Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ގައުމީ ޓީމުގައި ދަގަނޑޭ ހިމެނެންޖެހޭ: މަހުލޫފް

ރާއްޖޭގެ ގައުމީ ޓީމުގައި އަލީ އަޝްފާގް (ދަގަނޑޭ) ހިމެނެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައިނުވާއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މިދިޔަ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައިވަނީ ދަގަނޑޭ އެވެ.

ގައުމީ ޓީމަށް ދަގަނޑޭ ނުނެގުމުން އެކަމުގެ ހިތްހަމަނުޖެހުން ދިވެހި ސަޕޯޓަރުން ވެސް ފާޅުކުރަމުން އަންނައިރު ޔޫތް މިނިސްޓަރު މަހުލޫފް މިރޭ ވިދާޅުވީ އޭނާ ނަގާ ފުރަތަމަ އެގާރައެއްގައި ދަގަނޑޭ ހިމެނޭނެ ކަމަށާއި ދަގަނޑޭ އަކީ ގައުމީ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދިވެހި ސަޕޯޓަރުންގެ އެދުން ރަސްމީކޮށް އެފްއޭއެމްއާ ހިއްސާކޮށްދޭނަން" މަހުލޫފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވި ހިސާބުން ގައުމީ ކޯޗު ޕީޓަ ސެގާޓް ދަގަނޑޭ އަށް ގައުމީ ޓީމުން ޖާގަ ދީފައެއް ނުވެއެވެ.

ދަގަނޑޭގެ އިތުރުން މިދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި ހަސަން ރާއިފް (ހަންނަ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ގައުމީ ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.