Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ (ދެވަނަބައި)

ޒައިކްއަށް ބޭއިޚްތިޔާރުގައި އެނދުގައި އިށީނދެ ޒީޝާންގެ މޫނަށް ފުންކޮށް ބަލާލެވުނެވެ. އަންއައުނުލާންވެސް ހަނދާންނެތި، އޭނާއަށް ޒީޝާންގެ މޫނަށް ބަލަންއިނދެވުނީ އެމޫނުގައިވީ މައުސޫމުކަމެއްގެ ސަބަބުންނެވެ. އެހެން އިންދައި އޭނާ ސިހުނީ، ޑްރެސިން ޓޭބަލްމަތީގައި ބާއްވާފައި އޮތް އޭނާގެ ފޯނުން ބަންގި ގޮވަން ފެށުމުންނެވެ. ހަމައެއާއެކު ޒީކްގެ ގާތުގައި ނިދާފައި އޮތް ޒީޝާންވެސް ސިހިފައި ލޯހުޅުވާލިއެވެ. ޒައިކް އަވަސް އަވަހަށް ތެދުވެ އަނެއްފަރާތަށް އެނބުރި އަލަމާރީގެ ދޮރުހުޅުވާލުމަށްފަހު އެއްޗެއް ހޯދާކަމަށް ހެދުނެވެ. ޒީޝާންއަށް ރަނގަޅަށް ދެލޯހުޅުވާލެވުމާއެކު ކުރިމަތީގައި ހުސްގަޔާހުރި ޒައިކް ފެނިފައި، ކަންބޮޑުވެގެން މެޔަށް ފިނިވެގެން ދިޔައެވެ. އޭނާއަށް މިއޮވެވުނީ ޒައިކްގެ ކޮޓަރީގައިކަންވެސް ރޭކާލީ ދެނެވެ. އަވަސް އަވަހަށް އެނދުން ފުންމާލައިގެން ދުވެފައި ގޮސް ކޮޓަރިން ނުކުތެވެ. ޒީޝާން ދިޔަ މަންޒަރަކު ފެނުމުން ޒައިކްގެ ގާތަށް ހިނިއައެވެ.

ހަވީރުގެ ވަގުތެވެ. ހިންދީ ޑްރާމާއެއް ބަލަން ޒީޝާން އޮތީ އޭނާގެ ކޮޓަރީގައެވެ. އެހެން އޮއްވައި މިއަދުވެސް އޭނާ ސިހުނީ ޝިޔާ އައިސް އެނދުމައްޗަށް ވެއްޓިގަތުމުންނެވެ.
" އޭތް ދެން އަބަދު ކޮޓަރީގަ ނޯވެ ހިނގާބަލަ ބޭރަށް ބުރެއްޖަހާލަންދާން…." ޒީޝާންގެ ކަތްފަތުގައި އިން ހެޑްސެޓް ދަމައިގަންނަމުން ޝިޔާ ބުނެލިއެވެ.
" ދެން މިތަންކޮޅު ބަލާލަންދެން މަޑުކޮށްބަލަ!.." ޒީޝާން ތުންއޫކޮށްލަމުން ޝިޔާގެ އަތުން ހެޑްސެޓް އަތުލުމަށްފަހު އަނެއްކާވެސް ކަންފަތުގައި ޖެހިއެވެ.
" ދެން ތިގޮތަށް އެއްތަންކޮޅު ބަލާފަ އަނެއްތަންކޮޅު ބަލަންވީ…..އަބަދު ތިކަހަލަ ޑްރާމާ ސީރީޒްތައް ބަލާތީއޭ މާ ޑްރީމީވެގެން ތިއުޅެނީ….ގެއިންބޭރަށް ނުކުމެ އެހެންމީހުންވެސް އުޅޭގޮތަށް އުޅެބަލަ!…." ޝިޔާ އަނެއްކާވެސް ހެޑްސެޓް ދަމައިގަތެވެ.

