Last Updated: March 29, 16:45
Friday, March 29, 2024
ކުޅިވަރު

ސްޓާލިންގެ ހެޓްރިކާއެކު ސިޓީ މޮޅުވެއްޖެ

ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 5-0 އިން މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީ އަކީ ޕްރިމިއާ ލީގުގެ ފާއިތުވި ދެ ސީޒަނުގެ ވެސް ޗެމްޕިއަންކަން ހޯދާފައިވާ ޓީމު ކަމަށްވާއިރު މިއަދުގެ މެޗުގައި ވެސް އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

ސިޓީން މިއަދުގެ މެޗު ފެށީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ފޯވާޑް ސާޖިއޯ އަގުއެރޯ އާއި މިޑްފީލްޑަރު ބަނާޑޯ ސިލްވާ ބެންޗުގައި ބޭތިއްބުމަށްފަހުއެވެ. ނަމަވެސް މިއަދުގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ސިޓީއަށް އަލަށް ގެނައި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ކުޅެފައިވެއެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ 25 ވަނަ މިނެޓްގައި ސިޓީން ލީޑު ނެގިއިރު، ވޯކާ ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސްއެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސިޓީން ތަނަވަސްކޮށްފައިވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ޑި ބްރޭނާ ދިން ޕާހަކުން މެޗުގެ 51 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަތީޖާގެ ފަރަގު ކުޑަކޮށްލަން މެޗުގެ 73 ވަނަ މިނެޓްގައި ވެސްޓްހަމްގެ ހަނާންޑޭޒް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ވެސްޓްހަމް އަށް ނުހިފުނުއިރު މެޗުގެ 75 ވަނަ މިނެޓްގައި ސްޓާލިން ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސިޓީގެ ހަތަރުވަނަ ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދީ ސްޓާލިން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ލީގުގެ ފުރަތަމަ މެޗުން ވެސް ބޮޑު މޮޅެއް ސިޓީން ހޯދިއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާއެވެ.