Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ޔުނައިޓެޑް މެޗުން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ: ލަމްޕާޑް

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް

ޕްރިމިއާ ލީގުގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅެ ޗެލްސީ ބަލިވި މެޗުން ވަރަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗުން ޗެލްސީ ބަލިވީ 4-0 އިންނެވެ. އެ މެޗަކީ ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޗެލްސީން ކުޅުނު ރަސްމީ ފުރަތަމަ މެޗުވެސް މެއެވެ.

ޔޫއެފާ ސުޕަ ކަޕްގައި މިރޭ ލިވަޕޫލްއާ ދެކޮޅަށް ޗެލްސީން ނިކުންނައިރު ލަމްޕާޑް ބުނީ ކޯޗު ކަމުގެ މަގާމު އަދާކުރަމުން އަންނައިރު އަބަދުވެސް އާ ކަންކަން ދަސްވާނެ ކަމަށާއި އެގޮތުން އެ މެޗުން ވެސް ގިނަ ކަންތައްތަކެއް ދަސްވެގެން ގޮސްފައިވާ ކަމަށެވެ.

"އެ މެޗުން އެންމެންނަށް ވެސް ލިބުނު އެންމެ ސާފު ފިލާވަޅަކީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ޑިފެންސުން ގޯސްތަކެއް ހަދާނަމަ އޭގެ އަގު އަދާކުރަންޖެހޭނެކަން" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ އެ މެޗުގައި ކުޅުންތެރިން ހެދި ގޯސްތައް އެއްފަރާތްކޮށްލާނަމަ، ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކަންކަން ފެނިގެންދިޔަ ކަމަށާއި އެގޮތުން ކުޅުންތެރިން އެ މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ޗެލްސީން މީގެކުރިން 2012 އަދި 2013 ވަނަ އަހަރު ސުޕަ ކަޕްގެ ފައިނަލްގައި ކުޅެފައިވާއިރު އެ ދެފަހަރު ވެސް އެޓީމު ވަނީ ބަލިވެފައެވެ. އެ ދެ ފަހަރުވެސް ޗެލްސީގެ ޓީމުގައި ލަމްޕާޑް ހިމެނުނުއިރު އޭނާ ބުނީ މި މެޗާއި ހިސާބަށް އާދެވެނީ ވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކަމަށާއި އެހެންކަމުން މެޗުން މޮޅުވާން ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މިއީ ކްލަބަށް ހޯދަން ލިބިފައިވާ އިތުރު ތަށްޓެއް ކަމަށާއި ލިވަޕޫލް ބަލިކޮށް ތަށި ކާމިޔާބު ކުރެވިއްޖެނަމަ އެއީ ލިބޭނެ ކުރިއެރުމެއްކަން ވެސް ލަމްޕާޑް ފާހަގަކުރިއެވެ.

ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރާ ސުޕަ ކަޕް މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.