" ހޫމް…މީ ވަރެއްގެ އަންހެނެއް…މީނަ ޑްރާމާ ނުބަލާތީ މަވެސް އެއްޗެއް ބެލިޔަ ދެނީކީ ނޫނޭ…މަ ނުދެކެން މިހާ އަންރޮމޭންޓިކް އަންހެނެއް…" ޒީޝާން ކުދިކިޔަމުން ތެދުވެ ބޭރަށްދާން ތައްޔާރުވާން ފެށިއެވެ.
ޒީޝާން ތައްޔާރުވުމުން، ދެކުދިން ކޮޓަރިން ނުކުމެ ބޭރަށް މިސްރާބު ޖެހުމާއެކު ޒީޝާންގެ ފޯނު ރިންގްވިއެވެ. ފޯނުގެ ސްކްރީނަށް ބަލާލުމާއެކު، އުފަލުން އޭނާގެ ދެލޯވިދައިގަތީ އެއީ ޒަލަފްގެ ކޯލަކަށް ވީތީއެވެ. ފޯނު ކަންފަތުގައި ޖަހާލަމުން ދުވެފައި ގޮސް ޖޯލިފަތީގައި އިށީނެވެ.

" ކަންތަކާ ޖެހުނީ….ދެން ތިފޯނު ނިމޭއިރު ހުންނާނީ އިރުއޮއްސިފަ…" ދެބުމަ ގޮށްޖަހާލާފައި ހަށަންބަދެލަމުން ޝިޔާ ކުދިކިޔާލިއެވެ. ޒީޝާންގެ ފޯންކޯލް ނިމޭނެ އިރެއްގެ އިންތިޒާރުގައި ތަންކޮޅެއް ދުރުގައި ޝިޔާއިނެވެ. އިންތިޒާރުކޮށް ކޮށް ޝިޔާ ފޫހިވީއިރުވެސް ޒީޝާން ފޯނު ނިންމާކަށް ނޫޅުނެވެ. އެންމެފަހުން ޝިޔާ އިންތަނުން ތެދުވެގެން އައިސް ޒީޝާންއަށް ގޯނާކުރަން ފެށުމުން ފަހުން ގުޅާނަން ކަމުގައި ބުނެފައި ފޯނުބޭއްވިއެވެ.

" އެހެންވެ މަބުނަނީ ތީމަގޭ ދުޝްމަނެއްހޭ….މަގޭ ބޯއީފްރެންޑާވެސް ވާހަކަ ދެއްކޭކަށް ނޯވޭ މީނަގެ އުނދަގޫބޮޑުކަމުން…."ޝިޔާއަށް ލޯއަޅާލާފައި ޖޯލިން ތެދުވެ، ލައިގެންހުރި ޖިންސްގެ ޖީބަށް ފޯނުޖަހާލިއެވެ. ޝިޔާ ހިނިއައިސްފައި ހުރެ ޒީޝާންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގޮސް ދޮރާށިން ބޭރަށް ނުކުތެވެ. ދެކުދިންގެ މިސްރާބުހުރީ ދެކުނުކޮޅު ތުނޑިއާ ދިމާއަށެވެ.

" ޒީ…އަހަރެން މިއުޅެނީ މާލެދާންވެގެން….ގާތްގަނޑަށް ހަފްތާއެއްވަރުވާނެ…" ޝިޔާ ވާހަކަދައްކަން ފެށިތަނާހެން ޒީޝާންގެ ފޯނަށް ވައިބާރއިން މެސެޖެއް އައެވެ. އެއާއެކު ފޯނުނަގައި އެއަށް ޖަވާބުދޭން ފެށިއެވެ.
ޝިޔާ ދައްކާ ވާހަކަ އޭނާއަށް އަޑުއިވޭ ކަމަކަށްވެސް ނުވިއެވެ. އުފާވެފައި ހުރެގެން މެސެޖަކަށްފަހު މެސެޖެއް ލިޔަމުން ދިޔައެވެ. ޝިޔާ އެއީ ގާތުގައި ހުރިމީހެއްކަންވެސް ހަނދާންނެތް ފަދައެވެ. ޝިޔާގެ ގާތަށް ރުޅިއައިސްގެން ކުއްލިއަކަށް ފޯނުޖަހައިގަތެވެ.

" އަޅޭ…ދެންދީބަލަ! ވަރަށް މުހިއްމު ވާހަކައެކޭ މިދައްކަނީ…" ޒީޝާން ޝިޔާގެ އަތުން ފޯނު އަތުލަން މަސައްކަތްކުރިއެވެ.

" ބަލަ އަހަރެންވެސް މިދައްކަނީ ވަރަށް މުހިއްމު ވާހަކައެކޭ….އެހާދިގު ކޯލެއް ނިންމާފަ އައިއިރުވެސް ނުދެއްކޭ ވާހަކަ ހުރީތަ؟…" ޝިޔާ ސީރިއަސްވެފައި ބުނެލުމުން ޒީޝާން ތުންއޫކޮށްލިއެވެ.

