Last Updated: April 26, 17:23
Friday, April 26, 2024
ރިޕޯޓް

ސުޕަރ ކޮމެޓީއެއް ހަދައިގެން މުއައްސަސާތައް މިނިވަން ވާނެ؟

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ބައްދަލުވުމެއް -- ފޮޓޯ / މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރު ފެނިގެން ދިޔައީ ގާނޫނު އަސާސީގައި ބުނެފައިވާ މިނިވަން މުއައްސަސާތައް ގާނޫނުގައި ބުނާ ވަރާއި ގާތަށްވެސް މިނިވަން ނުވެ އޮތް މަންޒަރެވެ. ކުރިންވެސް މި މުއައްސަސާތައް އޮތީ ހަމަ މިފަދައިންނެވެ. އޭރު ވައި ހުންނަ ކޮޅަކަށް ރުއްތަކާއި ގަސްތައް ހެލޭ ފަދައިން މުއައްސަސާތަކުގެ ވެރިންނަށް ތިއްބަވާ ބޭފުޅުންގެ ފަރާތްޕުޅުން މިހާތަނަށް ދިވެހިންނަށް ފެނުނީ އެ މަންޒަރެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތީ މިކަމަށްވެސް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ވަނީ މަޖިލީހަށް ކޮމިޝަނުތައް މިނިވަން ކުރުމަށްޓަކައި ގާނޫނުތަކަށް ގިނަ އިސްލާހުތަކެއްވެސް ހުށަހަޅާފައެވެ. ނަމަވެސް ސުވާލަކީ މުއައްސަސާތަކަށް އައްޔަން ކުރާ މެންބަރުން މިނިވަން ކުރާނީ ކިހިނެއްތޯއެވެ. ގާނޫނުން މުއައްސަސާ ކިތަންމެ ވަރަކަށްވެސް މިނިވަން ކުރެވިދާނެއެވެ.

މަޖިލީހަށް ނަން ފޮނުވާ ހިސާބުން އޮންނަނީ ސިޔާސީ ވެފައި!

ގާނޫނުތަކުގައި ބުނެފައިވަނީ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ. އެ މުއައްސަސާއަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ނަންތައް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ވޭތުވެދިޔަ ތަނުގެ މާޒީއަށް ބަލާލަމާއި ހިނގާށެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ބޭފުޅުންގެ ތެރޭގައި އެ ދާއިރާއެއް ކިޔަވައިގެން ހުންނަވާ ނުވަތަ ގިނަ ބަޔަކު އެއީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ވިދާޅުވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެ ނަންތައް ފޮނުވުމުން ދެން މަޖިލީހުގެ ރިޔާސަތުން އެ ނަންތައް ދިރާސާ ކުރުމަށް ފޮނުވާނީ އެކަމަށް ހާއްސަ ކޮށްފައި އޮންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށެވެ.

ކޮމެޓީން ނަންތައް ދިރާސާ ކުރާއިރު އެންމެ ރަނގަޅު ކަމަށް ބެލެވޭ ބޭފުޅާގެ ނަން ބާކީ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ނަންތައް ހުށަހަޅާނެއެވެ. އެއީ މިހާތަނަށް މަޖިލީހުގައި އެ މަސައްކަތް ކުރަމުންދިޔަ ގޮތެވެ.

