Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ތިންވަނަބައި)

ފާޚާނާއިން ނުކުތް ޒީޝާން އެނދާ ދިމާއަށް ހިނގައިގެންފައިވެސް ހުއްޓެވުނީ ޒީކްގެ ގާތުގައި އިން ޒައިކް ފެނިފައެވެ. އެވަގުތު ޒައިކްވެސް އެދިމާބަލާލިއެވެ. ހަމެއެއާއެކު އަވަސް އަވަހަށް އިސްޖަހާލީ ޒީޝާން ބުރުގާ ނާޅާހުރުމުންނެވެ. ޒީޝާންއަށްވެސް އެކަން ހަނދާންވެ ފާޚާނާއާ ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް އޭނާގެ ނަސީބު ވަރަށްވެސް ދެރައެވެ. ފާޚާނާ ދޮރުމަތީގައި އޮތް ފައިފުއްސަށް އެރި ކައްސާލިގޮތަށް ކަނޑާލި ރުއްގުޅިއެއްހެން ވެއްޓި އޭނާ އިނދަޖެހިއްޖެވެ.

" އައުޗް…" ވީތަދުން ޒީޝާން އަށް އަޑެއް ލައްވާލެވުނެވެ.
ޒީޝާން ވެއްޓުނު އަޑުއިވިފައި ޒައިކްއަށް ބޭއިޚުތިޔާރުގައި އެދިމާ ބަލާލެވުނެވެ. ޒީޝާން ވެއްޓިޖެހުނު ގޮތަކުން އޭނާގެ އަތަށާއި އުނަގަނޑަށް ވަރަށް ތަދުވިއެވެ. އޭނާ ތެދުވަން އުޅެ ނުވެސް ތެދުވެވުނެވެ. ޒީޝާން ނުތެދުވެވިގެން އުޅޭ މަންޒަރު ފެނުމުން ޒައިކްއަށް އިންތަނުން ތެދުވެވުނެވެ. ޖެހިލުންވެހުރެ އައިސް ޒީޝާންގެ އަތުގައިހިފިއެވެ. އެވަރުންވެސް ޒީޝާންއަށް ނުތެދުވެވުމުން، ޒައިކް ބަލަން ނުހުރެ ޒީޝާން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގެނެސް އެނދުގައި ބޭއްވިއެވެ. އޭރު ޒީޝާންއަށް އިނީ ރޮވިފައެވެ. ޒީޝާން އެނދަށް ލުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ޒައިކް ނުކުމެގެން ދިޔައެވެ. ޒީޝާންއަށް އޭނާގެ އަތުތެރޭގައި މޫނު ފޮރުވާލެވުނީ ލަދުގަތްވަރުންނެވެ.

" ދަރިފުޅާ…ކިހިނެއްވީތަ؟….ކޮންތާކަށް ތަދުވީ….ޒައިކްބުނީ ދަރިފުޅު ވެއްޓުނީޔޯ…" ކުއްލިއަކަށް ދުވެފައި އައިސް ކޮޓަރިއަށް ވަތް ޒީނާ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.

އިރުކޮޅެއްނުވެ ހަސަނުވެސް އަތުވެއްޖެއެވެ. މަންމައާއި ބައްޕަ ހާސްވެގެން އުޅެގަތްގޮތުން ޒީޝާންގެ ގާތަށް ހިނިވެސް އައެވެ. ކުޑަކުޑަ ޒީކްވެސް ވާނުވާނޭނގިފައި ފަހަރަކު މީހެއްގެ މޫނަށް ބަލަންއިނެވެ. އެންމެފަހުން މަންމައާއި ބައްޕަ ޒީޝާން ގޮވައިގެން ހޮސްޕިޓަލަށްދާން ނިންމިއެވެ.

