Last Updated: April 20, 07:18
Saturday, April 20, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟( އެއްވަނަބައި)

ރީތި ބޮޑު ގަނޑުވަރެއްފަދަ ގެއެއްގައިވާ އެހާމެ ރީތި ނަލަ ކޮޓަރިއެކެވެ. މަޑުފިޔާތޮށި ކުލަޔާއި ހުދުކުލައިން ޖަރީވެފައިވާ އެރީތި ކޮޓަރީގެ މެދުގައި ހުރި ބޮޑުއެނދުގައި އޮށޯވެލައިގެން އޮތް ޕަރީޒާދެއްފަދަ ރީތި އަންހެން ކުއްޖާގެ ތުންފަތުގައިވަނީ މަސްތުކުރުވާފަދަ ހިތްގައިމު ހިނިތުންވުމެކެވެ. އޭނާގެ ޚިޔާލުތަކުގެ ލޮލަށް ފެންނަމުންދަނީ އޭނާގެ ހުވަފެންތަކުގެ ރަސްގެފާނެވެ. ލޯބިވެތި އަދާތަކުން އަންހެން ކުދިންގެ ހިތްތަށް ވިރުވާލާފަދަ ފުރިހަމަކަމެއް ލިބިފައިވާ ފިރިހެންވަންތަ އެހާމެ ރީތި ޒުވާނެކެވެ. އޭނާ ދައްކާ ލޯބިވެތި ވާހަކަތަކުގެ ޖާދޫގައި ޖެހި އަންހެން ކުއްޖާ މުޅި އުމުރަށް އެވާހަކަތައް އަޑުއެހުމަށް ހިތްއެދޭނެފަދަ އިޝްޤީ ޒުވާނެކެވެ.

" އަހަރެންގެ ހުވަފެންތަކުގެ ރާޖާއަކީ ވިވާހްގައި ޝާހިދު ކަޕޫރުފަދަ ލޯބިވެތި ޒުވާނަކަށްވާނެ…އެއަށްވުރެވެސް ފުރިހަމަވާން އަހަރެން އެދެނީ…ހަމްސާތު ސާތުހޭގަ ސައިފް އަލީޚާން ފަދައިން ގިނަގިނައިން ލޯބިން ވާހަކަ ދައްކާފަދަ މަޖާ ޒުވާނަކަށް އޭނާވާނެ…އެހާވެސް އޭނަގެ ވާހަކަތައް ހިތްގައިމުވެފަ ލޯބިވެތިވާނެ.." އަންހެން ކުއްޖާ އޭނާގެ އެންމެގާތް އެކުވެރިޔާއާ މުޚާތަބު ކުރަމުން ބުންޏެވެ. އެކުވެރިޔާ ހިނިތުންވުމަކުން ފުއްދާލީ އެއީ ވުން ގާތްކަމެއްކަމުގައި އޭނާ ގަބޫލު ނުކުރާތީއެވެ. އެއީ އަބަދުވެސް އޭނާގެ އެކުވެރިޔާ ހަޤީޤަތަކަށް ވުމެއްނެތް ހުވަފެންތައް ދެކޭތީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއަންހެން ކުއްޖާ އެންމެ އުއްމީދުކުރި ދުވަސްވެސް، ހީވެސް ނުކުރާފަދަ ކުއްލިގޮތަކަށް އަތުވެއްޖެއެވެ. އާއިލާއަށް ދިމާވި މުސީބަތެއްގެ ސަބަބުން ކުއްލިއަކަށް މީހަކާ ކައިވެނިކުރަން ޖެހުނީއެވެ. އޭނާ ދުށް ހުރިހާ "ފިލްމީ" ހުވަފެންތައް އެއްފަރާތް ކޮށްލުމަށްފަހު ކައިވެނި ކުރަންޖެހުނީ އޭނާ އުއްމީދުކުރިފަދަ އެއްވެސް ސިފައެއްނެތް ވަރަށް އާދައިގެ ފިރިހެނަކާއެވެ. އޭނާގެ ހުވަފެންތައް ބިލާހަކަށްވެ ނިމުނީއެވެ. އުފާވެރި މުސްތަޤުބަލަކަށް ކުރި ފޮނި އުއްމީދުތައްވެސް ވިއްސިވިހާލިވެގެން ދިޔައީއެވެ.
******
ޒީޝާން ޔޫޓިއުބުން ބަލަމުން ދިޔަ ހިންދީ ސީރީޒްގައި ވީގޮތުން އޭނާގެ މޫޑް އޮފްވާގޮތްވިއެވެ. އެހާ ބަލާހިތުން ބަލަންފެށި ސީރީސްވެސް އޭނާ ހީކުރިގޮތަށް ނުދިއުމުން ފޫހިވީއެވެ. އެހެންކަމުން އޭނާ ގަސްތުކުރީ އެހެން ސީރީޒެއް ބެލުމަށެވެ. ތަންކޮޅެއް ކުރީގެ ސީރީސްތަކުން ސީރީޒެއް ބެލުމަށް އޭނާ ގަސްތުކުރިއެވެ.