" އެގަޑީގަވެސް ޝިޔާއާހެދި ވާހަކަ ނުދެއްކުނީ….ދެންދީބަލަ ޕްލީޒް…އޭރުން ތިދައްކާ ވާހަކަ އަޑުއަހާނަމޭ…" ޒީޝާން މޮޅިވެލާފައި ބުނެލުމުން ޝިޔާ ފޯނު ދިނެވެ.

" ހެޔޮދެން އަޑުނޭހިޔަސް…..އަހަރެންގެ ވާހަކަ އަޑުއަހާކަށް ޒީއަކަށް ވަގުތެއް ނެތެއްނު….ޒީ މެސެޖް ކުރޭ!..އަހަރެން މިދަނީ…" ޝިޔާ ހިތްހަމަ ނުޖެހިފައި ހިނގައިގަތުމުން ޒީޝާން އަވަހަށް ފޯނު ޖީބަށްލަމުން ޝިޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. ޝިޔާ ގޮތްދޫނުކުރުމުން ޒީޝާންއަށް އޭނާގެ ވާހަކަ އަޑުއަހަން މަޖުބޫރު ވެއްޖެއެވެ. ޝިޔާދެއްކީ އޭނާ ހަފްތާއަކަށް މާލެދާން ޖެހުނު ވާހަކައެވެ. ޝިޔާ މާލެދިއުމުން އެގެއަށް ގޮސް މަންމަމެންގެ ހާލުބަލާދިނުމަށް އެދުނެވެ.

" އެނގޭތަ ޒަލަފުވެސް މާލެދާން އުޅެނީ….އޭނަބުނީ މިރޭ ބައްދަލު ކުރާ ވާހަކަ….އެހެންވެ އެވާހަކަ އޭރު އެދެއްކީ…" ޒީޝާން އުފާވެލާފައި ބުންޏެވެ.

" ދެން އެހެންވީމަ..މިރޭ އަހަރެންނާވެސް ބައްދަލުކޮށްދޭންވީނު…..ކެއުމަކަށްދާންވީނު…" ޝިޔާ ޚިޔާލު ހުށަހެށިއެވެ.

" ޝިޔާއަށްވެސް އެނގެއެއްނު އޭނަގެ ގޮތް…..މަންމަމެންގާތު ބުނާކަށްވެސް އެއްބަހެއްނުވި…އެހެންވެ މަންމަމެނާ ސިއްރުން އަދިވެސް އުޅެން މިޖެހެނީ….އަހަރެން ޝިޔާގެ ވާހަކަ ވަރަށްގިނައިން އޭނަގާތުގަ ދައްކަން….ޝިޔާ ބައްދަލުކޮށްލަންވެސް އެދުނިން….އެކަމު އޭނަބުނީ އަދި ނެތެއްނޫންހޭ ބައްދަލު ނުވެފައެއްނު…..ފަހުން ބައްދަލު ކުރާނަމޭ…" ޒީޝާން އޮޅުންފިލުވައި ދިނެވެ.

" އެހެންވެޔޭ އަހަރެން ބުނަނީ ތިމީހެއްގެ ގޮތް ބަލަން ވެއްޖެއޭ….ތިހާ ސިއްރުން އުޅޭނީ ކޮންމެވެސް ކަމެއްވީމައެއްނު…..އަހަރެން ބަލާދެންތަ؟…އަހަރެންގެ ވަރަށްގާތް ރައްޓެއްސެއް އެރަށުގަ ހުންނާނެ…" ޝިޔާ އޭނާގެ ވިސްނުން ހުރިގޮތް ހާމަކުރިއެވެ.

" އެއްކަލަ ޝިޔާ….ތިވަރަށް މީހުނަށް ޝައްކު ކުރާކަށް ނުވާނެ….ޒަލަފްގެ ފޮޓޯވެސް އަހަރެން ދައްކައިފީމެއްނު….ނުބައި ސިފައެއްޖަހާތަ އޭނަ ގައިގަ؟…ނުޖަހައެއްނު…ޒަލަފް އެއީ ވަރަށް ރަނގަޅުމީހެއް…..އަހަރެންދެކެ ވަރަށް ލޯބިވޭ….އޭނާ އަހަރެންނަށް އެއްވެސް ކަމެއް އޮޅުވައެއް ނުލާނެ…" ޒީޝާން ވަރަށް ޔަޤީން ކަމާއެކު ބުނެލިއެވެ. ޝިޔާވެސް އިތުރަށް ބަހުސް ކުރާކަށް ނުހަދައެވެ. ދެކުދިން އެކި އެކި ވާހަކައިގައި ތިބުމަށްފަހު ގެޔަށް އައީ އިރުއޮއްސުމުންނެވެ.
****
ރޭގަނޑުގެ ވަގުތެވެ. ޒީޝާން ފެންވަރާ ނަލަހެދިގެން ޒަލަފްއާއި ބައްދަލުކުރަން ގެއިން ނުކުތީ ޝިޔާގެ ގެޔަށްދަނީކަމުގައި ބުނެފައެވެ. ގެޔާއި ތަންކޮޅެއް ދުރަށް ގޮސްފައި ޒަލަފްއަށް ގުޅުމުން، ރައްޓެއްސެއްގެ ސައިކަލު ހޯދައިގެން ޒަލަފް އޭނާ ބަލާއައެވެ.

