Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކޮމިޝަނަރ ޖެނެލަރް އޮފް ޓެކްސޭޝަން ވަކި ކުރުމުގެ ބާރު މަޖިލީހަށް ދެނީ

ކޮމިޝަނަރ ޖެނެލަރް އޮފް ޓެކްސޭޝަން:

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅައި، އެ މަގާމަށް އަންނަ ބޭފުޅަކު ވަކި ކުރުމުގެ ބާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ހުށަހެޅުއްވި މި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވިކަން، ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރާ ކަމަށް، ނޫނީ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މުސްތަގިއްލު ކޮމިޝަނުތަކާއި މަގާމުތަކާއި ބެހޭ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމެޓީއަށް ފެނިގެން އެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން ވަކިވާނެ ކަމަށެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ނުވަތަ ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަން އަމިއްލައަށް މަގާމުން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި ސިޓީއަކުން އެކަން އެންގުމުން މަގާމުން ވަކި ކުރެއްވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

އިސްލާހުގައި މީރާގެ ބޯޑު އެކުލެވިގެންވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މާބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވިނަމަވެސް މީރާގެ ބޯޑަށް އައްޔަން ކުރައްވާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭނީ މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް މި ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވެއެވެ. މިހާރު ގާނޫނުގައި ބުނެފައިވަނީ ބޯޑުގެ މެންބަރުން އައްޔަން ކުރަންވާނީ ރައްޔިތުން މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މީރާގެ ބޯޑަށް އައްޔަން ކުރައްވާ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުވާއިރު ބޯޑަށް މެންބަރުން ބޭނުންވާ އަދަދަށްވުރެ އިތުރަށްވެސް ނަން ފޮނުވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އިސްލާހުގައި އިތުރަށް ބުނެފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެންބަރެއްގެ ގޮތުގައި ކަމަށެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ ދައުރު ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ. މިހާރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި މި ދެ މަގާމުގެ މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.

ޓެކްސްނެގުމާ ބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވާގޮތުން ޓެކްސްގެ މައްސަލައެއް ޓެކްސް އެޕީލް ޓްރިބިއުނަލަށް އިސްތިއުނާފު ކުރުމުގެ ހައްގު އުފަން ވާނީ މީރާއިން ކަނޑައަޅާ އަދަދެއް އެއްކޮށް ދެއްކުމަށް ފަހު ކަމަށެވެ. އިލްޔާސް ލަބީބު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޓެކްސްގެ މައްސަލައެއް އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު އިސްތިއުނާފު ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ދައްކަން ޖެހޭ ފައިސާގެ 30 ޕަސެންޓް ދެއްކުމުން އިސްތިއުނާފު ކުރެވޭ ގޮތަށްވެސް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.