ބްރޯޑްކޮމްގެ މިހާރުވެ މެންބަރުން މަޖިލީހުގެ ކޮމެޓީއެއްގައި —

މާދުރުނޫން ހަނދާނަކަށް ޖެހިލާނަމެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލުމަށް ހުޅުވާލިއެވެ. އެ ފުރުސަތުގައި 23 ފަރާތަކުން ކުރިމަތިލިއެވެ. އެ 23 ބޭފުޅުންގެ ނަންތައް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވިއެވެ. އަދި އެ ހުރިހާ ބޭފުޅުންނާއި ކޮމެޓީން އިންޓަވިއު ކުރެއްވިއެވެ. އެ ބޭފުޅުންގެ ތެރޭގައި މަގާމަށް ވަރަށް ގާބިލް ބޭފުޅުން ތިއްބެވިކަން ފާހަގަކޮށްލަމެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި 23 ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށް ފަހު ތައުލީމާ މަސައްކައްތުގެ ތަމްރީނަށް ބެލުމުން އެއްވަނަ ލިބެނީ، ގ. ހިލްމަން މަރިޔަމް ވަހީދާ އަށެވެ. އޭނާއަށް ލިބިވަޑައިގަތީ 81.3 އިންސައްތަ މާކުހެވެ. ޝަހީބަށް ލިބިވަޑައިގަތީ 80.2 އިންސައްތަ މާކުހާއެކު ލިސްޓުގެ ދެވަނަ އެވެ. ނަމަވެސް މަޖިލީހަށް ރައީސް ޔާމީން ހުށަހެޅުއްވި ލިސްޓުގެ ތަރުތީބަށް ބަލާއިރު އެންމެ ފުލުގައި އޮތީ މަރިޔަމް ވަހީދާގެ ނަންފުޅެވެ.

މާކްސް ލިބިވަޑައިގެންނެވިގޮތުގެ ތަރުތީބު:

މަރިޔަމް ވަހީދާ، ގ. ހިލްމަން – 81.3 ޕަސެންޓް މާކްސް.
މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ – 80.2 ޕަސެންޓް މާކްސް.
ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ – 79.3 ޕަސެންޓް މާކްސް.
އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި – 77.3 ޕަސެންޓް މާކްސް.
ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ – 76.8 ޕަސެންޓް މާކްސް.
އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ – 68.8 ޕަސެންޓް މާކްސް.

ކޮމިޓީގެ ނިންމުމުގައި ވާގޮތުން، ކޮމިޝަންގެ މެމްބަރުކަމަށް ގާބިލުވާނީ، 75 ޕަސެންޓް މާކްސް ލިބުމުންނެވެ. 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ފަސް ބޭފުޅުންނަަށް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.

ކޮމިޓީން މާކްސް ދިނުމުގައި ބެލި ކަންތައްތައް:

ތައުލީމާއި ތަމްރީން
ތައުލީމީ ފެންވަރު
މަސައްކަތު ތަމްރީނު
މަސައްކަތުގެ ތަޖުރިބާ
ހިންގުމުގެ އެންމެ އިސް ފަންތީގެ ތަޖްރިބާ
ހާސިލްކޮށްފައިވާ ލަނޑުދަނޑިތައް
ގާބިލުކަމާއި ހުނަރު
ލީޑަރޝިޕް
އިންޓަވިއު އަދި ޕްރެޒެންޓޭޝަން
ނަޒާހަތްތެރިކަން

ނަމަވެސް ދަންނަވަންތޯއެވެ. ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކޮށް އެންމެ ގިނަ މާކްސް ލިބުން ކުރީގެ ޕްރެސެންޓަރު މަރިޔަމް ވަހީދާގެ ނަން މަޖިލީހުން ފެއިލް ކޮށްލީއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މަރިޔަމް ވަހީދާ އައްޔަން ކުރަން ފެނޭތޯ ވޯޓަށް އެހުމުން މެންބަރުން ވަނީ މަރިޔަމް ވަހީދާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓްދީ ފެއިލް ކޮށްލާފައެވެ.

މަރިޔަމް ވަހީދާއަށް ވޯޓު ދިނުމަށް އެހުމުން އެ ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަަމަށް ވޯޓް ދީފައިވަނީ 22 މެންބަރުންނެވެ. މަރިޔަމް ވަހީދާ އެ ކޮމިޝަނަށް އައްޔަން ކުރަން ނުފެންނަ ކަމަށް 46 މެންބަރަކު ވޯޓް ދީފައިވާއިރު، ވަކިކޮޅަކަށް ނުޖެހި ތިން މެންބަރަކު ތިއްބެވެ.

