Last Updated: April 26, 15:02
Friday, April 26, 2024
ކުޅިވަރު

ރަން މެޑަލް ތަރި ދީމާ އައްޑޫގައި

ދީމާ އާއި ދީމާގެ މަންމަ ފޭދޫ ސްކޫލްގައި

މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އައްޑޫ ސިޓީ އަށް އަތުވެއްޖެއެވެ.

އުމުރުން 11 އަހަރުގެ ދީމާ އައްޑޫ އަށް އައިސްފައިވަނީ ޗުއްޓީ އަކަށެވެ.

ދީމާ އައްޑޫ އަށް ކުރާ މި ދަތުރުގެ ތެރެއިން މިއަދު ވަނީ އައްޑޫ ސިޓީ ފޭދޫގައި ހުންނަ ފޭދޫ ސްކޫލަށް ޒިޔާރަތްކޮށް އެ ސްކޫލްގެ ދަރިވަރުންނާއި އެ ސްކޫލްގެ އިސްވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

އެ ސްކޫލަށް ކުރި ޒިޔާރަތުގައި ދީމާ ވަނީ އެ ސްކޫލަށް ޒިޔާރަތްކުރާ މެހެމާމުންގެ ފޮތުގައި ސޮއިކޮށް، ކުޅިވަރުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާއި، ގޮންޖެހުންތަކާއި، އަދި ކުރިއަށް އޮތް ތަނުގައި ހޯދަން ބޭނުންވާ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދީމާ ވަނީ ތިން މެޑަލް ހޯދާ ދިވެހި ކުޅިވަރުގެ ތާރީހުން ޖާގަ ހޯދާފައެވެ. އެގޮތުން މި ކާމިޔާބީއާއެކު ދީމާ ވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ.

އައިއޯއައިޖީގައި ދީމާ ރަން މެޑަލް ހޯދީ ޓީޓީގެ ވިމެންސް ސިންގަލްސް އާއި ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމު އިވެންޓުންނެވެ.