Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މަރަދޫ އީދި ސަމާގެ ދައުވަތު އައްޑޫގެ މޭޔާރ ސޯބެއަށް!

ކުރިއަށް މިއޮތް އަޟުހާ އީދުގެ އުފަލުގައި އައްޑޫ ސިޓީ މަރަދޫ ރައްޔިތުން ގުޅިގެން ބާއްވާ އީދި ސަމާ ހަރަކާތުގައި ބައިވެރިވުމަށް އައްޑޫގެ މޭޔަރ އަބްދުﷲ ޞާދިޤަށް ދައުވަތު އަރުވައިފިއެވެ.

ދައުވަތު އެރުވުން އޮތީ އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި މި ބައްދަލުވުމުގައި ހަރަކާތުގެ ރަސްމީ ޓީޝަރޓްވެސް މޭޔަރަށް ވަނީ ހަދިޔާކޮށްފައެވެ.

މި ހަރަކާތާ ގުޅިގެން މޭޔަރ ވިދާޅުވީ، ޖަމްޢިއްޔާ ޖަމާޢަތްތަކުން ގުޅިގެން އީދު ފާހަގަކުރުމަށް ހަރަކާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން އެކުވެރި، ގުޅުން ބަދަހި މުޖުތަމައެއް ބިނާވެގެން ދިޔުމަށް މަގުފަހިވާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ހަރަކާތްތަކުގައި ކައުންސިލުން އެހީ ފޯރުކޮށްދެނީވެސް، ސިޔާސީ އަދި އެނޫންވެސް އެކި ކަންކަމުގައި އޮންނަ ހިތް ތަފާތުކަން އެއްކިބާކޮށް އީދުގެ އުފަލުގައި، އެންމެން އެއްކޮށް ގުޅުން ބަދަހިކޮށް މަސައްކަތްކުރުމުގެ މުހިންމު ކަމުންކަމަށެވެ. އަދި މޭޔަރ ގެ އެދުމަކީވެސް އެއީކަމަށެވެ.

މަރަދޫ އީދި ސަމާއަކީ މިއަހަރުގެ އަޟުހާ އީދުގެ މުނާސަބަތާއި ގުޅިގެން ބާއްވާ ހަރަކާތެކެވެ. މިހަރަކާތް 7 ދުވަސް ވަންދެން، ތަފާތު އެކިއެކި ހަރަކާތްތަކާއެކު ކުރިއަށްދާނެއެވެ.