"ކޮމެޓީގެ މައްސަލައެއް ނެތް، އުޅެނީ ސަރުކާރުގެ މައްސަލަ"

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވާ ގޮތުގައި މުޅިން ވަކި ކޮމެޓީއެއް މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމަށްޓަކައި ހެދުމުގެ ވިސްނުން 19ވަނަ މަޖިލީހުގައި ގެންގުޅުއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެއީ މަޖިލީހުގެ ގަވާއިދަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ އިސްލާހެއް ނުވަތަ މަޖިލީހުގެ ގަވާއިދަށް ކޮމެންޓު ކުރުމަށް ހުޅުވާލި ފުރުސަތުގައެވެ.

"މީގައި ރައީސް ނަޝީދު ވިސްނަވާފައި އޮތް ގޮތަކީ ހުރިހާ ކޮމެޓީއަކުންވެސް މުގައްރިރުން ތިއްބަވާ ބޮޑު ކޮމެޓިއެއް އުފެއްދުން. ދެން މި ކޮމެޓީގައި ޕާޓީތަކުން ކަނޑައަޅުއްވާފައި ތިއްބަވާ ޕީޖީ ލީޑަރުންވެސް ތިއްބަވާނެ. ރައީސް ނަޝީދު ވިދާޅުވީ މެންބަރުންގެ އިއުތިރާޒެއް ނެތް ކަމަށް ވަންޏާ ކޮމެޓީ ޗެއަރ ކުރައްވާނީ ނުވަތަ އެ ކޮމެޓީގެ މުގައްރިރުކަން ކުރައްވާނީ އަޅުގަނޑޭ. އެކަމަކު ކޮމެޓީގެ މެންބަރުންނަށް އިތުރު ބޭފުޅެއް ކޮމެޓީގެ މުގައްރިރަކަށް އަންނަވަން ފެނިވަޑައިގަންނަވާ ކަމަށްވާ ނަމަ އެހެން މެންބަރަކަށްވެސް އެ ފުރުސަތު އެބަ އޮތޭ އެމަނިކުފާނު ވިދާޅުވި،" އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަކި ކޮމެޓީއެއް ހަދަން އާޒިމް ތާއީދެވެ. އޭނާ ވިދާޅުވީ އެފަދަ ކޮމެޓީއެއް ހަދަން ޖެހުނީވެސް މިނިވަން މުސްތަގިއްލު ކޮމިޝަންތަކާއި ބޯޑުތައް ފެއިލްވެގެން ދިއުމުން ކަމަށެވެ. އެގޮތުން 17ވަނަ މަޖިލީހުގައިވެސް އަދި 18ވަނަ މަޖިލީހުގައިވެސް ކޮމިޝަންތަކަށް މެންބަރުން ހޮވިއިރު އެ ކޮމިޝަންތައް ފެއިލްވެގެން ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް – ފޮޓޯ: މަޖިލިސް

"މީގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީއެއް ނޫން ގޯހީކީއެއް. މިދިޔަ ދެ ދައުރުގައިވެސް އަޅުގަނޑަކަށް ކޮންމެހެން އެ ކޮމެޓީއެއް ނުވަތަ އެ ކޮމެޓީގައި ތިއްބަވާ ބޭފުޅުންނެއް ގޯހެއް ނޫން. ގޯހީ ސަރުކާރެއް ނޫންތޯ. ސަރުކާރުން ނަންތައް މަޖިލީހަށް ފޮނުވާއިރު އެބަ ބުނޭ މިއީއޭ ތިމަންނާމެން ހޮވަން ބޭނުންވާ ފަސް މީހުންނަކީ. އެހިސާބުން އެބަ ގޯސްވެއެއް ނޫންތޯ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކިތަންމެ މޮޅު މީހެއް ކޮމިޝަނަށް ލާފައި ހުންނެވިއެއް ކަމަކު އެބޭފުޅާގެ ނަޒާހާތްތެރިކަން ނުހުރެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ހުރިހާ ކޮމިޝަނަކަށްވެސް ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ އެއްގޮތަކަށް ކަމަށެވެ. އެހެންކަމުން އެއީ މައްސަލައެއް ކަމަށް އޭނާ ދެކިލައްވައެވެ.