ޒައިކް އެއައި ގޮތަށް ގެޔަށްވަދެ އޮތީ އޭނާގެ ކޮޓަރީގައެވެ. ދެންމެ ހިނގާދިޔަ ހާދިސާގެ ސަބަބުން އޭނާއޮތީ ނުހަނު ކަންބޮޑުވެފައެވެ. އަންހެން ކުއްޖެއްގެ ކޮޓަރިއަށް ހުއްދަ ނުހޯދާ ވަނުމަކީ އޭނާކުރި ވަރަށްބޮޑު ކުށެކެވެ. ޒީޝާން ވެއްޓި އަނިޔާވީ އޭނާގެ ސަބަބުންނެވެ. ދެން އެގެއަށްދާންވެސް އޭނާއަކަށް ނުކެރޭނެއެވެ.

" ހައްވައްތާ….މިއުޅެނީ ޒީޝާން ވެއްޓި އަނިޔާއެއްވެގެން….ހޮސްޕިޓަލަށްދާން މިދަނީ…އެހެންވެ ޒީކް ގޮވައިގެން މިއައީ…" ބޭރުން ޒީނާގެ އަޑުއިވިފައި ޒައިކް ސިހުނެވެ. އޭނާ މަޑުމަޑުން ދޮރުހުޅުވާ ބަލާލިއިރު ޒީކް އޭނާގެ މަންމައާ ހަވާލުކުރުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ޒީނާ ބޭރަށް ނުކުންނަނީއެވެ.

ޒީޝާން ޑޮކްޓަރަށް ދައްކައި އެކްސްރޭ ނެގިއިރު އަތުގެ ކަށިގަނޑެއްގައިވަނީ ރެނދުލާފައެވެ. ނަމަވެސް އުނަގަނޑަށް ގެއްލުމެއް ލިބިފައެއް ނެތެވެ. އަތުގައި ޕްލާސްޓަރ އަޅައި ބޭސްދިނުމަށްފަހު ޒީޝާން ގެޔަށް ފޮނުވާލިއެވެ. ޒީޝާން ގެޔަށް އައިސް ކޮޓަރީގައި އޮތްއިރުވެސް މިއަދު ކޮޓަރިތެރެއިން ޒައިކް ފެނުނު ހަނދާންވެފައި އޭނާގެ މޫޑުއޮފްވިއެވެ. ޒައިކްއަށް އޭނާ ބުރުގާ ނާޅާ ހުއްޓައި ފެނުނީތީ އޭނާ ލަދުގަންނަނީއެވެ. އޭނާގެ ހުއްދަ ނުހޯދާ ޒައިކް އެކޮޓަރިއަށްވަނީތީ އޭނާ ޒައިކްދެކެ ރުޅިވެސް އައެވެ.
****
ހަފްތާއެއް ފަހެވެ. ޒީޝާންގެ އަތް އަދިވެސް މުޅިއެކުން ރަނގަޅެއް ނުވެއެވެ. އެހެންކަމުން އޭނާ ގެއިންވެސް ބޭރަށް ނުނުކުމެ އޮތީ ކޮޓަރީގައެވެ. މިއަދު މީ ޝިޔާ އަންނަން ބުނި ދުވަހެވެ. އެހެންކަމުން ޝިޔާގެ އިންތިޒާރުގައި އޭނާ އޮތެވެ. ޒަލަފްގެ ޚަބަރެއް ނުވާތާވެސް ހަފްތާއެއްވީއެވެ. ކުރިންރޭގެ ހާދިސާއާ ބެހޭގޮތުން މަންމަ ސުވާލުވެސް ކޮށްފިއެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.

" މަންމަ އެއްގޮތަކަށްވެސް ގަބޫލެއްނޫން ދަރިފުޅު ރަށުން ބޭރުމީހަކާ އިންނާކަށް…." ފުރަތަމަވެސް މަންމަ ކުރީ އިންކާރެވެ.
" މަންމާ….ރަނގަޅިއްޔާ ކޮބާތަ ރަށުން ބޭރުމީހެއްވިޔަސް މައްސަލައެއް….އަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވޭ….ޒަލަފް އަހަރެންނަށް ވަރަށް ރަނގަޅު….އެއްވެސް ކަމެއް އޮޅުވައެއްނުލާ…" ޒަލަފްގެ ދިފާއުގައި ޒީޝާން ވާހަކަދެއްކި ގޮތުންވެސް ޒަލަފްދެކެ އޭނާވާލޯބި ހާމަވެގެން ދިޔައެވެ.

