Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ފީފާގެ ބޮޑު އަދަބަކުން ސިޓީ ސަލާމަތް ވެއްޖެ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ

އަށާރަ އަހަރުން ދަށުގެ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުމުގައި މެންޗެސްޓަރ ސިޓީން ގޯސްތަކެއް ހަދާފައިވާކަން ސާބިތުވި ނަމަވެސް ފީފާގެ ބޮޑު އަދަބެއް ނުލިބި އެ ކްލަބު ސަލާމަތްވެއްޖެއެވެ.

ފީފާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ މައްސަލާގައި ނިންމާފައިވަނީ ސިޓީ 315،000 ޕައުންޑުން ޖޫރިމަނާ ކުރުމަށެވެ.

18 އަހަރުން ދަށުގެ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރުމުގައި ގޯސްތަކެއް ހަދާފައިވާކަން މީގެކުރިން ސާބިތުވުމުން ބައެއް ކްލަބުތަކަށް ފީފާ އިން ވަނީ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ދީފައެވެ. އެ އަދަބު ރެއާލް މެޑްރިޑުންނާއި ބާސެލޯނާ އަދި އެތްލެޓިކޯ މެޑްރިޑުން މީގެކުރިން ތަންފީޒުކޮށްފައިވާއިރު އެފަދަ އަދަބެއް ޗެލްސީން ވެސް އަންނަނީ މިހާރު ތަންފީޒު ކުރަމުންނެވެ.

ފީފާގައި އިސްތިއުނާފްކޮށްގެން ވެސް ޗެލްސީ އަށް އެ އަދަބުން ސަލާމަތް ނުވުމުން އެ ކްލަބުން މިހާރު ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅާފައެވެ.

ފީފާ އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ހަމައެކަނި ސިޓީ ޖޫރިމަނާ ކުރަން ނިންމީ ކުރި ކުށަށް އިއުތިރާފްވެ އެ މައްސަލާގައި އެ ކްލަބުން ފީފާ އަށް ދިން އެއްބާރުލުމަށް ބެލުމަށްފަހު ކަމަށެވެ.

ފީފާގެ ބޮޑު އަދަބަކުން ސިޓީ ސަލާތަމްވެފައިވާއިރު ފައިނޭންޝިލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފަށް ސިޓީން ހަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ކަމަށްވާ ޔުއެފާ އިން އަންނަނީ ބަލަމުންނެވެ.