" އަހަރެން ބޭނުންވަނީ މިރޭ ވަރަށް ހަމަހިމޭން މާހައުލެއްގަ ބައްދަލުކޮށް….ރެސްޓޯރެންޓްތަކުން ބައްދަލުކުރީމަ މާގިނަ މީހުންނަށް ފެންނާނެއްނު…..ރޫމަކަށް ދާންވީނު…" ޒަލަފް އޭނާ ބޭނުންވާ ގޮތްބުނެލިއެވެ. އެވަގުތު ޒީޝާންގެ ހިތްތެޅިގަތެވެ.

" ނޫނޭ…..ރޫމަކަށްދާކަށް އަހަރެންނަކަށް ލާހިކެއްނޫން….ރޫމަކަށް ގޮސް އުޅެނިކޮށް ފަޅާ އަރައިފިއްޔާ މުޅި ރަށަށް ބަދުނާމުވާނެ….ތަންކޮޅެއް ކުރިން ދުވަހެއްގަ ޕޮލިހުން ގޮސް ކޮންމެވެސް ބަޔަކު ހައްޔަރުކުރި….ބީޗަށްދާންވީނު…." ޒީޝާން ބުނެލިއެވެ.

" ބީޗްވެސް ކިހާ ހާމަކަންބޮޑު….ވަކި ސޭފެއްނުވާނެ….ދެން އެހެންގޮތެއް އެބައޮތް…އަހަރެންގެ ރައްޓެއްސެއްގެ ގެޔަށް ހިނގާ….އެގޭގަ މާގިނަ މީހުނެއް ނޫޅޭނެ….އެކަމުވެސް މިރޭ ރެސްޓޯރެންޓަކަށް ދާހިތެއްނެތް…." ޒަލަފް އާދޭހާއެކު ބުނެލިއެވެ.

އެގޮތާއި ޒީޝާންވެސް އެއްބަސްވިއެވެ. ޒަލަފް އޭނާގޮވައިގެން ދިޔައީ އަލަށް އާބާދުވި ސަރަހައްދުގައި ހުރި ގެޔަކަށެވެ. ޒީޝާން އަދި އަލަށްވެސް އެސަރަހައްދަކަށް ނުދެއެވެ. އެހެންކަމުން އޭނާހުރީ ފާޑަކަށް ބިރުވެސް ގަނެފައެވެ. ޒީޝާންގެ އަތުގައި ހިފައިގެން ޒަލަފް އެގެއަށް ވަތްއިރު، އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ގޭތެރެއިން ފަނޑުއަލިކަމެއް ފެންނަން ހުއްޓެވެ. ގޯތިތެރޭގައި ގަސްބޯކަމުން ހީވަނީ ޖަންގަށްޔެއް ހެންނެވެ. ޒީޝާން ގޮވައިގެން ގޮސް ޒަލަފް އިށީނީ އަނދިރި ހިސާބެއްގައިހުރި ބޮޑު އުނދޯއްޔެއްގައެވެ.

