Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ލުތުފީ ފިލީ ޚިޔާނާތް ފޮރުވަން، އިންސާފު އަރާ ހަމަކުރާނެ: އީވާ

ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ -- ފޮޓޯ / މަޖިލިސް

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ރާއްޖެ ދޫކޮށް "ފިލާފައިވަނީ" ކުރީ ސަރުކާރުން ކުރި ވައްކަމާއި ހިންގި ޚިޔާނާތުގައި ބައިވެރިވުމަށް ފަހު އެކަންތައް ފޮރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފިލައިގެން ހުއްޓަސް، ލުތުފީއާ ވެސް އިންސާފު އަރާ ހަމަކުރާނެ ކަމަށާއި ފިލައިގެން ނޯވޭނެ ކަމަށް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވިއެވެ. މިސަރުކާރުން ލުތުފީވެސް ގެނެސް ޚިޔާނާތާއި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންސާުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ، ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދިނުމަށް މަޖުބޫރުކޮށް ބިރު ދައްކާ އޯޑިއޯއެއް އާންމުވުމާ ގުޅިގެންނެވެ. އެ އޯޑިއޯގައި ލުތުފީއަށް ބިރުދައްކަނީ ހޯމް މިނިސްޓަރ އިމްރާން ކަމަށް ބުނެފައިވެއެވެ. ލުތުފީގެ ކަރުގަ ހިފާ ބިރު ދެއްކި ކަމަށް ބުނެފައިވާއިރު އެމަނިކުފާނު އެހާ ގަމާރުވެއްޖެ ކަމަށް ގަބޫލުކުރާނެ ދިވެއްސަކު މިގައުމުގައި ނެތް ކަމަށް ވިދާޅުވެ އިމްރާން ވަނީ ރައްދު ދެއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުން ވަނީ ލުތުފީވެސް ހެއްކެއްގެ ގޮތުގައި ހުށައަޅާފައެވެ. ނަމަވެސް އާދީއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ލުތުފީ ރާއްޖޭގައި ނެތުމުން ހާޒިރުކުރެވިފައިނުވާއިރު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވަނީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި ވީހާވެސް ގިނަ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމަށް ކޯޓުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން އެދުވަހު ހާޒިރުކުރެވުނީ އޭރުގެ އޭސީސީގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް މުއައްވިޒެވެ.

މުއައްވިޒު ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރެވުނު އެސްއޯއެފް އެކައުންޓުގެ އެއް މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާ ކަމަށް ޝައްކު ކުރެވެ ކަމަށާއި އެފައިސާ ބޭނުން ނުކުރެއްވުމަށް އެންގެވި ކަމަށް ވިދާޅުވެފައެވެ. ޖަވާބުގައި ޔާމީން ވަނީ އެފައިސާއަކީ ޝައްކުކުރެވޭ ފައިސާކަމަށް ބުނެފައިވަނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރި އެ ފައިސާ ފައިދާ ހޯދުމުގެ ގޮތުން އިންވެސްމެންޓު އެކައުންޓަކަށް ޖަމާކުރުމުގެ ފަހުން ކަމަށާއި ނޭނގި ފައިސާގައި ބޭނުންކުރެވިފައި ހުރުމަކީ ކުށެއް ނޫން ކަމަށް ދޭހަވާ އިބާރާތުން ޝަރީއަތުގައި ވާހަކަ ދައްކަވާފައެވެ.