Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

70 މިލިއަން ޕައުންޑަށް ލުކާކޫ އިންޓަ އަށް

ރޮމެލޫ ލުކާކޫ - ފޮޓޯ: ޕީއޭ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް ބަދަލުވުމާ ގާތަށް ގޮސްފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ލުކާކޫގެ ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑާއި އިންޓައާ ދެމެދު އިއްޔެގެ ވަގުތެއްގައި ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ލުކާކޫ އިންޓައަށް ބަދަލުވަނީ 70 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އިންޓައަށް މިހާތަނަށް އެންމެ ބޮޑު އަގެއްގައި ގެންނަ ކުޅުންތެރިޔާ ވެސް މެއެވެ.

އިންޓައަށް ބަދަލުވުމުން އުމުރުން 26 އަހަރުގެ ލުކާކޫ އަށް ހަފްތާއަކު ގާތްގަނޑަކަށް 300،000 ޕައުންޑު ލިބޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ ފުރިހަމަ ކުރުމަށް ރޭގެ ވަގުތެއްގައި ލުކާކޫ އިޓަލީ އަށް ގޮސްފައިވާއިރު، މިއަދުގެ ވަގުތެއްގައި އޭނާ އިންޓަ އަށް ބަދަލުވުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ފުރިހަމަ ކުރާނެއެވެ.

ލުކާކޫ ޔުނައިޓެޑާއި ގުޅުނީ 2017 ވަނަ އަހަރު އެވަޓަން އިން 75 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުނައިޓެޑާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި ލުކާކޫ މޮޅު ކުޅުމެއް ދައްކާ 27 ގޯލު ކާމިޔާބުކުރި ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ އަށް ކާމިޔާބު ކުރެވުނީ 15 ގޯލެވެ.

ލުކާކޫ އިންޓަ އަށް ވިއްކާލުމަށްފަހު އޭނާ ނެތްތަން ފޫބައްދަން އިތުރު ކުޅުންތެރިއަކު ޔުނައިޓެޑަށް ގެނައުމަކީ ދުރު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.