" ޕޮއް" ކުއްލިއަކަށް ޒީޝާން ސިހުނީ ފަހަތުން އައިސް އޭނާގެ އެންމެގާތް އެކުވެރިޔާ ޝިޔާ އައިސް އެނދުމައްޗަށް ޖެހިގަތުމުންނެވެ.

" އޯހް އެމް ޖީ…ކިރިޔާއޭ ހާޓްއެޓޭކެއް ނުޖެހުނީ ޝިޔާގަނޑާ….ތިނޫންގޮތަކަށް ނޭނގޭތަ ދުވަހަކުވެސް އަންނާކަށް…މީނަ އުޅޭނީ އަބަދުވެސް މަބިރުގަންނުވަންވެގެން…." ޒީޝާން ތުން އޫކޮށްލަމުން ބުންޏެވެ.

" މަ ހަމަ ވަރަށް ބާރަށް ވަދެގެން އައީ…އެކަމު ތި ކަމަނާ މާބޮޑަށް ލެޕްޓޮޕަށް ގޮސް ހުސެވެފަ އޮތީމަ ވާނުވާއެއް ނޭނގޭނެއްނު…އެހެންވެ ހިތަށްއެރީ ސިއްސުވާލާނީއޭ…" ބާލީހެއް ނަގައި ބަނޑުދަށަށްލަމުން ޝިޔާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ.

" ކޯއްޗެއްތަ ތިބަލަނީ؟…މީނަ އަބަދުވެސް އޮންނާނީ ކޮންމެވެސް ކޫސަނި ހިންދީ ސީރީޒެއްބަލަން….ތިޔަށްވުރެ ރަނގަޅުވާނެ އިންގްލިޝް އެއްޗެއް ބެލިޔަސް….ގައިމް އިންގްލިޝް އިމްޕްރޫވް ވާނެދޯ…" ޝިޔާ ޗޮކެއް ކަނޑާލަމުން ބުނެލިގޮތުން ޒީޝާން ލޯއަޅާލިއެވެ.

" މަ ނޫޅެން އިންގްލިޝް އިމްޕްރޫވްކުރާކަން އަމްދަކުން….ކިޔަވާވެސް ނިމިއްޖެ…ދެން ކީއްކުރަން އެވަރަކުން އިންގްލިޝް އިމްޕްރޫވްކުރަންވީކީ…އައި ހޭޓް އިންގްލިޝް…" އަނގަޔަށް ގޮތެއް ހަދާލަމުން ޒީޝާން ބުންޏެވެ.

" އޯހް އޯކޭ…ދެން ބުނެބަލަ ރީތިތަ ތިބަލާ ސީރީޒް…" ޝިޔާ އަހާލިއެވެ.

" ކޮންތާކު…ދެންމެބެލި ސީރީޒަކުން މޫޑުވެސް އޮފްވެއްޖެ….އެހާ ރީތި މުއްސަނދި އަންހެން ކުއްޖަކަށް އިންނަން ޖެހެނީ އޭނާއާ ނުވެސްގުޅޭ ދެރަ ފަޤީރު ނިކަމެއްޗަކާ….ރޮމޭންޓިކޭ މިކިޔާ ލަފްޒްވެސް ނުދަންނަ ސޮރަކާ….މީކަހު އަޅެ ފޫއްސެއް ނުވާނެތަ؟…އެކުއްޖާ ހާދަ ފޮނި ހުވަފެންތަކެއް ދެކުނޭ….އޭނާގެ ހުވަފެންތަކުގެ ރާޖާ ހުންނާނީ މިހެންނޭ، އެހެންނޭ ކިޔައިގެން އެކި ފިލްމުތަކުގެ ރޮމޭންޓިކް ހީރޯސް ސިފަކޮށް ކޮށްފަ އުޅުނީ….އެކަމު އާޚިރުގަ އިންނަން ޖެހުނީ ގަމާރަކާ…ނަސީބޭ ހިތަށްއަރާ އިންޑިއާއަށް އުފަން ނުވިކަން….އެހެންނޫންނަމަ މަށަށްވެސް އެހާލު ކަންނޭނގެ ޖެހޭނީ…" ސީރިއަސް ވެލާފައި ޒީޝާން އެހެން ބުނިނަމަވެސް ޝިޔާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

" ކިހިނެއްވީ؟…ހަމަ އަސްލަށޭ މިބުނީ.." ޝިޔާއާ ދިމާބަލާލަމުން ހަމަ އެ ސީރިއަސް ރާގުގައި ޒީޝާން ބުނެލިއެވެ.

