Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ދީމާގެ އަމާޒު: އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރުން!

ދީމާ އަލީ - އެމްއޯސީ ފޮޓޯ: ނިޝާން އަލީ

އަމާޒަކީ ކޮންމެވެސް ދުވަހަކުން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުން ކަމަށް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނެފިއެވެ.

ދީމާ މިހެން ބުނެފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް އައްޑޫ ސިޓީއަށް ކުރާ ޒިޔާރަތުގެ ތެރެއިން ފޭދޫ ސްކޫލަށް މިއަދު ކުރި ޒިޔާރަތުގައި ކުޅިވަރުގެ ކެރިއަރާއި ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

ކެރިއަރުގައި މިހާރުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދީމާ ބުނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްގައި ޓޭބަލް ޓެނިސް އިން ރާއްޖެ ތަމްސީލްކުރުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އޮލިމްޕިކްސްގައި މިހާތަނަށް އަދި ދިވެހި ޓީޓީ ކުޅުންތެރިއަކު ވާދަކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން ސާފް ގޭމްސްގައި ޓީޓީ އިން ރަން މެޑަލް ހޯދުމަކީ ވެސް އުމުރުން 11 އަހަރުގެ ދީމާގެ އަމާޒެކެވެ.

ކުޅިވަރު ކުޅުމާއި އެއްވަރަށް ކިޔެވުމަށް ވެސް މޮޅު ދީމާ ވަނީ އޭނާގެ ކާމިޔާބީތަކުގެ ސިއްރަކީ މައިންބަފައިން ދެމުންދާ އެއްބާރުލުން ކަމަށްވެސް ބުނެފައެވެ.

ރާއްޖޭގެ އިތުރުން ލަންކާގެ ގިނަ މުބާރާތްތަކެއް ވެސް ކާމިޔާބުކޮށްފައިވާ ދީމާ އަކީ މިދިޔަ މެއި މަހު ސްވިޑެންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީހުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.

އަދި އެންމެފަހުން މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދީމާ ވަނީ ތިން ރަން މެޑަލް ހޯދާ ދިވެހި ކުޅިވަރުގެ ތާރީހުން ވެސް ޖާގަ ހޯދާފައެވެ. އެގޮތުން މި ކާމިޔާބީއާއެކު ދީމާ ވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ.

އައިއޯއައިޖީގައި ދީމާ ރަން މެޑަލް ހޯދީ ޓީޓީގެ ވިމެންސް ސިންގަލްސް އާއި ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމު އިވެންޓުންނެވެ.