Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ޕެރިސިޗް ބަޔާން އަށް ބަދަލުވެއްޖެ

އިންޓަ މިލާނަށް ކުޅެމުން އައި ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ޕެރިސިޗް ބަޔާން އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނެއްގެ ދަށުންނެވެ. ލޯނުގެ މުއްދަތު ހަމަވުމުން އޭނާ ގަތުމުގެ ފުރުސަތު ބަޔާނަށް އޮންނާނެއެވެ.

މީގެކުރިން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ވުލްފްސްބާގަށް ވެސް ކުޅެފައިވާ ޕެރިސިޗް ބުނީ އެނބުރި ޖަރުމަނުވިލާތަށް އާދެވުމުން އެކަމާ އުފާކުރާ ކަމަށާއި ބަޔާން އަކީ ޔޫރަޕްގައި އޮތް އެންމެ ބޮޑު އެއް ކްލަބު ކަމަށެވެ.

"ބަޔާންގެ އަމާޒަކީ ހަމައެކަނި ޖަރުމަނު ލީގާއި، ޖަރުމަނު ކަޕެއް ނޫން. ޗެމްޕިއަންސް ލީގަކީ ވެސް ބަޔާންގެ އަމާޒެއް" ޕެރިސިޗް ބުންޏެވެ.

އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑުން ވެސް މީގެކުރިން ޕެރިސިޗް ހޯދަން މަސައްކަތް ކުރިއިރު އޭނާ އިންޓަ އަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ.

އާ ސީޒަނަށް ބަޔާންގެ ސްކޮޑު ވަރުގަދަ ކުރަން ފަށާފައިވާއިރު، ޖަރުމަނު ލީގުގެ ކުޅުން އަންނަ ހުކުރު ދުވަހު ފަށާނެއެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ބަޔާން ބައްދަލުކުރާނީ ހާތަ ބާލިންއާއެވެ.