" މިތަނަކަށް ނާންނާނެ އެކަކުވެސް…." އުނދޯލީގައި އިށީނދެފައި ޒީޝާން ގެނެސް ގަޔާލާ ފިއްތާލަމުން ވައިއަޑުން ޒަލަފް ބުނެލިއެވެ.
އެވަގުތު ޒީޝާންގެ ހިތްތެޅިގަތީ އޮބިނޯންނަ ވަރަށެވެ. ޒަލަފް މަޑުމަޑުން ޒީޝާންގެ މޫނު އޭނާއާ ދިމާއަށް އަނބުރާލިއެވެ. ހިތްއަވަސްވެފައި އިން ޒީޝާން އިނީ ޒަލަފް ކޮށްފާނެ ކަމަކަށް ބިރުންނެވެ. މިނޫނީ މިގޮތަށް އޭނާ ޒަލަފްއާއެކު އެކަނިވެފައެއް ނުވެއެވެ. އަދި އިތުރު ފިރިހެނަކާއިވެސް އެކަހެރިކޮށް ބައްދަލުވެފައެއް ނުވެއެވެ. ޒަލަފްގެ ހޫނު ނޭވާތައް ޒީޝާންގެ މޫނަށް އެޅެންފެށުމުން އޭނާއަށް ބޭއިޚުތިޔާރުގައި ލޯމަރާލެވުނެވެ. ޒީޝާންގެ މަޑު ތުންފަތުގައި ޒަލަފް ބޮސްދޭން ފެށުމުން އޭނާއަށް ތެޅިގަނެވުނެވެ. ނަމަވެސް ޒަލަފް މާހުޝިޔާރެވެ. ޒީޝާން އޭނާގެ އަތުތެރޭގައި ގައިދުކޮށްލީ ގުޑާނުލެވޭ ވަރަށެވެ. ޒަލަފް މަޑު މަޑުން ޒީޝާންގެ ހަށިގަނޑުގައި ބީހެމުން ދިޔަވަރަކަށް އެހިތުގެ ތެޅުން ދެގުނަށް އިތުރުވަމުން ދިޔައެވެ. ޒީޝާން ނުވެސް ވިސްނާ އިންދައި ޒަލަފް އޭނާގެ ޝޯލްގައިވާ ފިންތައް ނައްޓާލިއެވެ. ޒީޝާން އަވަސް އަވަހަށް ޒަލަފްގެ އަތް ދުރުކޮށްލަން މަސައްކަތް ކުރިއެވެ.

" ރިލޭކްސް ބޭބީ…" ޖަޒްބާތުން ފުރިގެންވީ އަޑަކުން ޒަލަފް ބުނެލުމާއެކު ޒީޝާން ހިމޭންވިއެވެ.

ޒަލަފް ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ބުނަނީ މިރޭ އެއަންހެން ކުއްޖާގެ ކިބައިން އެންމެ ފުރިހަމައަށް އުފާހޯދުމަށެވެ. އޭނާ އެކަމަށް އެދިގެން އުޅޭތާ މިހާރު ކޮންދުވަހެއް ހެއްޔެވެ؟ އެމޮޔަ އަންހެން ކުއްޖާ ހައްލާލުމަށްޓަކައި އޭނާ ނުކުރަނީ ކީއްހެއްޔެވެ؟ ޒަލަފް ގެ ބަސްމަދުވެ ހަރަކާތްތަކުން އޭނާގެ އެދުން ހާމާކުރަމުން ދިޔައެވެ. މިވަނީ ގޯހެކޭބުނެ ޒީޝާންގެ ހިތް އޭނާއަށް ވިސްނައިދެމުން ދިޔައެވެ. ޒަލަފްގެ ހަރަކާތްތައް ހުރިގޮތުން އޭނާ ބިރުގަންނަން ފަށައިފިއެވެ. އެކަންކަމާއި އިދިކޮޅު ހަދާހައި ބާރެއްވެސް އޭނާގެ ކިބައަކު ނުވެއެވެ. ބިރުން ގޮސް އޭނާއަށް ރޮވެން ގާތްވެފައިވަނިކޮށް ގޭގެ ދޮރުމައްޗަށް ސައިކަލެއް މަޑުކޮށްލުމަށްފަހު ދެމީހަކު ދޮރާށިން އެތެރެއަށް ވަނެވެ. އެއާއެކު ޒަލަފް ހިމޭންވިއެވެ. އަދި ޒީޝާން ގާތުގައިވެސް ހިމޭނުން އިނުމަށް ބުންޏެވެ. އެދެމީހުން ވާހަކަދައްކަމުން ގޮސް ގޭތެރެއަށް ވަނުމާއެކު ޒަލަފް ޒީޝާންގެ އަތުގައި ހިފައިގެން އެތަނުން ތެދުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ބޭރަށް ނުކުމެ ސައިކަލަށް އަރައި ސްޓާރޓް ކޮށްލިއެވެ. ބާރު ދުވެލީގައި ދިޔަ ސައިކަލު ގޯޅިއަކުން އެޅުމާއިއެކު ކުރިމަތިން އައި ސައިކަލެއްގައި ނުޖެހި ސަލާމަތްވީ ހުޝީޔާރު ކަމާއެކު ޒަލަފް ބުރެކި ޖައްސާލުމުންނެވެ.