" އަސްލު ހަމަ ކިހިނެއް އެނގެނީ ޒީއާމެދު ކަންތައްވާނެގޮތެއް….ޒީ ތި ޑްރީމްކުރާގޮތަށް ނުވެވެސް ހިނގައިދާނެއްނު….ހީނުކުރާ ކަހަލަ މީހަކާވެސް އިންނަން ޖެހިދާނެއްނު…." ޝިޔާވެސް ސީރިއަސްވެލާފައި ބުންޏެވެ.

" ނޯ ވޭ….މަ ދުވަހަކުވެސް ނީންނާނަން އެކުއްޖާ އިން ކަހަލަ ގަމާރަކާ….މަގޭ ބީއެފް އެހާ ރޮމްވާނެ…އެހާ ކެއާކުރާނެ…އައިމް ސޯ ލަކީ….އަހަރެން ހަމަ އިންނާނީ ޒަލްއާ….އޭނަ ނޫންމީހަކާ ދުވަހަކުވެސް ނީންނާނަން…އެއީ މަގޭ ހުވަފެންތަކުގެ ރާޖާއަކީ….އެގޮތަށް ލޯބިވާނެ މީހަކު ލިބޭނީ ނަސީބުވެރިޔަކަށް…" އުފާވެލާފައި ޒީޝާން ވާހަކަ ދެއްކިގޮތުން ޝިޔާއަށް މަޖާވިއެވެ.

" ތިބުނާ ޒަލަފްގެ ވަރެއްވެސް އެނގިދާނެތާ ކައިވެނިކުރާ ހިސާބަށް ދިޔައީމަ…ދެން އަހަރެން ހުންނާނަން ބަލަން…" ޝިޔާ ބުނެލިއެވެ.

" ތީ އަހަރެންގެ ދުޝްމަނެއްތަ އަޅެ….އަބަދުވެސް ޝިޔާ ވާހަކަ ދައްކާނީ ނެގެޓިވްކޮށް…." ބުމަގޮށްޖަހާލަމުން ޒީޝާން ބުނެލިއެވެ.

" އޯކޭ އޯކޭ ސޮރީ….މަ ނުބުނާނަން ކަމަނާފާނު ހިތްޕުޅާނުވާފަދަ އެއްޗެއް…އަމުދުން އެ ޒަލަފްއާ ބެހޭގޮތުން…." ޝިޔާ ހަތިޔާރު ބެހެއްޓިއެވެ.

