Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގެ ހަގީގީ މަގުސަދު ހާސިލުކޮށްދޭނެ ކަމަށް ހީކުރަން: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް --

ދަރުމަވަންތަ ހޮސްޕިޓަލުގެ ފުރިހަމަ މަގުސަދު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހާސިލް ކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

އެންމެ ގިނަ ބަޔަކު ބޭސްފަރުވާއަށްދާ މަންޒިލަކީ އަވަށްޓެރި އިންޑިއާއަށް ކަމަށްބުނެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ހަބަރަކަށް ކޮމެންޓު ކުރުމަށް ސިޔާމް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭސްފަރުވާއަށް އިންޑިއާއަށް ގިނަބަޔަކު ފޮނުވުމުން ދޭހަވަނީ ސަރުކާރުގެ ސިއްހީ ސިޔާސަތުވެސް ބަޔަކަށް އަޅުވެތިވެފައި އޮތް މިންވަރު ކަމަށެވެ.

ސިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިއްހީ ދާއިރާވެސް ވަކި ބައެއްގެ އަޅުވެތިވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލު ބިނާ ކުރީ އެ ބޭނުމުގައިކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ ހަމައެކަނި ހޮސްޕިޓަލެއް ނޫން ކަމަށެވެ. އަދި އުއްމީދަކީ އެ ހޮސްޕިޓަލުގެ ހަގީގީ މަގުސަދު ރައީސް ސާލިހުގެ ސަރުކާރުން ހާސިލްކޮށްދިނުން ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ސާލިހް ވިދާޅުވީ ޚިޔާނާތް ހިންގާފައި ވަނީ ދަރުމަންވަތަ ހޮސްޕިޓަލު އިމާރާތް ކުރަން ހަވާލުކުރުމުގައި އެކަނި ނޫން ކަމަށެވެ. އެތަނަށް ސާމާނު ހޯދުމުގައި ވެސް ހިންގާފައި އޮތީ "ބޮޑު ވައްކަމެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

އެ އިމާރާތަކީ 54 މިލިއަން ޑޮލަރަށް އެޅޭ އިމާރަތަކަށް ވި ނަމަވެސް އޭގެ އެތައް ގުނައެއް އިތުރަށް 144 މިލިއަން ޑޮލަރު ހޭދަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެ ހިސާބުން އެކަން ނިމުނީކީއެއް ނޫނޭ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ގަތުމަށްޓަކައި އިތުރު 80 މިލިއަން ޑޮލަރު ބަޖެޓުން ނަގައިފި. މުޅި އެކު 220 މިލިއަން ޑޮލަރު އެތަނަށް ޚަރަދުކޮށްފި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ ބިޑްކުރުމެއް ނެތި އެވެ.