Last Updated: August 25, 22:43
Monday, August 26, 2019
ޚަބަރު

ޚިޔާނަތް ހިންގި ކަމަށް އަދީބު އިއުތިރާފުވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކަރެކްޝަންސްގެ އޮފިސަރުންތަކަކާ އެކު: ފޮޓޯ - ރާއްޖެ އެމްވީ

ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ދިވެހި ރާއްޖޭގެ ފަޅުތަކާއި ރަށްތައް ނުއަގުގައި ވިއްކައިގެން ދައުލަތުން 1.3 ބިލިއަން ރުފިޔާއިން ޚިޔާނާތްތެރިވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެވަޑައިގެންފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މައްސަލަ ބެލުމަށް ފަހު ޚިޔާނާތުގައި ބައިވެރިވީ އަދީބާއި އޭރުގެ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތު ކަމަށް ސާބިތުވެ ދެބޭފުޅުންނަށް ވެސް ވަނީ ޖަލު ހުކުމް އައިސްފައެވެ.

ނަމަވެސް މިސަރުކާރުން އެމައްސަލަ އަލުން ބަލަން ފަށާފައިވާއިރު އަދީބު ވަނީ އޭނާގެ އިތުރުންވެސް އެތައް ބަޔަކު އެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށާއި އެކަން ސާބިތުކުރުމަށް ގިނަ ހެކިތަކެއް ވެސް ދިވެހި ފުލުހުންނަށް ދީފައިވާ ކަމަށް ބުނެފައެވެ.

ޓަގު ބޯޓެއްގައި ފިލައިގެން ދިއުމަށް ފަހު އިންޑިޔާ ސިފައިން އަތުލައިގެން ދިވެހި ސިފައިންނާ ހަވާލުކޮށް ރާއްޖެ ގެނައުމަށް ފަހު އަދީބު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކޮށްފައެވެ.

ޚިޔާނާތުގައި ބައިވެރިވި ކަމަށް އަދީބު އިއުތިރާފު ވެވަޑައިގެންނެވީ ބަންދުގެ އަޑުއެހުމުގައެވެ. އެގޮތުން އަދީބު ވަނީ ދައުލަތަށް ވަންނަން ޖެހޭ ފައިސާ ވަންނަން ޖެހޭ އެކައުންޓުތަކަށް ޖަމާކުރުމުގެ ބަދަލުގައި، ފައިސާ ލޯންޑާކޮށް އެހެން އެކައުންޓުތަކަށް ފޮނުވި ގޮތާއި ފޮނުވި އެކައުންޓުތަކުގެ ތަފްސީލް ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި މިކުށަށް އިއުތިރާފް ވުމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ އެއީ ކުށަށް އިއުތިރާފް ވުން ކަމަށް ފާހަގަކޮށް ޝަރީއަތުގެ މަޖިލީހުގައި އެކަން ގާޒީގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެކަން ރިކޯޑު ކުރެއްވުމަށް ވެސް ރިޔާޒް ވަނީ ހުށައަޅާފައެވެ.

އަދީބުގެ ފަރާތުން ވަކީލް ވަނީ ކޯޓުގައި ދެއްކި ވާހަކަތައް ކޯޓުން ތައްޔާރުކުރާ ބަޔާނުގައި ތެދުކޮށް ސޮއިކުރާނެ ކަމަށްވެސް ބުނެފައެވެ.

ޚިޔާނާތުގެ ފައިސާ އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ ކަމަށާއި އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާ ކަމަށް ފުލުހުންނާއި އޭސީސީން ހިންގި ތަހުގީގުގައި ސާބިތުވާކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. އެމައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި އަންނަނީ ބަލަމުންނެވެ.