ޒީޝާންއަކީ ލ.ގަމު މަތިމަރަދޫ ހަވޭލީގެ ހަސަނާއި ޒީނާއަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އޭނާއަކީ މަންމައާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެން ބޮޑުވެފައިވާ އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ. ޝިޔާއަކީ ޒީޝާންގެ އަވަށްޓެރި ގެޔެއްގެ ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް އޭނާގެ އެންމެގާތް އެކުވެރިޔާއެވެ. ސުކޫލު ނިމުމަށްފަހު ޝިޔާ ނަރުސްކަން ކިޔަވަމުން ދިޔަ ނަމަވެސް ޒީޝާން އިތުރަށް ކިޔަވަން ބޭނުންނުވާތީ ގޭގައި އިނީއެވެ. މަންމައަށް އެހީތެރިވުމުގެ ނަމުގައެވެ. ޒީޝާންއަށް ކިޔަވައިދޭން އެދެމަފިރިން ކިތަންމެ ބޭނުންނަމަވެސް ޒީޝާން ކިޔަވާހިތްނެތީތީ އެކަމަށް މާބޮޑަށް ބާރެއް ނާޅައެވެ.
ޒީޝާން ގޭގައިން ނަމަވެސް ޒީޝާންގެ މަންމަ އޭނާދެކެވާ ލޯތްބެއްގެ ބޮޑުކަމުން އޭނާއަށް ގޭތެރޭގެ އެއްވެސް ކަމެއް ނުޖައްސައެވެ. ކުޑަމިނުން ޝީޒާންގެ އަންނައުނު ދޮވެ އިސްތިރިކުރަނީވެސް ޒީނާއެވެ. ޒީޝާންވެސް ބޮޑުވެގެން އައިއިރު އޭނާގެ އަމިއްލަ ކަންކަން ކުރަން މަސައްކަތް ކުރިއެވެ. އެގޮތުން އޭނާގެ އަމިއްލަ އަންނައުނު ދޮވެ އިސްތިރިކުރަން ބޭނުންވިއެވެ. ނަމަވެސް ފުރަތަމަ އޭނާ އިސްތިރިކުރަން މަސައްކަތްކުރި ދުވަހުވެސް އޭނާގެ އަތްފިހުނީއެވެ. އެހެންކަމުން އޭނާގެ މަންމަ އޭނާއަށް އިސްތިރިކުރުން މަނާކުރިއެވެ. އަދި ގޭތެރޭގެ އެހެންކަމެއް ކުރާކަށްވެސް ނުޖައްސައެވެ. ޒީނާއެކޭ އެއްފަދައިން ހަސަނުވެސް ގަބޫލުކުރާގޮތުގައި ކޮންމެ ކުއްޖަކަށްވެސް ބޮޑުވެގެން އަމިއްލަ ދިރިއުޅުމެއް އުޅެންފެށުމުން ހުރިހާކަމެއް ކުރަންވެސް ދަސްވާނެއެވެ.
ހަސަނަކީ ޒަމާނުއްސުރެ ސަރުކާރު ވަޒީފާއެއްގައި އުޅެމުން އަންނަ މީހެއްކަމުން، އެކުޑަ އާއިލާ އުޅެނީ ތަނަވަސް އުފާވެރި ދިރިއުޅުމެކެވެ. ޚާއްސަކޮށް ޒީޝާން އުޅެމުން އައީ އޭނާގެ އެހެން އެކުވެރިންނަށްވުރެ ދެގުނަ އަރާމާއި އުފަލުގައެވެ. ދުނިޔޭގެ އެއްވެސް ކަމަކާ ވިސްނާ ފިކުރު ކުރާކަށް އޭނާއަކަށް ނުޖެހެއެވެ. އޭނާގެ މައިންބަފައިން ތިބެނީ އޭނާގެ ލޮލުން ކަރުނައެއް ވެއްޓިދާނެތީ ބިރުންނެވެ. އޭނާ ސުކޫލު ނުނިމެނީސް ލެޕްޓޮޕާއި މޯބައިލް ފޯނުފަދަ ތަކެތި އޭނާއަށްވަނީ ހޯދައިދީފައެވެ. އޭނާއަކީ ގެއިން ބޭރަށްގޮސް މާގިނައިން ކުދިންނާއި އެކުލަވާ ކުއްޖަކަށް ނުވުމުން އޭނާގެ މައިންބަފައިން އޭނާ ފޫހިފިލުވައިދޭނޭ ހުރިހާ ވަސީލަތެއްވަނީ ހޯދައިދީފައެވެ. އެހެންކަމުން ގޭގައި ކޮޓަރިތެރޭގައި އޮވެގެން އޭނާ ކުރާހައިވެސް ކަމަކީ ލެޕްޓޮޕުން އިންޓަރނެޓަށް ވަދެ ސީރީޒްބެލުމާއި ފޭސްބުކަށްވަދެ ރައްޓެހިންނާއި ވާހަކަދެއްކުމެވެ. އެގޮތުން އޭނާގެ ލޯބިވެރިޔާ ޒަލަފުއާ ދިމާވީވެސް ފޭސްބުކުންނެވެ. ޒަލަފްއަކީ އެރަށަށް ނިސްބަތްވާ ކުއްޖެއްނޫނެވެ. ނަމަވެސް އެއީ އެއަތޮޅު ފޮނަދޫ ކުއްޖެކެވެ. ދުވަސް ދުވަހުން ގަމަށް އައިސްގޮސް ވެއެވެ.
ފޭސްބުކުން ރައްޓެހިކަން އުފެދި އެރައްޓެހިކަން ލޯތްބަށްވެސް ބަދަލުވީއެވެ. ދެމީހުންނަށް އެކަނު އަނެކަކާއި ދުރުގައި ނުތިބެވޭނެކަން ޔަޤީންވުމުން އެންމެފަހުން ބައްދަލުވެސް ކުރީއެވެ. ޒަލަފްއާއެކު ލެޒިޒް ރެސްޓޯރެންޓްގައި ފުރަތަމަ ބޭއްވި ބައްދަލުވުންވެސް ވެގެންދިޔައީ އޭނާގެ ހިތް ފުރިގެންދިޔަފަދަ އުފާވެރި ބައްދަލުވުމަކަށެވެ. ޒަލަފްގެ ދުލުން އިވިގެންދިޔަ ތައުރީފްގެ ބަސްތަކުން ޒީޝާންގެ ދޮންމޫނު ލަދުންގޮސް ރަތްވެގެންދިޔައެވެ. އެފަދަ ފޮނި ބަސްތަކަކުން ދުވަހަކުވެސް މީހަކު އޭނާއަށް ތަޢުރީފުކޮށްފައެއް ނުވެއެވެ. މިހާރުވެސް އެހެން ހިތަށް އެރުމުން އޭނާގެ ހިތަށް ފޮނި އުފަލެއް ލިބިގެންދެއެވެ.
ޒަލަފުގެ ކޮންމެ ބަހަކާއި ކޮންމެ ހަރަކާތެއް އޭނާގެ ހިތުގައިވަނީ ބިންވަޅުނެގިފައެވެ. އެހާވެސް ޒަލަފު އޭނާއަށް ޚާއްސަވިއެވެ. ފުރަތަމަ ބައްދަލުވުމާއެކު ޒީޝާންގެ ހިތް ޒަލަފް ފަތަހަކޮށްފިއެވެ. އެދެހިތުގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ޒީޝާންއާއި ޒަލަފް ބައްދަލުވާ ކޮންމެ ފަހަރަކު ލޯބިވެތި ފޮނި ބަސްތަކުންނާއި ރީތި ހަދިޔާތަކުން ޒީޝާންގެ ހިތް ފުރާލަދެއެވެ. ޒަލަފްއާއެކު ވީ ކޮންމެ ހަނދާނަކީ އޭނާގެ ހަޔާތުގެ ޑައިރީގައި ރަން އަކުރުން ލިޔެވެމުންދާ ފަނޑުވުމެއް ނެތްފަދަ ހިތްގައިމު ހަނދާންތަކެކެވެ. ޒީޝާން ގަބޫލުކުރާ ގޮތުގައި އެލޯތްބަށް ދުވަހަކުވެސް ބަދަލެއްނާންނާނެއެވެ.

