Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ކައުންސިލަރު ކަމަށް ކުރިމަތިލިޔަސް ޔާމީން ދެން ނުހޮވޭނެ: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު --

ރަށެއްގެ ކައުންސިލަރަކު ކަމަށް ކުރިމަތިލެއްވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެން އިންތިހާބު ނުވާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ އިދިކޮޅުގައި މިވަގުތު އޮތް ޕީޕީއެމް އާއި ޕީއެންސީ ހިނގަނީ ބަނގުރޫޓުވެފައިވާ ކުންފުނިތަކެއް ހިނގާ ގޮތަށް ކަމަށާއި ޕީޕީއެމްގެ ލީޑަރު ކަމުގައި ހުންނެވި ޔާމީން ވެސް ހުންނެވީ ބަނގުރޫޓޫ ވެފައި ކަމަށެވެ.

އަދި ޔާމީން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކަށް ވެސް ޑީއާރްޕީ އަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޔާމީން އަކީ މިހާރު ސިޔާސީ ބޭފުޅެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"މިދިޔަ އިންތިހާބުގައި ޔާމީން އެ ހުންނެވީ ފެއިލްވެފައި. މި ރާއްޖޭގެ ރައްޔިތުން ކުރިމަތީގައި ދެން ޔާމީން ކައުންސިލަރަކަށް ލިޔަސް އެ ބޭފުޅާ ނުހޮވޭނެއޭ. ރާއްޖޭގެ ރައްޔިތުންނަށް އިނގޭ ހުރިހާ ކަމެއް" ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ އިދިކޮޅު ލީޑު ކުރަމުން އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޑީއާރްޕީން ކަމަށާއި އެގޮތުން އެ ޕާޓީ އަށް ހުރިހާ ފަންތިއެއްގެ މީހުން ވެސް ވަންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް 100 މީހުން ބޭނުން ނުވާ ކަމަށާއި އޭނާ އެކަނި ވެސް މިހާރުވެސް މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވަން ގިނަ ކަންތައްތަކެއް ކުރަމުންދާކަން ޖާބިރު ފާހަގަކުރެއްވިއެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވަން 100 މީހުން ބޭނުމެއް ނުވޭ. ކޮންމެ ޓީމެއްގައި ވެސް ހުންނާނީ އެންމެ މެސީއެއް، އެންމެ ފެޑެރާއެއް. 11 މެސީއެއް ނުތިބޭނެ. އަޅުގަނޑު އެކަނިވެސް އެކަން ހަމަޖައްސާނަން. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހާރުވެސް މިދަނީ އެކަން ފެންނަމުން" ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްނުދޭނަމަ އެކަމާ ޑީއާރްޕީން އަޑުއުފުލާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މުޒާހަރާ ކުރަން ޖެހިއްޖެނަމަ އެކަންވެސް އެ ޕާޓީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.