Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ރޯދައިގެ ތައްޔާރީތަކުން އުފާވެރިކަން ގެނެސްދޭ!

ބަޔަކު ދަތުރު ގޮސް މޫދަށް އެރި މަޖާ ކުރަނީ: ރޯދަ އާ ދިމާކޮށް މޫދަށް ދިއުން އޮވޭ. ފޮޓޯ/ އަޒާ

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް އައުމުގެ ކުރިން ރާއްޖޭގެ ގިނަ ރަށްތަކުގެ މީހުން ދުރާލާ ތައްޔާރުވަމުން ދާތަން ކުރީ ޒަމާނުގައި ފެންނަމުން ދެ އެވެ.

ނަމަވެސް މިހާރަކަށް އައިސް ބައެއް ރަށްރަށުގައި މިކަމުގެ މާ ބޮޑު އަސަރެއް ފެންނާކަށް ނެތެވެ.
އައްޑުއަކީ ޒަމާނުއްސުރެ ވެސް މިފަދަ ކަންތައްތައް ކުރުމުގައި ނަމޫނާ ބައެއް ދިރިއުޅޭ ސަރަހައްދެެއްކަން ފާހަގަ ކުރެވެ އެވެ. ރަމަޟާން މަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު ފާހަގަ ކުރެވޭ އެއް ކަމަކީ ގޯތިގެދޮރު ސާފު ކުރުމެވެ.
މިކަންތައްތައް ކުރަނީ ގޭގައި ދިރިއުޅޭ ހުރިހާ މީހުން އެކުވެ، މަޖާ ކުރަމުންނެވެ.

މުޅި ގޭތެރެ އަށް ފެން ޖަހައި ގޭތެރެ ސާފު ކުރުމަކީ ޒަމާނުންސުރެ ވެސް އައްޑޫގައި ކުރަމުންގެންދާ ކަމެކެވެ. ކުލަ އާއި ދަވާދު ލުމުގައި ދެ ޖިންސެއް ތަފާތެއް ނެތެވެ.

މާޒީ އަށް ނަޒަރު ހުއްޓައިލާ އިރު އެކަންކަން ފެންނަން އެބަ ހުއްޓެވެ. މީގެ ތެރެއިން ވެސް ވަރަށް ފާހަގަ ކުރެވޭ އެއް ކަމަކީ ކުރީ ޒަމާނުގައި ގޭގައި ހިފައި ގެންގުޅޭ ސާމާނުތައް ދޮންނަ ގޮތެވެ.

ބައެއް މީހުން އެ ތަކެތި ދޮންނަން އަތިރި މައްޗަށް ދާކަން ވެސް ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން ރަމަޟާން މަސް ޖެހެން 3 ދުވަސް ނުވަތަ 4 ކުރިން ބައެއް މީހުން މޫދަށް ދާން ފަށަ އެވެ.
އައްޑޫ ބަހުން ބުނާނަމަ (ރޯދާއް ހެނުން) ބައެއް މީހުން ފޯރި އާ އެކު ކުރާ އިރު އަނެއް ބަޔަކު ދާނީ ޝައުބާން މަހު އެންމެ ފަހު ދުވަހު އެވެ. މި އާދަކާދަ ތައް މިހާރު ވެސް ގިނަ ރަށްތަކުން ފެންނަން އެބަ ހުއްޓެވެ.

މީގެ އިތުރުން ރޯދަ އަށް ހަވާދު ހަނާ ކުރުމަކީ ވެސް އައްޑޫގެ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ފާހަަގަކޮށްލެވޭ ކަމެކެވެ. މިއީ އަންހެނުންނަށް ހާއްސަ މަސައްކަތެކެވެ.

ދެން އޮތީ ހަނދު ސާބިތު ކުރުމެވެ. މިކަންތައްތައް އެކި ރަށްރަށުގައި ކުރަނީ އެކި ގޮތްގޮތަށެވެ. ރަށުގެ ކަމޮށިގެންވާ ބަޔަކު އަތިރި މައްޗަށް ދާނެ އެވެ.

ބައެއް އަންހެނުން މިކަމުގައި ބައިވެރިވާ އިރު އަނެއް ބަޔަކު ތިބޭނީ ގޭގަ އެވެ. ފިރިހެނުން ގެއަށް އަންނަ ވަގުތަށް މީރު ފޮނިކާ އެއްޗެއް ތައްޔާރުކޮށްގެންނެވެ.
ބޮނޑިބަތާއި ފިހުނު މަހުގެ ވަސް މުޅި ރަށުތެރޭގައި ހިފާފަ ހުންނަހެން ވެސް ބައެއް ފަހަރު ހީވެ އެވެ. ކަންމިހެން އޮތް އިރު މިހާރު މިފަދަ ގިނަ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާކަން ފާހަގަ ކުރެވެ އެވެ.

މިފަދަ ކަންތައްތަކުން ވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ މެސެޖްތައް ލިބެއެވެ. ހަމަ އެހެންމެ މިކަމަކީ އާއިލީ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާ ކަމެކެވެ.