ދުވަސްތައް އެގޮތުގައި މާޒީވެގެންދާއިރު ޒީޝާންގެ ލޯބީގެ ބަގީޗާގައި ކުލަ ކުލައިގެ މާތައް ފަރިވެ ފޮޅެމުން ދެއެވެ. އޭނާ އެންމެ އިންތިޒާރު ކުރަމުންދަނީ އޭނާގެ ކައިވެނި ޒަލަފްއާއި ކުރެވޭނެ ދުވަހަކަށެވެ. ނަމަވެސް ޒަލަފްއަށް އަދި ކައިވެނި ކުރެވެން ނެތީ އެވަރުގެ ފޯރުންތެރިކަމެއް ނެތީމައި ކަމުގައި ޒަލަފްވަނީ ބުނެފައެވެ. ކައިވެންޏެއް ކޮށް އަނބިމީހާ ޚަރަދުކުރާވަރަށް އޭނާގެ އަތްމަތި އަދި ތަނަވަސް ނުވަނީ ކަމުގައި ޒަލަފްބުނީ ދެރަވެފައެވެ.

" ޒީ…އަހަރެން ވަރަށް ބޭނުން ޒީއާ ކައިވެނިކުރަން….އެކަމު އަދި ނެތް އެކަންވާކަށް….އަހަރެންމީ އާއިލާގަހުރި އެންމެ ދޮށީމީހާ….އެހެންވީމަ އާއިލާއަށްވެސް ޚަރަދުކުރަންޖެހޭ…..އަހަރެން ބޭނުމެއްނޫން ޒީ ކަހަލަ ކުއްޖަކާ އިނދެގެން ގެންގޮސް އަހަރެންގެ ބައިބޯ އާއިލާގެ ހައިޖާނު ދިރިއުޅުމުގެ ތެރެއަށް ވައްދާކަށް….އަހަރެން ބޭނުންވަނީ ދެމީހުނަށް ހަމަޖެހިލައިގެން އުޅެވޭފަދަ ތަނަކަށް ޒީގެންދަން….އަހަރެންގެ މަންމަގެ މުސްކުޅިގޯތި އޮތީ ފަޅަށް….ލާރިކޮޅެއް އެއްކޮށްގެން އެތަން ހަދާފަ ޒީގެންދާނަން….ގާތްގަނޑަކަށް އަހަރެއްފަހުން ޒީ އަހަރެންގެ މީހަކަށް ހަދާނަން…އެދުވަހަކަށް އިންތިޒާރުކުރޭ އިނގޭ!…" އެންމެފަހުން ޒަލަފްއާއި ބައްދަލުވި ދުވަހު ލޯތްބާއިއެކު ޒަލަފް ބުނި ބަސްތައް ޒީޝާން ހަނދާނަށް އައެވެ. އެދުވަހުން ފެށިގެން އޭނާ އެދަނީ ޒަލަފްގެ އަތްމަތި ތަނަވަސްވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. ކިތަންމެ ދުވަހަކު އިންތިޒާރު ކުރަން ޖެހުނު ނަމަވެސް އޭނާއަކަށް ފަރުވާލެއްނެތެވެ.
******
ހަވީރުގެ ވަގުތެވެ. ޒީޝާން ފެންވަރާ ރީތިވެލައިގެން ގޯތި ތެރެއަށް ނުކުމެ، ދޮރުމަތީގައިހުރި ޒަބްރޯލްގަހެއްގެ ދަށުގައިވާ ޖޯލިފަތީގައި ޖައްސާލިއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި އޭނާގެ ފޯނުން ފޭސްބުކަށްވަދެގެން އޮއްވައި ދޮރާށި ހުޅުވާފައި މީހަކު ވަނުމުން އޭނާ ބަލާލިއެވެ.
" ހާއި…ޒީކް…." ދޮރުމަތީގައި ހުރި އޭނާގެ މަންމަގެ އުރުގައި އިން ދެއަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނުމާއެކީ އުފާވެފައި ޒީޝާން ގޮވާލިއެވެ.
" ބަލާބަލަ މިއަދު ޒީކް ރީތިކަން…..އެމަންޖެ އެއައީ ޒީދައްތަ އަތުން ކާންވެގެންނޭ ދޯ…" ކުޑަ އަންހެން ކުއްޖާއަށް ބަލާލަމުން ޒީނާ ބުނެލި ޖުމްލައިން ވެގެން އުޅޭގޮތް ޒީޝާންއަށް ދެނެގަނެވުނެވެ.
" އަވަހަށް އާދޭ….މިއީ ޒީދައްތަގެ ލޯބި ލޯބި ޒީކްއޭދޯ…ޒީދައްތަ އަތުންނޭ އެކުއްޖާ ކާނީވެސް…." ޒީޝާން ޖޯލިފަތިން ތެދުވެގެން ގޮސް ޒީކް އުރާލިއެވެ. އަދި ޒީނާގެ އަތުގައިވާ ތަށިހިފައިގެން އައިސް ޖޯލީގައި އިށީދެ ޒީކްއަށް ކާންދޭންފެށިއެވެ.

