Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ޗެލްސީ ދޫކޮށް ލުއިޒް އާސެނަލް އަށް؟

ޑޭވިޑް ލުއިޒް - ފޮޓޯ: ރޮއިޓާސް

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާސެނަލް އަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ޓްރާންސްފާ ބާޒާރު މިރޭ ނިމުމަކަށް އަންނައިރު، މީޑީޔާ ރިޕޯޓުތައް ބުނާގޮތުން ލުއިޒް ޗެލްސީ ދޫކޮށްލަން ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައި އެޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ލިބުން މަދުވާނެ ކަމަށް ބެލެވޭތީއެވެ. އެގޮތުން ޗެލްސީން އެންމެފަހުން ކުޅުނު ޕްރީ ސީޒަންގެ މެޗުގައި ވެސް ލުއިޒް އަރުވާފައެއް ނުވެއެވެ.

ޗެލްސީގެ ސީނިއާ ޓީމުން އިއްޔެ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ވެސް ލުއިޒް ބައިވެރިވެފައި ނުވާއިރު، ލުއިޒް އަކީ އާސެނަލް އިން އެޓީމުގެ ޑިފެންސްލައިން ހަމަޔަކަށް އެޅުވުމަށް ގެންނަން ޝައުގުވެރިވާ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ހުށަހެޅުމެއް އާސެނަލް އިން ޗެލްސީއަށް ހުށަހަޅާފައެއް ނުވެއެވެ.

އުމުރުން 32 އަހަރުގެ ލުއިޒް ޗެލްސީގެ ކޮންޓްރެކްޓު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މިދިޔަ މޭ މަހުގެ ތެރޭގައި އާކޮށްފައިވާއިރު ޗެލްސީން އޭނާ ވިއްކާލާނީ ގާތްގަނޑަކަށް 5 މިލިއަނާއި 10 މިލިއަނާއި ދެމެދުގެ އަގެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުއިޒް އާސެނަލް އަށް ބަދަލުވާން މަސައްކަތް ކުރަމުންދާއިރު، އާސެނަލްގެ ކޯޗު އުނާއި އެމެރީ އާއެކު ލުއިޒް ވަނީ މީގެކުރިން ޕީއެސްޖީގައި މަސައްކަތް ކޮށްފައެވެ.