Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އީދު ފާހަގަކުރުމަށް އައްޑޫ ނޭޗާ ޕާކުގައި ހަރަކާތެއް ބާއްވައިފި

އީދު ފާހަގަކުރުމަށް އައްޑޫ ސިޓީ ހިތަދޫ ނޭޗާ ޕާކުގައި ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

ހިތަދޫގައި އީދު ފާހަގަކުރުމުގެ ހަރަކާތްތައް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އައްޑޫ ފްރެންޑްސް ޖަމިއްޔާ އާއި އައްޑޫ ނޭޗާ ޕާކު ގުޅިގެން މިއަދު ބާއްވާފައިވަނީ "އީދި ގަލާ" ޓްރެޝަރ ހަންޓެކެވެ.

މި ޓްރެޝަރ ހަންޓުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވިއިރު ތަފާތު އެކި ޓާސްކުތައް ޓީމުތަކުން ފުރިހަމަކޮށްފައިވެއެވެ.

މި ޓްރެޝަރ ހަންޓުން އެއްވަނަ އަށް ގޮސްފައިވަނީ ޓީމް ފްރެންޑްސް އަށެވެ. ދެވަނަ މިއާންޒް ގާލްސް އިން ހޯދިއިރު ތިންވަނަ ގެންދިޔައީ އުތުރު ރަނިންއެވެ.

އެއްވަނަ އަށްދިޔަ ޓީމަށް ކްރެސް ގާޑެން ރެސްޓޯރެންޓުން ކެއުމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އަށްދިޔަ ޓީމަށް ލިބުނީ ސީޝެލްސް ރެސްޓޯރެންޓުން ކެއުމެކެވެ. ތިންވަނަ އަށްދިޔަ ޓީމުގެ ކޮންމެ މެމްބަރަކަށް ދީފައިވަނީ 200 ރުފިޔާގެ ގިފްޓް ވައުޗަރެކެވެ.

އައްޑޫ ފްރެންޑްސް އިން އީދު ފާހަގަކުރުމަށް ހިތަދޫގައި ގިނަ ހަރަކާތްތަކެއް މިފަހަރު ބާއްވާފައިވެއެވެ. އެގޮތުން އެގޮތުން އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ އީދު މަޅި ހަރަކާތް ބޭއްވިއިރު އީދު ދުވަހު ހަވީރު ކުލަ ޖެހުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން މިދިޔަ ހޯމަ ދުވަހު ވަނީ ހައްބޯރާހި ޕެރޭޑުގެ ނަމުގައި ޕެރޭޑެއް ވެސް ހިތަދޫގައި ބާއްވާފައެވެ. މި ޕެރޭޑުގައި ބޮޑުމަސް ވެސް ދައްކާލާފައިވެއެވެ.

މިއީ ހިތަދޫގައި މިފަހަކަށް އައިސް މިހާ ކުލަގަދަ ގޮތަކަށް އީދު ފާހަގަކުރި ފުރަތަމަ ފަހަރެވެ.