ޒީކްއަކީ ޖެހިގެން ހުރިގޭ ޒައިކްގެ ދަރިފުޅެވެ. ޒައިކްއަކީ ރަށު ސުކޫލުގެ ޕްރިންސިޕަލެވެ. އޭނާގެ އަންހެނުންވަނީ ސްވައިންފުލޫ ޖެހިގެން މީގެ އަހަރެއްހައި ދުވަސްކުރިން ކުއްލިގޮތަކަށް ނިޔާވެފައެވެ. ޒައިކްގެ މުސްކުޅި މަންމައާއި ބައްޕަ ފިޔަވައި އިތުރުމީހަކު އޭނާގެ އާއިލާގައި ނުހުރެއެވެ. އޭނާގެ އަންހެނުންނަކީވެސް އައްޑުއަތޮޅަށް ނިސްބަތްވާ ކުއްޖެއްކަމުން، އެއާއިލާގެ އެއްވެސް މީހެއްގެ އެހީތެރިކަމެއްވެސް ޒީކް ބެލުމުގައި އޭނާއަކަށް ނުލިބެއެވެ. އެހެންކަމުން ޒީކް ކަންކަން ޒީޝާން ކޮށްދޭންފެށީ، ޒީކް އެންމެ ތުއްތު އިރުއްސުރެވެސް އޭނާގެ ހިތުގައި އެކުއްޖާއަށްޓަކައި އުފެދިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. ޒީކްގެ މަންމަ އައިޝާ ޒައިކްއާއި ކައިވެނިކޮށްގެން އައި ދުވަހުން ފެށިގެން ޒީޝާންމެންނާއި އައިޝާވަނީ އެކުވެރިވެފައެވެ. އައިޝާ ގާތްކަމުން ޒީޝާންއަށް އިހުސާސް ކުރެވުނީ އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޮތުގައެވެ. އޭނާ ކިޔާ އުޅުނީވެސް އައިޝާ ދޮންތައެވެ. އެހެންކަމުން ޒީކްއަށް އައިޝާ ބަލިވެއިނީއްސުރެ ޒީޝާން އައިޝާއަށް އެހީތެރިވެދިނުމަށް އެގެއަށް އައިސް ގޮސްވެއެވެ. ޒީކް އުފަންވުމާއެކު އެތުއްތު ކުއްޖާ ވެގެން ގޮސްފައިވަނީ އެދެމެދުގައިވާ އަވަށްޓެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ސަބަބަކަށެވެ.