" ޒީޝާން…" ޒީޝާންއަށް އޭނާގެ ބައްޕަގެ އަޑުއިވިފައި ބަލާލިއިރު ކުރިމަތީގައިހުރި ސައިކަލުގައި އިނީ ބައްޕައެވެ. ގަތްބިރުން އޭނާގެ އަތްފައި ވަގުތުން ފިނިވިއެވެ.

" ޒަލް….ބައްޕަ" ޒީޝާންއަށް މަޑުމަޑުން ބުނެލެވުނެވެ. އަދި އަވަސް އަވަހަށް ސައިކަލުން ފޭބިއެވެ.

" އާދޭ ގެޔަށްދާން…" ޒީޝާން ހަދާނެ ގޮތްވެފައި ހުއްޓައި މަޑުމައިތިރި ކަމާއެކު ބައްޕަ ބުނެލިއެވެ. ފެނުނު މަންޒަރުން ހަސަނު ރުޅިއައި ނަމަވެސް މަގުމަތީގައި ދަރިފުޅާދިމާއަށް އެއްޗެއް ނުބުނެ އޭނާ ކެތްކުރިއެވެ.

" ޒީޝާން ކޮޓަރިއަށްދޭ…..ދެން މިރޭ ބޭރަށް ނުކުމެގެން ނުވާނެ…" ހަސަނު އެހެން ބުނެލުމަށްފަހު ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ.

އޭރު ޒީނާ ކޮންމެވެސް ފޮތެއް ކިޔަން އެނދުގައި އޮތެވެ. ހަސަނު ގޮސް އެނދުގައި އޮށޯވެ ނިތްކުރީގައި އަތްބާއްލިގޮތުން ކަމެއް ގޯސްވެއްޖެކަން ޒީނާއަށް ދެނެގަނެވުނެވެ. އޭނާ ކިޔަން ގެންގުޅުނު ފޮތް އެނދުގެ ހެޑްބޯޑްމަތީގައި ބޭއްވުމަށްފަހު ހަސަނާދިމާއަށް އެނބުރުނެވެ.

" ކިހިނެއްވީ؟…ހާދަ ކަންބޮޑުވެފަހެން ހީވެޔޭ؟….އަނެއްކާ ކަމެއް ގޯސްވީތަ؟" ހަސަނު އޮތްގޮތުން ޒީނާ އަހާލިއެވެ.

" ކިރިޔާއެއްވެސް ނޫން ގޯސްވީކީ….މާބޮޑަށްވެސް ގޯސްވެއްޖެ…ޒީނާއަށް އެނގޭތަ ޒީޝާން އުޅޭނޫޅޭގޮތެއް….ޝިޔާގެ ގެޔަށޭ ކިޔާފަ އެމަންޖެ ދާތަނެއް ވިސްނާލިންތަ؟…" ރުންކުރު ގޮތަކަށް ހަސަނު ސުވާލުކުރަން ފެށުމުން ޒީނާ ކަންބޮޑުވެފައި ބަލަން އިނެވެ.

އޭނާއަށް އެނގިގެއް ޒީޝާން އެއްވެސް ތާކަށް ނުދެއެވެ. އެހެންކަމުން ދޭނެ ޖަވާބެއް ނޭނގިފައި އިންދައި ހަސަނު މިރޭ އޭނާއަށް ފެނުނު ކަންތައް ކިޔައިދިނެވެ.

" ކޮންދުވަހެއް ކަމެއްވެސް ނޭނގެ މިކަމެއް ހިނގަނީކީ….އަހަރެން ހިޔެއްނުކުރަން އަހަރެމެންގެ ދަރިފުޅު އެފަދަ ދަށުދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް….އަހަރެމެންނާ ސިއްރުން އެފަދަ ވިޔާނުދާ ކަމެއް ކޮށްފާނެކަމަކަށް…." ހަސަނު ދެރަވެލާފައި ވާހަކަ ދެއްކިއިރު ޒީނާވެސް އިނީ ދެރަވެފައެވެ.

" އަހަރެން މާދަމާ އެމަންޖެއާ ވާހަކަ ދައްކާނަން….އެމަންޖެ އަހަރެމެންނަށް ކަންކަން އޮޅުވައެއްނުލާ މީގެކުރިންވެސް….އެއީ އެހާ ގޯސް ކުއްޖެއްނޫން…" ޒީނާ އޭނާގެ ދަރިފުޅުގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.

