Last Updated: April 20, 17:12
Saturday, April 20, 2024
ކުޅިވަރު

އީދު ކުޅިވަރުގެ ތެރެއިން ކުއްލިޔާ: ގެއްލެމުންދާ ކުޅިވަރެއް!

މަރަދޫ ބަނދަރާ ދިމާލުން ހަވީރު ދުއްވާފައި ދާ މީހަކަށް ނުފެނި ނުދާނެ މަންޒަރަކީ ކުޑަ ކުދިންގެ ޕާކާއި އިން ވެގެން އޮންނަ ހުސް ބިމުގައި މީހުން ކުޅެން ތިބޭ މަންޒަރެވެ. ހުދު ފަސްގަނޑެއްގައި ދަނޑިތަކެއް އެއްލަމުން ބައިވަރު މީހުންތަކެއް ކުޅިވަރެއް ކުޅޭތީ ފެނި އަހަރެންވެސް މަޑުކޮށްލީ ވާނުވާ ބަލާލުމަށެވެ.

އެތައް އިރެއް ވަންދެން ބަލަން ހުރެގެންވެސް އަހަރެންނަށް އެކުޅިވަރުން ވާ ގޮތެއް ނުވިސްނުނެވެ. އެހެން ކަމުން މި ކުޅިވަރު ކުޅެން ތިބި ގުރޫޕްގެ އިސް ފަރާތަކާ ސުވާލުކޮށްލީމެވެ. އެނގުނު ގޮތުގައި މި ކުޅިވަރަށް މިރަށު މީހުން ކިޔަނީ ކުއްލިޔާއެވެ. ބައެއް ސަރަހައްދުތަކުގައި މި ކުޅިވަރަށް ސުއްލިޔާ، އަދި މަންޑިއާވެސް ކިޔާއުޅެއެވެ. ކިޔާ ނަމުގައި ތަފާތުތަކެއް ހުރި ނަމަވެސް އެންމެންނަށް ވެސް އެއްބަސް ވެވޭނެ ގޮތުގައި މިކުޅިވަރަކީ ދިވެހިންގެ ތެރޭގައި އެއް ޒަމާނެއްގައި މަޝްހޫރު ކުޅިވަރެއްކަމެވެ. މި ޒަމާނުގެ ކުދިންނަށް ނޭނގުނު ނަމަވެސް ތާރީޚުގެ ތެރެއަށް ދޫކޮށް، ހަނދާން ނެތި ކޮށްލަން ވާ ވަރު ކުޅިވަރެއް ނޫނެވެ.

އައްޑޫ އީދި ސަމާ ކުޅިވަރު ހަރަކާތްތަކުގައި މިފަހަރު މަރަދޫގައި ކުއްލިޔާ މުބާރާތެއް ބޭއްވުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ހަފްތާއަކަށް ބާހާލައިގެން ބޭއްވޭ މި މުބާރާތުގެ އަމާޒަކީ އެކުވެރިކަން ބަދަހި ކުރުމާއެކު، ކުޅިވަުގެ ރޫޙު އާލާ ކުރުމާއި ސަޤާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމެވެ.

އެގޮތުން މި މުބާރާތް ކުޅެވޭ ކޯޓުގެ ބޮޑު މިނަކީ 100 ފޫޓު، 25 ފޫޓެވެ. ކުއްލިޔާ ކުޅޭނީ ފަހަރަކު ދެ ޓީމެވެ. ކޮންމެ ޓީމެއްގައި 10 ކުޅުންތެރިންނާއި 2 އޮފިޝަލުން ތިބޭނެއެވެ. ނަމަވެސް އެއްފަހަރާ ކުޅެން އެރޭނީ ކޮންމެ ޓީމަކުންވެސް 8 ކުޅުންތެރިންނަށެވެ. ކުޅުންތެރިން ކުޅޭ ތަރުތީބު ކަނޑައަޅާނީ އެ ޓީމަކުންނެވެ.

ކުއްލިޔާ ކުޅެވޭނީ ދެ ސައިޒެއްގެ ދަނޑިންނެވެ. އެއީ މައިގަނޑަކާއި ފޯލިއަކުންނެވެ. އޭގެތެރެއިން މައިގަނޑަކީ 2 ފޫޓު ދިގު، ދޮޅު އިންޗި ފުޅާ ދަނޑިގަނޑެކެވެ. އަދި ހަމަ އެ ފުޅާ މިނުގެ ފޯލީގެ ދިގުމިނަކީ 7 އިންޗިއެވެ. ކުޅޭ ގޮތަކީ މައިގަނޑުން ފޯލީގައި ޖަހައިގެންނެވެ. އެގޮތުން، ކުޅުންތެރިންނަށް 3 ވައްތަރެއްގެ ޖެހުމެއް ލިބޭނެއެވެ. އެއީ، ކުއްލިޔާ، އަރިޔަތާ، އަދި ބައްޑިޔާއެވެ.

މިގޮތަށް ޖަހާ ޖެހުމުގައި އިދި ކޮޅު ޓީމުގެ މަސައްކަތަކަށްވާނީ ފޯލި ހިފުމެވެ. މި ޓީމަށް ފޯލި ހިފިއްޖެނަމަ ކުޅުންތެރިޔާ ނުބައިވީއެވެ. މިގޮތަށް ކުޅޭ ކުޅުމުގައި ކޮންމެ މެޗެއްގައިވެސް ކުޅުންތެރިއަކަށްވެސް ޖަހަން ލިބޭނީ ލިބޭނީ އެއް ފުރުސަތެވެ. ނަމަވެސް، ކުޅުންތެރިޔާ ނުބައި ވަންދެން ކުޅެވޭނެއެވެ.