އައިޝާ ނިޔާވުމަށްފަހު ޒީކް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ޒީޝާންއާއެކުގައެވެ. ޒީކްއަށް ފެންވަރުވާ ކާންދީ، ނިންދަވާ ހެދުމަކީ ޒީޝާން އުފަލުން ކޮށް އުޅޭކަމެކެވެ. ޒައިކްގެ މަންމަމެންވެސް ތިބެނީ ޒީޝާންގެ އެ ހެޔޮކަމާއި ރަނގަޅުކަމުން ޝުކުރުގެ ލޮލަކުން އޭނާއަށް ބަލަބަލާ އުފަލުން ހިނިތުންވެފައެވެ. އެމީހުންގެ އުއްމީދަކީ ޒީޝާންފަދަ ހަޔާތުގެ ބައިވެރިއެއް ޒައިކްއަށް ލިބުމެވެ. އައިޝާ ނިޔާވުމުގެ ސަބަބުން ޒައިކްއަށް ލިބިފައިވާ ފުން ހިތާމައިން އަރައިގަންނާނެ ސަބަބެއްކަމުގައި ޒީޝާން ވުމަށް އެމީހުންތިބީ ހިތާހިތުން ދުޢާކޮށްކޮށެވެ. އެހެން ނަމަވެސް މިއިންކަމެއް ޒައިކްއަށް އަދި ޒީޝާންއަކަށްވެސް ރޭކާނުލައެވެ. އެމީހުން އެމީހުންގެ އަމިއްލަ ދުނިޔޭގައި ދުވަސްތައް ހޭދަކުރަމުން ދެއެވެ.

ދެއާއިލާގެ ގުޅުން ކިތަންމެ ބަދަހިވީނަމަވެސް ޒައިކްއާއި ޒީޝާންގެ މެދުގައި އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. ކުޑަމިނުން ދެމީހުން އެކަކު އަނެކަކާ ވާހަކަވެސް ނުދައްކައެވެ. އައިޝާ ދުނިޔޭގައި ހުރިއިރު، އެގޭތެރެއިން ޒީޝާން ފެނުމުން ބައެއްފަހަރު ޒައިކް ހީލާ ހަދައެވެ. ނަމަވެސް މިހާރު އެވަރުވެސް ނުވެއެވެ. ގިނަފަހަރަށް ޒީޝާންއަށް ޒައިކް ލޮލަށްވެސް ނުފެނެއެވެ. އައިޝާގެ މަރުގެ ސަބަބުން ލިބުނު ހިތާމަތަކާ ދުރުވުމަށްޓަކައި ޒައިކްވަނީ އިންތިހާއަށް ބުރަކޮށް މަސައްކަތްކުރާ މީހަކަށް ބަދަލުވެފައެވެ. ރޭގަނޑުގެ ނިދަންވާންދެން އޭނާއުޅެނީ ކޮންމެވެސް ކަމެއްގައެވެ. ގިނަ ފަހަރަށް އޭނާއަށް ނިދޭނީވެސް ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައި އިންދައެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. ދުވަހަކީ ބަންދު ދުވަހެއްކަމުން، ހެނދުނުގެ ނާސްތާއަށްފަހު ޒައިކް އަވަދިނެތި އުޅުނީ ގޯތިތެރޭގައި މަސްފެންގަނޑެއް ރޭނުމުގެ މަސައްކަތުގައެވެ. އޭނާއަކީ ހުސްވަގުތެއް ލިބިއްޖެނަމަ ގޭތެރޭގެ ކޮންމެވެސް މަސައްކަތެއްގައި އަބަދުވެސް މަޝްޢޫލުވެގެން އުޅޭމީހެކެވެ. ކުޑައިރުވެސް އޭނާއަކީ މުރާލިކަމުން ހިފި ނުހުރެވޭ މީހެއްކަމުގައި އޭނާގެ މަންމަ ބުނެއެވެ. ޒައިކްގެ ބަސްމަދުވި ވަރަކަށް އޭނާކުރާ މަސައްކަތް ގިނައެވެ. ރޭނުމާއި ވަޑާންކުރުންފަދަ ގިނަ މަސައްކަތްތައް އޭނާ ދަނެއެވެ. އެހެންކަމުން ސުކޫލު ބަންދު ދުވަސްތަކުގައި ގޭތެރޭގައި ކުރަންޖެހިފައި ހުންނަން ކަންކަން އޭނާ ނިންމާލައެވެ. މީހަކަށް އަގުދީގެން ކަމެއްކުރާކަށް ނުޖެއެވެ. އޭނާގެ މިމުރާލިކަމާއި މަސައްކަތްތެރި ކަމުގެ ސަބަބުން ފައިދާވަނީ ހަމައެކަނި އޭނާއަކަށް ނޫނެވެ. އޭނާގެ އަވަށްޓެރިންނަށް ނުހަނު ގިނަގޮތްގޮތުން ފައިދާވެއެވެ. ޚާއްސަކޮށް ޒީޝާންމެންގެ ގޭގައި ކަމެއްކުރަން އޮވެއްޖެނަމަ ފަސްނުޖެހި އޭނާ އެކަމެއްކޮށްދެއެވެ. އެއީ އެމީހުންވެސް ޒަމާނުއްސުރެ އޭނާގެ އާއިލާއާއި އޮންނަ ގާތްކަމެއްގެ ސަބަބުންނެވެ.
މެންދުރުވާން ގާތްވެފައި ހުއްޓައި ޒައިކް އޭނާގެ މަސައްކަތް ނިންމާލާފައި މޫދަށް ދިޔައީ ހުކުރަށް ދިއުމާމެދު އަދި ވަގުތުކޮޅެއް އޮތުމުންނެވެ. މޫދުން އައިސް ޒައިކް ބޭރު ގިފިއްޔަށް ފެންވަރަން ވަތް ވަގުތަކީ، ނިދާފައި އޮތް ޒީކް ގޮވައިގެން ޒީޝާން އައިސްވަތް ވަގުތެވެ. އޭނާ ގޭތެރެއަށް ވަދެ، ދެފަހަރަކު ގޮވާލުމުންވެސް ޒައިކްގެ މަންމަގެ ޚަބަރެއް ނުވުމުން، ޖެހިލުންވެހުރެ ޒައިކްގެ ކޮޓަރިއާދިމާއަށް ދިޔައެވެ. މަޑުމަޑުން ތަޅުގައިހިފާ އަނބުރާލިއިރު، ނަސީބަކުން ތަޅުހުރީ ހުޅުވާފައެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ސިއްރު ސިއްރުން އެތެރެ ބަލާލީ ޒައިކް އުޅޭތޯއެވެ. އައިޝާ ނިޔާވިފަހުން ޒައިކްގެ ކޮޓަރިއަށް ވަދެއުޅުމަކީ އޭނާކުރާކަމެއް ނޫނެވެ. ޒައިކް ނެތްކަން ޔަޤީންވުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ޒީޝާން އެތެރެއަށްވަނެވެ.

