Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އެދިއްޖެ

އަދީބު ކޯޓަށް ވަދެވަޑައިގަންނަވަނީ - ފޮޓޯ: ޝުމްބާ ގޮންގް

ސުޕްރީމް ކޯޓުގައި ހިނގަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ނިމެންދެން އޭނާ ބަންދުކޮށްދޭން ދައުލަތުން އެ ކޯޓުގައި މިއަދު އެދިއްޖެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެވެ.

އަދީބުގެ މައްޗަށް އެ މައްސަލައިގައި އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލުކުރުމަށްފަހު ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި ކަމަށާއި އަދި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ނިންމައި އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައެވެ. އެހެންވެ ދައުލަތުން ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އާލިމް އަބްދުﷲ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު މިއަދުން މިއަދަށް ބަންދު ކުރުމަށް ބޭނުންވާ ކަމަށާއި އެގޮތަށް އެދޭ ސަބަބަކީ ފިލުމުގެ އިހުތިމާލާއި އޭނާގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކާ އޮތުމުގެ އިހުތިމާލު އޮތުމުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަަވަމުން އަދީބު ވިދާޅުވީ އޭނާ މިހާރު ވެސް ބަންދުގައި ހުންނެވުމުން ބަންދު ކުރުމަށް އިތުރު އަމުރެއް ނެރުމަކީ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ފިލައިގެން ދާން މަސައްކަތް ކުރީ ފުރާނައަށް ނުރައްކާވާ އިންޒާރުތައް ލިބެމުންދިޔުމާ ގުޅިގެން ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އަދީބުގެ ބަންދާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ކަނޑައެޅުމަށް ނިންމާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނެ ތާރީހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.