Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

ކުޓީނިއޯ ބަޔާން އަށް ބަދަލުވެއްޖެ

ބާސެލޯނާ އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާން އަށް ބަދަލުވީ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމުން 120 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު ބަޔާން އަށް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ ފުރިހަމަ ކުރުމުގެ ކުރިން ހަދަންޖެހޭ މެޑިކަލް ފުރިހަމަ ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޓީނިއޯ ޖަރުމަނަށް އަންނާނެ ކަމަށް ބަޔާން އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލް އިން 142 މިލިއަން ޕައުންޑަށް ބާސާ އަށް ގެނައި ކުޓީނިއޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ކުޓީނިއޯ ބާސާގައި ހޭދަކުރި މުއްދަތުގައި ވަނީ 76 މެޗު ކުޅެދީ 21 ގޯލު ކާމިޔާބުކޮށްފައެވެ.

ކުޓީނިއޯ ބަޔާން އަށް ބަދަލުވިއިރު ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އަނބުރާ ބާސާ އަށް ގެންނަން ކުރާ މަސައްކަތުގެ ދަށުން ކުޓީނިއޯ ޕީއެސްޖީ އަށް ފޮނުވާލަން ވެސް ބާސާ އިން މީގެކުރިން މަސައްކަތް ކުރިއެވެ. ނަމަވެސް ޕީއެސްޖީ އަށް ބަދަލުވާން ކުޓީނިއޯ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.