Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވިއްސާރާގައި އައްޑޫގެ 54 ގެޔަކަށް ގެއްލުންވެފައިވޭ

އައްޑޫ ސިޓީ - ފޮޓޯ: އައްޑޫ ކައުންސިލް

މިދިޔަ ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި 54 ގެޔަކަށް ގެއްލުންވެފައިވާ ކަމަށް، އައްޑޫ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ކައުންސިލުން ބުނީ އެ ސިޓީއަށް ކުރި ވިއްސާރަގއި އެކި އަވަށްތަކުން މުޅިއަކު 54 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށާއި އަދި ބައެއް ގޭގޭގެ ފުރާޅު އެއްކޮށް ހަލާކުވި ކަމަށެވެ.

"މީގެ ތެރެއިން 11 ގެއެއްގެ ފުރާޅު މަރާމާތުކޮށް ދިނުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ގެތަކުގެ މަސައްކަތް ދަނީ ކުރިއަށް" ކައުންސިލުން ބުންޏެވެ.

މީގެއިތުރުން ވިއްސާރާގައި ވެއްޓުނު ބޮޑެތި ގަސްތަކުގެ އަދަދު 35 އަށް އަރާ ކަމަށާއި މި ގަސްތައް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ހޮނިހިރު ދުވަހުގެރޭ އައްޑޫ އަށް ގަދަވަޔާއެކު ވިއްސާރަވިއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނިގޮތުގައި އޯގަސްޓް 10 އިން 11 އަށް އައްޑޫ އަށް ވަނީ 114 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.