Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަށް

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖެ އައި އިނގިރޭސިވިލާތުގެ ނޫސްވެރިން - ފޮޓޯ: އެމްއެމްޕީއާރްސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން މިއަހަރު ކުރިޔަށް ގެންދާ ސިލްސިލާ މަސައްކަތުގެ ދަށުން ނޫސްވެރިން ގެނައި ފަސް ވަނަ ޓީމެވެ.

އިއްޔެ ރާއްޖެ އައި އެމެރިކާގެ ޓީމުގައި ހިމެނެނީ އެމެރިކާގެ މަޝްހޫރު ޓްރެވަލް މަޖައްލާތައް ކަމަށްވާ ޓްރެވަލް + ލެޝާ، ޓްރިޕް ސެވީ، ނޭޝަނަލް ޖިއޮގްރެފިކް ޓްރެވަލް، ޔޫއެސްއޭ ޓުޑޭ އަދި ނިއުޔޯކް ޓައިމްސްގައި ލިޔުންތައް ޝާއިއުކުރާ ނޫސްވެރިންނެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އެޓީމުން ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު މި ދަތުރުގައި ހެރިޓެންސް އާރަށް ރިސޯޓް އަދި މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓަށް މި ޓީމުން ޒިޔާރަތް ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މީގެ ކުރިން އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންޑިއާ، އިނގިރޭސިވިލާތް އަދި ދެކުނު ކޮރެއާ އަދި ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފައެވެ.

އެމެރިކާ އަކީ ރާއްޖެ އަށް އަށްވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.