Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

އިންޓަވިއުތައް ލައިވް ކުރުމުގައި އާޒިމް އާއި ރޮޒެއިނާގެ ބަސް ތަފާތު!

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވްކުރުމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ވާހަކައަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެކޮޅު ހައްދަވައިފިއެވެ.

އިންޓަވިއުތައް ލައިވް ކުރުމާއި ގުޅޭގޮތުން ރޮޒެއިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާ މަޖިލިހުގެ ކޮމިޓީތަކުން ކުރާ އިންޓަވިއުތައް ލައިވްކުރުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މިހާރު ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ އިންޓަވިއު ލައިވް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ނަމަވެސް އާޒިމް ވިދާޅުވީ އިންޓަވިއުތައް ލައިވް ކުރުމުގެ ސަބަބުން ވަކި މީހަކަށް އެކަމުން ފައިދާތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އާޒިމް ވަނީ މިހާރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނަށް ބައްލަވާ ލައްވާ އެ ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅުންނާއި އިންޓަވިއު ކުރައްވާއިރު ކަން ހިނގާފާނެ ކަމަށް ބެލެވޭ ގޮތް ހިއްސާ ކުރައްވާފައެވެ.

އާޒިމް ވިދާޅުވާ ގޮތުގައި ލައިވްކޮށް އެއްޗެއް ދެއްކުމަކީ ޓްރާންސްޕޭރެންޓު ވުމެއް ނޫނެވެ. އެއީ މީހަކު ފެއިލް ކޮށްލުން ކަމަށް ބެލެވިދާނެ ކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ކުރިމަތިލައްވައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ދެ ބޭފުޅުންގެ ނަމާ އެކު އިތުރު ދެ މީހެއްގެ ނަން ވެސް ކޮމިޓީ އަށް ފޮނުވައިފަ އެވެ.