Last Updated: April 19, 17:23
Friday, April 19, 2024
ދުނިޔެ

ވިއްސާރާގައި އިންޑިޔާ އިން މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް

އިންޑިޔާގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި 270 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ގިނަ އަދަދެއްގެ މީހުން މަރުވުމުގެ އިތުރުން މިލިއަނެއްހާ މީހުން ވަނީ ގެތަށް ދޫކޮށްދާން ވެސް މަޖުބޫރުވެފައެވެ. މީގެއިތުރުން އެކި ތަންތަނުގައި ތާށިވެފައި ތިބި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާއިރު ގިނަ މަގުތަކެއް ވެސް ވަނީ ހަލާކުވެފައެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އިންޑިޔާގެ ހަތަރު ސްޓޭޓު ކަމަށްވާ ކަރްނާޓަކާއި، މަހާރަޝްތްރާ އާއި ގުޖްރާތުގެ އިތުރުން ކެރަލާ އަށެވެ. އެގޮތުން ހަމައެކަނި ކެރަލާ އިން 95 މީހުން މަރުވިއިރު 50 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އަދި ކަރްނާޓަކާ އިން 54 މީހުން މަރުވެފައިވާއިރު 15 މީހުން ވަނީ ގެއްލިފައެވެ. އެ ސްޓޭޓުން ގާތްގަނޑަކަށް ހަތް ލައްކަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ވެސް ގެންގޮސްފައެވެ. އަދި މަހާރަޝްތްރާ އިން 48 މީހުން މަރުވިއިރު ގުޖްރާތުން 31 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން ހާމަކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ކަރްނާޓަކާއި، މަހާރަޝްތްރާ އަދި ގުޖްރާތަށް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

އެންމެ ބޯކޮށް ވާރޭވެހުނު ސްޓޭޓުތަކުގެ ތެރޭގައި ކެރަލާ ހިމެނޭއިރު، މިފަހުގެ ތާރީހެއްގައި އެ ސްޓޭޓަށް އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ކެރަލާ އިން 450 މީހުން މަރުވިއިރު އެފަހަރު ލިބުނު ގެއްލުންތަކުން އަދިވެސް އެ ސްޓޭޓަށް އަރައިގަނެވިފައެއް ނުވެއެވެ.