Last Updated: April 25, 20:50
Thursday, April 25, 2024
ކުޅިވަރު

ޗެލްސީ އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް

ޕްރިމިއާ ލީގުގައި ރޭ ޗެލްސީގެ މައްޗަށް 4-0 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

ރޭގެ މެޗަކީ ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވިފަހުން އެޓީމުން ރަސްމީކޮށް ކުޅުނު ފުރަތަމަ މެޗު ކަމަށްވާއިރު މި މެޗުގެ ކުރީކޮޅު ޗެލްސީން ވަނީ ރަނގަޅުު ކުޅުމެއް ދައްކާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އެޓީމުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވަނީ އަމާޒުވެފައެވެ.

ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 18 ވަނަ މިނެޓްގައި ޔުނައިޓެެޑަށް ލިބުނު ޕެނަލްޓީއަކުން މާކަސް ރަޝްފޯޑް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބުނީ ރަޝްފޯޑަށް ޗެލްސީގެ ޑިފެންޑަރު ޒޫމާ ކުރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ޑިފެންޑަރު އެމަސަން އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑުން ނިންމާލިއިރު މެޗުގެ 65 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން ޔުނައިޓެޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިއަލް ޖޭމްސްއެވެ.

ޔުނައިޓެޑް އަތުން ޗެލްސީ ބަލިވިއިރު މިއީ ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. އަނެއްކޮޅުން މިއީ 1965 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް ޗެލްސީގެ މައްޗަށް ހޯދުނު އެންމެ ބޮޑު މޮޅުވެސް މެއެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާއެވެ. ޔުނައިޓެޑް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.