އަނެއްކޮޅުން ޒީޝާން އޮތީ ބައްޕައަށް އޭނާގެ ސިއްރު ފަޅާއެރީތީ ބިރުން ލޮލަށް ނިދިވެސް ނައިސްފައެވެ. އެހެން އޮއްވައި ފޯނަށް މެސެޖެއް އައުމުން ސިހިފައި ބަލާލިއިރު އެއީ ޒަލަފްގެ މެސެޖެކެވެ.

" ބައްޕަ ކީކޭތަބުނީ؟….ބައްޕަ އެހިޔަސް އަދި ނުބުނުއްޗޭ އަހަރެމެންގެ ގުޅުމުގެ ވާހަކަ….ބުނޭ މީ ހަމައެކަނި އެކުވެރިއެކޭ….އަދި އަހަރެން ބޭނުމެއްނޫން މިގުޅުން އެންމެނަށް ފަޅާއަރާކަށް.." ޒަލަފްގެ މެސެޖް ކިޔާލާފައި ޒީޝާން ދެރަވިއެވެ.

" ކީއްވެ ބައްޕަމެންނަށް ނާންގަންވީ….މިހާރުވެސް ކިހާ ދުވަހަކު އުޅެވިއްޖެ ސިއްރުން….އަހަރެންނަކަށް ނުކެރޭނެ ދޮގުހަދާކަށް….ލޯބިވުމަކީ ކުށެއްނޫނެއްނު…އެހެންވީމަ ބުނުމަކުން މައްސަލައެއް ނެތެއްނު…" ޒީޝާން ޖަވާބު ލިޔެލިއެވެ.

" އޯކޭ…ޒީއަށް ފެންނަ ގޮތަކަށް ކަންތައްކުރޭ!.." ޒަލަފް ޖަވާބުދިނެވެ. މާދަމާ މަންމަމެންނާއި ކުރިމަތިލާނެ ގޮތަކާމެދު ވިސްނަ ވިސްނާ އޮއްވައި މަޑުމަޑުން ޒީޝާންގެ ދެލޯމެރުނެވެ.
***
ހެނދުނުގެ ނާސްތާގެ ވަގުތުގައިޒީޝާން އިނީ ބައްޕަ ރޭގެ ވާހަކަ ދައްކަފާނެތީ ވަރަށް ބިރުންނެވެ. ނަމަވެސް ބައްޕަ އެކަމާބެހޭގޮތުން އެއްވެސް ސުވާލެއްވެސް ނުކުރުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނާސްތާކޮށްގެން ބައްޕަ ބޭރަށް ދިއުމުން، މަންމަގެ ގާތުގައި ބުނެފައި އޭނާ ދިޔައީ ޝިޔާފުރަން އުޅޭތީ އެނގެއަށެވެ. އަދި ރޭގައި ކަންތައް ވީގޮތްވެސް ޝިޔާއަށް ކިޔައިދިނެވެ.

" މަކުރިންވެސް ބުނީމެއްނު މަންމަމެންގާތުގަވެސް ބުނެގެން އުޅޭށޭ…..ދެން އެމީހުން ހީކުރާނީ މަކުރުވާ ކަމެއްކަމަށް….." ހިތްހަމަ ނުޖެހިފައި ޝިޔާ ބުންޏެވެ.

" ނޫނޭ….ކީއްވެ އެހެން ހީވާންވީ….އެމީހުން އަހަފިއްޔާ އަހަރެން ބުނާނަމޭ ޝިޔާއަށްވެސް ނޭނގިޔޭ އަހަރެން ދަނީ….އޭރުން އެމީހުން ޝިޔާދެކެ ރުޅިއެއް ނާންނާނެއްނު…" ޒީޝާން ހަމަޖެހިލާފައި ބުންޏެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެ ހުރިނަމަވެސް އޭނާހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ. ޝިޔާއާ ސަލާމް ކުރުމަށްފަހު ގެޔަށް އައިއިރު ޒީކް ގޮވައިގެން މަންމަ ގޯތިތެރޭގައި އުޅެވެ.

" ޒީދައްތީ…" ޒީކް ދުވެފައި އައިސް ޒީޝާންގެ ގައިގާ އޮޅުލައިގަތެވެ. ޒީޝާން ޒީކް ނަގާ އުރާލާފައި ކޮލަށް ދޮނެއްދެމުން ގޭތެރެއަށްވަނެވެ. ޒީކް ގޮވައިގެން ކޮޓަރިއަށް ވަދެ ޒީކް އެނދުމަތީ ބޭންދުމަށްފަހު އޭސީ އޮންކޮށްލިއެވެ. އަދި އޭނާ އަޅައިގެންހުރި ޝޯލްބޭލުމަށްފަހު ކޮނޑެއްގައި އަޅުވާލިއެވެ. ކޮޓަރިއަށް ވަނުމަށްފަހު ޝޯލްބޭލުމަކީ އޭނާގެ އާދައެވެ.

