Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަމާޒަކީ ޑީއާރްޕީއަށް 80،000 މީހުން ވެއްދުން: ޖާބިރު

އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަށް 80،000 މީހުން ވެއްދުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޑީއާރްޕީން ވާދަކުރާނެ ކަމަށާއި އެ އިންތިހާބާ ހަމައަށްދާއިރު ޕާޓީގައި 80،000 މެމްބަރުން ތިބުމަކީ ރަނގަޅު އަދަދެއް ކަމަށް ގަބޫލުކުރާ ކަމަށެވެ،

"އިންތިހާބަކަށް ދާއިރު ރަނގަޅު ނަމްބަރެއް ކަމަށް އަޅުގަނޑު މި ބަލަނީ. މިއީ މާބޮޑު ކަމެއް ނޫން. ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރަންޖެހޭނެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް، ޕާޓީގެ އެކިއެކި ގުނަންތަކުގައި ތިއްބެވި ބޭފުޅުން ވެސް، ޕާޓީގެ އެކިއެކި ވަޒީފާތަކުގައި ތިބޭ ބޭފުޅުން ވެސް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޕާޓީން މަގާމެއް ދިނުމުން ނަމެއްގެ ގޮތުގައި ތިބޭ ބަޔަކަށް އެ މަގާމުތަކުގައި ތިބޭ ފަރާތްތައް ވެގެން ނުވާނެ ކަމަށާއި އެގޮތުން މަގާމުތަކުގައި ތިބޭ ބޭފުޅުންނާއި ޕާޓީގެ ކައުންސިލް މެމްބަރުން ވެސް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

އަދި ރާއްޖޭގައި މިހާރު ތިބި ގިނަ ޕާޓީތަކަކީ ކޮންމެވެސް މީހެއްގެ ޕާޓީތަކެއް ކަމަށާއި ނަމަވެސް ޑީއާރްޕީ އަކީ ސީދާ ރައްޔިތުންގެ ޕާޓީއެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ބޭނުންވަނީ އޭނާގެ ޒުވާން އުމުރުގައި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ޕާޓީތައް ހިންގާނެ ގޮތް ދައްކައިދޭން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޑީއަރްޕީއޭ މިހާރު މުސްތަގުބަލަކީ. ދެން ހުރި ޕާޓީތައް މިހާރު ވަރުބަލިވެއްޖެއޭ، ދެން ނެތޭ ޕާޓީއެއް ވެސް. އެހެންވީމަ ޑީއާރްޕީއޭ މިހާރު އޮތް ޕާޓީއަކީ" ޖާބިރު ވިދާޅުވިއެވެ.

ޑީއާރްޕީއަށް 80،000 މެމްބަރުން ވެއްދުމަށް އަމާޒު ހިފާފައިވާއިރު، އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތެއް މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތުގެ ތެރެއިން ސައިކަލު ބުރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.