Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔޫއެފާ ސުޕަ ކަޕް ލިވަޕޫލް އިން ކާމިޔާބުކޮށްފި

ޕެނަލްޓީގައި 5-4 އިން ޗެލްސީ ބަލިކުރުމަށްފަހު ޔޫއެފާ ސުޕަ ކަޕް ލިވަޕޫލް އިން ކާމިޔާބުކޮށްފިއެވެ. މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 2-2 އިން އެއްވަރުވެފައެވެ.

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން ޕުލިސިޗް ދިން ޕާހަކުން މެޗުގެ 36 ވަނަ މިނެޓްގައި މި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫއެވެ.

ނަމަވެސް ދެވަނަ ހާފްގައި ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފަމީނޯ ކުޅެން އެރުވުމާއެކު އެޓީމުގެ ކުޅުމަށް ބޮޑު ބަދަލެއް އައިއިރު މެޗުގެ 48 ވަނަ މިނެޓްގައި ލިވަޕޫލް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން ފަމީނޯ ދިން ޕާހަކުން މި ގޯލު ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭއެވެ.

މި ގޯލަށްފަހު އިތުރު ގޯލުތަކެއް ކާމިޔާބު ކުރަން ދެ ޓީމަށް ވެސް ފުރުސަތު ލިބިގެންދިޔައިރު، ދެ ޓީމުގެ ކީޕަރުންގެ ފަރާތުން މޮޅު ސޭވްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ނަތީޖާ އަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި މާނޭ ވަނީ ލިވަޕޫލް އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޗެލްސީގެ މި ގޯލަށްފަހު އެޓީމުގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް އަށް ވަނީ އެޓީމަށް އަލުން ލީޑު ނަގައިދޭން ވެސް ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

15 މިނެޓްގެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. ޕެނަލްޓީގައި ލިވަޕޫލް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރިއިރު، ޗެލްސީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ އަބްރަހަމް ޖެހި ޕެނަލްޓީ އެކަންޏެވެ. އެގޮތުން އޭނާ ޖެހި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން ވަނީ ދިފާއުކޮށްފައެވެ.

މިއީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލް އިން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.