" އެންމެ ރަނގަޅު…ތިމީހާއަކީ ކާކުތޯ ބަލާފަ….ގޯސްމީހަކަށް ވެއްޖެއްޔާ ދަރިފުޅު އިންނަން ޖެހޭނީ މަންމަ ބުނާމީހަކާ…އެނގިއްޖެތަ؟…" ޒީނާ އޭނާގެ ހުކުމް އިއްވާލިއެވެ. ނުދަންނަ ބީރައްޓެއްސަކާޖެހި އޭނާގެ ހުރި ހަމައެކަނި ދަރި މަގުއޮޅިގެން ދާކަށް އޭނާ ނޭދެއެވެ.

" އެންމެ ރަނގަޅޭ މަންމާ….ޒަލަފް އަކީ ގޯސްމީހަކަށް ވެއްޖެއްޔާ…މަންމަ ބުނި މީހަކާ އަހަރެން އިންނާނަން….ޕްރޮމިސް…" ވަރަށް ޔަޤީންކަމާއެކު ޒީޝާން ބުންޏެވެ. އޭނާ އެގޮތަށް އެއްބަސްވީ ޒަލަފްގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

" އެންމެ ރަނގަޅޭ މަންމާ….ޒަލަފް އަކީ ގޯސްމީހަކަށް ވެއްޖެއްޔާ…މަންމަ ބުނި މީހަކާ އަހަރެން އިންނާނަން….ޕްރޮމިސް…" ވަރަށް ޔަޤީންކަމާއެކު ޒީޝާން ބުންޏެވެ.

އޭނާ އެގޮތަށް އެއްބަސްވީ ޒަލަފްގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ޒީޝާންގެ ވާހަކަތައް އަޑުއެހުމަށްފަހު މަންމަވެސް އިތުރަކަށް އެމަޢުލޫއަށް ބަހުސެއް ނުކުރިއެވެ. އެހެންކަމުން ޒީޝާންގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. ޒަލަފްއަކީ މަންމަމެން ބޭނުންވާފަދަ ރަނގަޅު މީހަކަށް ވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޭނާގެ ހިތުގައި އޮވެއެވެ. އެކަމާމެދު ޝައްކު ކުރާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.

ޒީޝާން ކޮޓަރީގައި އޮވެ އޮވެ ފޫހިވާން ފެށުމުން އަނެއްކާވެސް ޔޫޓިބުން ސީރީޒްއެއް ބެލުމަށް ގަސްތުކުރިއެވެ. ޒަލަފްގެ ޚަބަރެއް ނުވާތީ ކޮންމެވެސް ވަރަކަށް ހިތްވެސްވަނީ ނުތަނަވަސްވެފައެވެ. ނަމަވެސް ޒަލަފްއާމެދު ގޯސްގޮތަކަށް ހީކުރާކަށް ކުޑަކޮށްވެސް އޭނާގެ ހިތަކަށް ނާރައެވެ. ކަމެއް ޖެހިގެން މާލެގޮސް އުޅޭއިރު ބުރަވާނެކަން އޭނާއަށް ވިސްނެއެވެ.
ސީރީޒްގެ ތެރެއަށް ގެއްލިފައި އޮއްވައި ޝިޔާއައިސް ކޮޓަރިއަށް ވަނެވެ.

" އޭތް ކިހިނެއް ހަދައިގެންތަ ތިއުޅެނީ އަތަށް…؟" ޝިޔާ އެނދުގައި އިށީނދެފައި ޒީޝާންގެ އަތަށް ބަލާލަމުން އެހިއެވެ.

" ތިއައީ ދޯ….ކޮބާ ހަދިޔާ؟…"ޒީޝާން ކަންފަތު ހެޑްސެޓް ދުރުކޮށްލަމުން ހިނި އައިސްފައި ބުންޏެވެ.

" މަބުނި އެއްޗެއް އަޑުނީވޭތަ؟….ކިހިނެއްހޭ އަތަށް ހަދައިގެން ތިއުޅެނީ؟…" ޝިޔާ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

" އެއީ ކުރިން ދުވަހަކު ވެއްޓިފަ…" ފޫހިގޮތްކަށް ޒީޝާން ބުނެލިއެވެ.

