްތަކާއި ބުރުގާތައް ހަދާފައި ހުންނަނީ ފިނިތަންތަނަށް ޚާއްސަކޮށެވެ. އަދި ބައެއް ކަހަލަ ޝޯލްއާއި ބުރުގާ ހޫނު ތަންތަނުގައި ބޭނުންކުރަންވެސް ހަދާފައި ހުރެއެވެ. އެހެންކަމުން ރާއްޖެކަހަލަ ހޫނު ތަނެއްގައި ބޭނުން ކުރުމަށް އެންމެ ރަނގަޅީ ކޮންކަހަލަ ވައްތަރެއްކަން ދެނެގަންނަން އެބަ ޖެހެއެވެ. ޚާއްސަކޮށް އަލަށް ބުރުގާ އަޅާ މީހަކަށް މިމައުލޫމާތު ވަރަށް ބޭނުންތެރިވާނެއެވެ.

ބުރުގާއެއް ނުވަތަ ޝޯލްއެއް ގަންނަ އަރު، އެންމެ ފުރަތަމަ އޭގައި އަތްލުމަކީ މުހިންމު ކަމެކެވެ. އެ ހަދާފައި ހުންނަ ފޮއްޗަކީ ލުއި، މަޑު، އަދި އަތްލުމުން އަތަށް ކުޑަ ފިނިކަމެއް އިހުސާސް ކުރެވޭ ފޮއްޗަކަށް ވާންވާނެއެވެ. އަދި އެފޮތިން ރަނގަޅަށް ވައި ދައުރު ވޭތޯ ބަލަން ވާނެއެވެ. މީގެ އިތުރުން ބުރުގާ ގަންނަ އިރު، އަބަދުވެސް މަޑު ކުލަކުލައިގެ ފޮތިން ހުންނަ ބުރުގާތަކަށް އިސްކަން ދިނުން މުހިންމެވެ. ސަބަބަކީ ހޫނުގެ އަސަރު އެންމެ ކުޑަކޮށް ބޮލަށް ކުރާނީ މި ފަދަ ބުރުގާތަކުން ކަމަށްވާތީއެވެ.

މިގޮތުން ހޫނު ތަންތަނުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކަފަ ފޮތި، ލިނެން އަދި ވިސްކޯޒް ރޭޔަން ފޮތިން ހުންނަ ބުރުގާއެވެ. މި ތިން ބާވަތުގެ ބުރުގާއަކީވެސް ކުރިން ބުނެވިދިޔަ ފަދައިން މަޑު، ލުއި، އަދި ވަރަށް ރަނގަޅަށް ވައި ދައުރުކޮށްދޭ ފޮތިން ހަދާފައި ހުންނަ ބުރުގާތަކެވެ. މީގެ އިތުރުންވެސް، ބްލެންޑެޑް ނުވަތަ ދެވައްތަރެއްގެ ފޮތި އެއްކޮށްގެން ހަދާފައިވާ ފޮތިތަކަކީވެސް ބުރުގާއަށް ރަނގަޅު ފޮތިތަކެކެވެ.

މިފަދަ ބުރުގާތައް ހަދާފައި ހުންނަނީ އާންމުކޮށް ކޮޓަން ނުވަތަ ކަފަ ފޮއްޗާއި އެހެން ބާވަތެއްގެ ފޮތި އެއްކޮށްގެންނެވެ. މި ހުރިހާ ވައްތަރަކީވެސް އަގު ހެޔޮކޮށް، ފަސޭހައިން ލިބެން ބާޒާރުން ލިބެން ހުންނަ ވައްތަރެވެ.