Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ގައުމަށް ހިދުމަތް ކުރަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާނަން: އަޝްފާގް

ދަގަނޑޭ އަށް އެވޯޑު ހަވާލުކޮށްދެނީ - ފޮޓޯ: ރައީސް އޮފީސް

ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އެވޯޑްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ދަގަނޑޭ އަށް ލިބިފައިވާއިރު އޭނާ މިއަދު ބުނީ އޭނާގެ 18 އަހަރުވީ ފުޓްބޯޅަ ކެރިއަރުގައި މިދިޔަ އަހަރަކީ ވަރަށް ހާއްސަ އަހަރެއް ކަމަށާއި އެގޮތުން ތަފާތު ދެ ކްލަބަކާއެކު މޮޅު ކުޅުންތެރިއާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

"ދިމާވި ހުރިހާ ދަތިތަކާއެކު ވެސް މި ކާމިޔާބީ މިންވަރުކޮށްދެއްވީތީ މާތް ރަސްކަނލާގެ އަށް ހަމްދުކުރަން. ނިއުރޭޑިއަންޓް އަދި ޓީސީގެ މެނޭޖްމެންޓާއި ކުޅުންތެރިންނަށް ހާއްސަ ޝުކުރެއް ދަންނަވަން" ދަގަނޑޭ ބުންޏެވެ.

ދަގަނޑޭ ބުނީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައިވެސް މިގޮތުގައި ދެމިހުރުން ކަމަށާއި އަދި ގައުމަށް ހިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައިވެސް އުފަލާއެކު ހިފާނެ ކަމަށެވެ. އަދި ސަޕޯޓަރުންނަށް ވެސް ހާއްސަ ޝުކުރެއް ދަގަނޑޭ ވަނީ ރައްދުކޮށްފައެވެ.

މޮޅު ކުޅުންތެރިއާގެ އިތުރުން މިދިޔަ އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ވެސް ހާސިލުކޮށްފައިވަނީ ދަގަނޑޭއެވެ. އޭނާ އެ މަގާމު ހާސިލުކުރީ 42 ގޯލު ޖަހައިގެންނެވެ.

ގައުމީ ޓީމުގައި މިހާރު ނުހިމެނުނު ނަމަވެސް ދަގަނޑޭ އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ކުޅުންތެރިއާ އެވެ.