" ހާދަ ފާޑަކަށް ތިބުނީ…ހީވަނީ މީހަކު ޒީ ވައްޓާލީހެން….އަސްލު ބުނެބަލަ ވީގޮތެއް؟…" ޝިޔާ އޮޅުން ފިލުވަން ބޭނުންވިއެވެ.
ޒީޝާން ނުރުހިފައި އިނދެ ކަންތައް ހިނގާދިޔަ ގޮތް ޝިޔާއަށް ކިޔައިދިނެވެ. ޝިޔާއަށް އެކަންތައް ވީ މަޖާކަމަށެވެ.

" މީނަ އަދިވެސް މަށަށް މަލާމާތްދޯ ކުރަންވީ….އެޒައިކް ސަރ އާ ހެދިވީގޮތެކޭ އެއީ….ވަރަށް ފޫހިވޭ…މަށަށް ކިހިނެއްތަ އެނގޭނީ އޭނާ މިތަނަށް ވަދެ އިންނާނެ ކަމެއް…" ޒީޝާން ތުން އަނބުރާލިއެވެ.

" ތީގަ ކޮބާތަ ޒައިކް ސަރގެ ކުށެއް….ތީހަމަ ޒީގެ ކެއަރލެސްކަން..އެކަމު އެގަޑީގަ ޒީއަށް ވާނެގޮތް ހިތަށްއަރާފަ ހަމަހެވެނީ…" ޝިޔާ އަނެއްކާވެސް ހޭންފެށިއެވެ. ޒީޝާން ބާލީހެއް ނަގާ ޝިޔާގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ.

" އޭތް މަދެން ދަނީ…ޒީގެ އަތަށް ތަދުވެފަ އޮތް ވާހަކަ މަންމަ ބުނީމަ އެހާ އަވަހަށް މިއައީވެސް……ވަރަށް މުހިއްމު ވާހަކައެއްވެސް ބުނަންވެފަ އެބައޮތް..އެކަމު މިވަގުތު ނެތް ހުރެވޭކަށް…ދެން ވަގުތެއް ވިއްޔާ މިރޭ ޖައްސާލާނަން." ތެދުވަމުން ޝިޔާ ބުނެލިއެވެ.

" ދެން ނޫން…ތިބުނަން އުޅޭ ވާހަކައެއް ބުނެފަދޭ….ޕްލީޒް ޕްލީޒް…" ކުޑަ ކުއްޖަކު ފަދައިން ޒީޝާން ކުސްތަޅައިގަތެވެ.