ޒީކް ގެންގޮސް އެނދުގައި ބޭއްވުމަށްފަހު، ޒީޝާން މަޑުމަޑުން ތެދުވިއެވެ. އެވަގުތު ޒީކް ފުރޮޅިލާފައި ރޯންފެށުމުން ޒީޝާންވެސް ޒީކްގެ ގާތުގައި އޮށޯވެލައި ނާނާކިޔާލިއެވެ. ޒީކްއަށް ރަނގަޅަށް ނިދޭންދެން އެތާ އޮވެލަން ޒީޝާން ގަސްތުކުރިއެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު، އޭސީގެ ފިނީގައި އޮންނަންވުމުން އިސާހިތަކު ޒީޝާންގެ ލޮލަށް ނިދި ސަވާރުވިއެވެ. ފެންވަރައިގެން ތުވާލި އުނުގައި އަނދެގެން ގިފިލިން ނުކުތް ޒައިކް އެއްވެސް ވިސްނުމެއް ފިކުރެއްނެތި ގޮސް އޭނާގެ ކޮޓަރިއަށްވަނީ ހުކުރަށްދާން ތައްޔާރު ވުމަށެވެ. ކޮޓަރީއަށްވަދެ ދޮރުތަޅު ލުމަށްފަހު އަލަމާރިއާއި ދިމާއަށް ހިނގައިގެންއިރުވެސް ކޮޓަރީގައި ބަޔަކު ތިބިކަމެއް އޭނާއަށް ރޭކާނުލައެވެ. އަލަމާރިން ގަމީހާއި ފަޓްލޫނެއް ނެގުމަށްފަހު އެނދުމަތީގައި ބާއްވަން ދިމާކޮށްލި ވަގުތު ސިހިފައި އޭނާއަށް ހުއްޓެވުނީ ޒީކްގެ ގާތުގައި ރީތިކޮށް ނިދާފައި އޮތް ޒީޝާން ފެނުމުންނެވެ. އެވަގުތު ޒައިކްއަށް ބޭއިޚްތިޔާރުގައި އެނދުގައި އިށީނދެ ޒީޝާންގެ މޫނަށް ފުންކޮށް ބަލާލެވުނެވެ. އަންއައުނުލާންވެސް ހަނދާންނެތި، އޭނާއަށް ޒީޝާންގެ މޫނަށް ބަލަންއިނދެވުނީ އެމޫނުގައިވީ މައުސޫމުކަމެއްގެ ސަބަބުންނެވެ. އެހެން އިންދައި އޭނާ ސިހުނީ، ޑްރެސިން ޓޭބަލްމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނުން ބަންގި ގޮވަން ފެށުމުންނެވެ. ހަމައެއާއެކު ޒީކްގެ ގާތުގައި ނިދާފައި އޮތް ޒީޝާންވެސް ސިހިފައި ލޯހުޅުވާލިއެވެ.

ނުނިމޭ