Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ބޭސްފަރުވާއަށް ސަލާމް ޖެހުން ހުއްޓުމަކަށް ނާދޭ: މެންބަރުން

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް

ރާއްޖޭގައި ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުމަށް އަދިވެސް ނާންނަ ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް މެންބަރުން ވިދާޅުވީ ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުމަކަށް ގެނައުމީ 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ނަމަވެސް އަދިވެސް ބޮޑެތި ބަލިތަކަށް ސަލާން ޖެހުން ހުއްޓުމަކަށް ނާންނަ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

މެންބަރުން ފާހަގަކުރި ގޮތުގައި އެންސްޕާގެ ތެރެއިން ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ކަންކަން ހަމަޖެހެން ޖެހޭނެއެވެ. ބައެއް މެންބަރުން ވިދާޅުވީ މިހާރުވެސް ޒާތް ޒާތުގެ އެއްޗެހި ވިއްކައިގެން ބަލިތަކަށް ފައިސާ ހޯދުމަށްޓަކައި އާއިލާތަކުން މަގުތަކަށް ނިކުންނަ ކަމަށާއި ސޯޝަލް މީޑިއާގެ ޒަރީއާއިންވެސް ފައިސާ ހޯދުމުގެ މަސައްކަތް އާއިލާތަކުން ކުރާ ކަމަށެވެ.

"ރަށުން އަތޮޅުން ނުލިބޭ ފަރުވާ ހޯދުމަށް މަޖުބޫރީ ހާލަތުގައި މާލެއަށް އަންނަން ޖެހޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން މިއަށްވުރެން ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަން ޖެހޭ،" ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވި އެވެ.

މި އިސްލާހަށް ބަހުސް ކުރަމުން ބައެއް މެންބަރުން ވަނީ ރާއްޖޭގެ އެކި ރަށްތަކުން ބޭހަށް މާލެ އަންނަ ފަރާތްތަކުގެ ބޭހަށްދާ ހަރަދަށްވުރެ ބޮޑު ހަރަދެއް ހުރުމާއި ކެއުން ބުއިމަށް ދާކަން ފާހަގަކުރައްވާ އެފަދަ ކަންކަންވެސް ގާނޫނުގެ ތެރެއިން އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.