"އެ ހެޔޮ ކިތަންމެ މޮޅު މީހަކު ކިތަންމެ ނަޒާހާތްތެރި މީހަކު ލިއަސް. ހަމަ ސަރުކާރުން ބުނާ މީހަކު ލާނީ. ހުރިހާ ކޮމިޝަނަށް އެއްގޮތަކަށް މީހުން ހޮވާތީ މައްސަލައަކީ. ތައުލީމު ހުރި މީހަކު އިންޓަގްރިޓީ ނެތި ހުރެދާނެ. ދަންނަވަންތޯ މަނިކުފާނުގެ އަރިހުން ވާހަކައެއް. މިނިވަން މުއައްސަސާ ރަނގަޅެއް ނުވެ ދައުލަތް ރަނގަޅެއް ނުވާނެ." އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ނަޝީދު —

އާޒިމްގެ ވާހަކަތަކަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ދެކޮޅެވެ. އޭނާއާ ސުވާލު ކުރެއްވުމުން ވިދާޅުވީ އެ ކޮމެޓީއަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބާރު ދައުލަތުގެ އެކި ހިސާބުތަކުގައި ވަރުގަދަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ 17 ކޮމެޓީ އޮތްއިރު އެ ހުރިހާ ކޮމެޓީތަކަކުންވެސް ރައީސް ނަޝީދުގެ ބާރުގެ ދަށުގައި އޮތީ ދެތިން ކޮމެޓީއެއް ކަމަށެވެ.

"ހަގީގަތުގައި މިއޮތީ ދެ ފެކްޝަނެއް. ރައީސް އިބޫގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް. މި ފެކްޝަންތަކުގެ ތެރެއިންވެސް މަޖިލީހުގައިވެސް ކޮންޓްރޯލް އޮތީ ރައީސް އިބޫގެ. ދެން އޮތީ ރައީސް ނަޝީދުގެ. ދެން ކޮންމެ ގޮތެއްވިއަސް ރައީސްކަން ކުރެއްވި ބޭފުޅެއްވީމަ އެބޭފުޅާ އެބަ ބޭނުންވޭ އެބޭފުޅާގެ ނަންވެސް ނުވަތަ ބާރުވެސް ދައުލަތް ހިންގުމުގައި އޮންނަން. ދެން ރައީސް އިބޫގެ ބާރު އެހާ ބޮޑަށް ގަދަވީމަ ރައީސް ނަޝީދަކަށް އެކަމެއް ހަޖަމެއް ނުކުރެވޭ،" ޝިޔާމް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް —

ޝިޔާމް ވިދާޅުވީ ސުޕަރ ކޮމެޓީއެއް ހަދައިގެން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެ ޕާޅިމަންޓްރީ ގްރޫޕުތަކުގެ ލީޑަރުންނާއި މަޖިލީހުގެ ރައީސް ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ނަޝީދު އުޅުއްވަނީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށް ޝިޔާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އަސްލު އެ މަސައްކަތް ކުރުމުގެ ބޭނުމަކީ މުއައްސަސާތަކުގެ ބާރުތައް ނަޝީދުގެ އަތްމަތީގައ އޮތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސުޕަރ ކޮމެޓީއެއް ހެދި ދާނެއެވެ. ނަމަވެސް ސުވާލަކީ ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންނަކީ ނަޒާހާތްތެރި މެންބަރުންނަށް ނުވަތަ ބޭފުޅުންނަށް ވާނެތޯއެވެ. އުފެދޭ ސުވާލަކީ ސުޕަރ ކޮމެޓީއެއް ހަދައިގެން މުއައްސަސާތައް މިނިވަންތޯ ވާނީ ނޫނީ އިތުރަށް މުއައްސަސާތައް ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ބާރުގެ ދަށަށް ދާނީތޯ އެވެ.