Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އަދީބު ފިލި ޓަގު ބޯޓުގެ މައްސަލައެއް ބަލަނީ

ޓަގު ބޯޓު މާލެ ސަރަހައްދުގައި --

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ފިލުމަށްޓަކައި އެރި ޓަގު ބޯޓުގެ މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓާއި ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި ބުނީ އެ ޓަގު ބޯޓު މިއަދު ރާއްޖެއައުމުން ހިފަހައްޓާ ދިނުމަށް އެދި މޯލްޑިވްސް ކަސްޓަމްސްގައި އެދިފައިވާނެ ކަމަށެވެ. އެ ބޯޓު ހިފެހެއްޓީ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ބޯޓުން ދަތުރުކުރި އެއްވެސް ފަޅުވެރިއެއް ހިފަހައްޓާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ. އެ ބޯޓު މާލެ ސަރަހައްދުގައި އޮތް ފޮޓޯތަކެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ބޯޓު ދަތުރުކުރި ޓްރެކް ރެކޯޑުތަކުން އެނގޭ ގޮތުގައި އެ ބޯޓު ރާއްޖެއަށް އައިސްފަނީ އިންޑިއާގެ ޓުޓިކޮރިންއެވެ. މި ބޯޓާއި ގުޅޭގޮތުން ފުލުހުން ބަލަމުންދަނީ ސީދާ ކޮން މައްސަލައެއް ކަމެއް ނޭނގެއެވެ. ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ "ވާގޯ 9" ގައި އޭނާ ހުއްޓައެވެ. އަދީބު މާލެ ގެނެސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ މިހާރު ހުންނެވީ ފުލުހުންގެ ބަންދުގައެވެ. ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ ބަންދަށް 15 ދުވަސް ޖަހާ ދީފައެވެ.