" ދައްތި އެބައަންނަ ފާޚާނާއަށްވަދެފަ…އިޝީ ކާޓޫން ބަލާލަން އިނދޭ އިނގޭ…" ލެޕްޓޮޕުން ކާރޓޫން އެޅުވުމަށްފަހު ޒީޝާންވަނީ ފާޚާނާއަށެވެ. އެވަގުތަކީ ހަސަނު ބުނި ބުނުމަކަށް ޒައިކްވެސް އެގެއަށް އައިސް ވަތް ވަގުތެވެ.

" އަނހާ ޒައިކް….ޒީކް ބަލާތަ ތިއައީ؟…" ޒައިކް ފެނުމާއެކު ޒީނާ އަހާލިއެވެ.

" ނޫނޭ….ހަސަންބޭބުނީ ކޮންމެވެސް ފާޚާނާއެއްގަ މައްސަލައެއް އުޅޭ ވާހަކަ….އެހެންވެ ބަލާލަން މިއައީ…." ޒައިކް އޭނާ އައިބޭނުން ބުންޏެވެ.

" އާނ…އެއީ ޒީޝާންގެ ކޮޓަރީ ފާޚާނާގަ ފްލަޝް ޓޭންކް މައްސަލަ އުޅޭތީ….ދޭބަލަ ބަލާލަން….ޒީޝާން އެބައުޅޭ ކޮޓަރީގަ…" ޒީނާ ބުނެލިއެވެ. ޒައިކް ޖެހިލުންވެ ހުރެގޮސް ޒީޝާންގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. ކާޓޫން ބަލަންއިން ޒީކްއަށް އެއަޑު އިވުމާއެކީ ދުވެފައި އައިސް ކޮރައިގެން ތަޅުގައި ހިފާ އަނބުރާލިއެވެ. ކުއްލިއަކަށް ދޮރުހުޅުވުމާއެކީ ސިހިފައި ޒައިކް ބަލާލިއިރު ދޮރުމަތީގައި ހެވިފައި ޒީކް ހުއްޓެވެ.

" އަސްތާ….ބައްޕިގެ ދޫނިތަ މިއުޅެނީ…" ޒީކް ނަގާ އުރާލަމުން ޒައިކް ލޯބިކޮށްލިއެވެ. ކޮޓަރި ތެރެއަށް ބޯދިއްކޮށް ބަލާލިއިރު ޒީޝާން ފެންނާކަށް ނެތެވެ. އެހެންކަމުން ވަންނަން ނުކެރިފައި ހުއްޓައި ޒީކް އޭނާގެ އަތުގައި ހިފާ ދަމާފައި އެތެރެއަށް ވެއްދިއެވެ.

ޒައިކް ގޮވައިގެން އައިސް އެނދުގައި ބައިންދާފައި ލެޕްޓޮޕް ދައްކާލީ އުފާވެފައި ހުރެގެންނެވެ. ޒައިކްވެސް ހީލާފައި ޒީކްގެ ބޮލުގައި ފިރުމާލިއެވެ. ފާޚާނާއިން ނުކުތް ޒީޝާން އެނދާ ދިމާއަށް ހިނގައިގެންފައިވެސް ހުއްޓެވުނީ ޒީކްގެ ގާތުގައި އިން ޒައިކް ފެނިފައެވެ. އެވަގުތު ޒައިކްވެސް އެދިމާބަލާލިއެވެ. ހަމެއެއާއެކު އަވަސް އަވަހަށް އިސްޖަހާލީ ޒީޝާން ބުރުގާ ނާޅާހުރުމުންނެވެ. ޒީޝާންއަށްވެސް އެކަން ހަނދާންވެ ފާޚާނާއާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް އޭނާގެ ނަސީބު ވަރަށްވެސް ދެރައެވެ. ފާޚާނާ ދޮރުމަތީގައި އޮތް ފައިފުއްސަށް އެރި ކައްސާލިގޮތަށް ކަނޑާލި ރުއްގުޅިއެއްހެން ވެއްޓި އޭނާ އިނދަޖެހިއްޖެވެ.
ނުނިމޭ