" ނޯ…މިހާރަކު ނެތް ބުނެވޭކަށް…ވަރަށް ސީރިއަސް ވާހަކައެއް….ވަރަށް ހަމަޖެހިލައިގެން ތިބެ އެވާހަކަ ދެއްކޭނީ…އޯކޭ…ދެން ޑްރާމާ ބަލާބަލަ…ޑްރާމާ ކްއީން…" ޝިޔާ ބާލީހެއް ނަގާ ޒީޝާންއާ ދިމާއަށް ހޫރާލުމަށްފަހު ހެމުން ހެމުން ކޮޓަރިން ނުކުތެވެ. ޒީޝާން ލޯއަޅައިގެން ޝިޔާދިޔަ މަންޒަރު ބަލަން އިނުމަށްފަހު އަނެއްކާވެސް އޭނާ ބަލަންއިން ޑްރާމާއަށް ސަމާލުކަންދިނެވެ.
*****
ނިތްކުރިމަތީ އަތްބާއްވާލައިގެން އެނދުގައި އޮތް ޒައިކް އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާއާއި ދާދި ގާތުގައި ޒީކް ނިދާފައި އޮތެވެ. ޒީކް ބަލިވެ އުޅޭތީ މިއަދު އޭނާ ސުކޫލަކަށްވެސް ނުދެއެވެ. އައިޝާ ނިޔާވިފަހުން ޒީކްއާމެދު އޭނާ ވަރަށް ކަންބޮޑުވެއެވެ. އެހާ ޅައުމުރުގައި މަންމަ ވަކިވުމަކީ ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. މައެއްގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވީ ދުވަހު އެކުއްޖާ އެވަނީ އެނިޢުމަތުން މުޅި އުމުރަށް މަޙުރޫމުވެފައެވެ. ޚުދު ޒައިކްވެސް އޭނާގެ ލޯބިވާ އަނބިމީހާ ނެތުމުގެ ފަޅުކަން ތާއަބަދު އިހުސާސްކުރެއެވެ. އެކަނިވާ ކޮންމެ ވަގުތަކު އައިޝާގެ ހަނދާންތައް އޭނާއަށް އުނދަގޫކުރެވެ. ކުޑަ ދުވަސްކޮޅަކަށް އެހިތް އުފަލުން ފުރާލަ ދިނުމަށްފަހު، މުޅި އުމުރަށް ވަކިވެގެން ދިއުމުން އެހިތަށްވަނީ ފުންއަސަރުތަކެއް ކޮށްފައެވެ. ޒީކްއަށްޓަކައި އާހިތްވަރަކާއިއެކު ދިރިއުޅުމަށް މަސައްކަތްކުރި ނަމަވެސް، އެހިތުގެ ވީރާނާކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ޒީކްއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އޭނާ ކިތަންމެ ބޭނުންވީ ނަމަވެސް، އުނިވެފައިވާ މަންމަގެ ލޯބި ހޯދައިދިނުމަކީ އޭނާއަށްވެސް ވާނެކަމެއް ނޫނެވެ. އޭނާގެ މުސްކުޅި މަންމަ ރެއާއި ދުވާލު ޒީކްއަށް ހޭހަން ކުރިނަމަވެސް އެއުނިކަން ފޫބައްދައެއް ނުދެވެއެވެ. އެހެންކަމުން ޒީކްއަށްޓަކައިވެސް ދެވަނަ ކައިވެންޏެއް ކުރުމަށް އޭނާގެ މައިންބަފައިން އޭނާއަށް ލަފާދިނެވެ. އަދި ޒީޝާންއާއި ޒީކްގެ މެދުގައި އޮތް ގާތްގުޅުމުގެ ސަބަބުން ޒީޝާންއާ ކައިވެނި ކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށް މަންމަ ބުނެދިނެވެ. ޚުދު އޭނާވެސް ޒީޝާން ޒީކްއާމެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަމަށް ޓަކައި ހިތާހިތުން ޝުކުރުވެރިވެއެވެ. ނަމަވެސް ޒީޝާންއާ ކައިވެނިކުރުމުގެ ޚިޔާލު އޭނާގެ ހިތަށް ގެނެވިފައިވެސް ނުވެއެވެ.

ޒީޝާންއަކީ އޭނާއާ ބަލާއިރު އުމުރުން ހަގު ކުއްޖެކެވެ. އެއްއިރެއްގައި އޭނާގެ ދަރިވަރެއްވެސް މެއެވެ. ވީއިރު ޒީޝާންވެސް އޭނާއާމެދު އެފަދަ ގޮތަކަށް ނުދެކޭނެކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ވީއިރު އެޚިޔާލު ކުރުމުގެ ބޭނުމަކީވެސް ކޮބާހެއްޔެވެ؟ ޒައިކް ވިސްނިވަރަކަށް އޭނާއަށް ގަބޫލު ކުރެވެމުން ދިޔައީ އެއީ ދުވަހަކުވެސް ނުވާނެ ކަމެއްކަމުގައެވެ. އެއީ ހަމައެކަނި އޭނާގެ މަންމަމެންނަށް ކުރެވޭ ހުސްއުއްމީދު ތަކެކެވެ. މަންމަމެން ތަކުރާރުކޮށް އެވާހަކަ ދެއްކި ނަމަވެސް އޭނާ އެކަމަށް އިންކާރުކުރަމުން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ޝިޔާއިނީ ޒީޝާންގެ ކޮޓަރީގައެވެ. އެނދުގައި އޮށޯތްގޮތަށް ދެލޯމަރައިގެން ޝިޔާ އޮތީ ވިސްނުމަކަށް ގެއްލިފައެވެ.

" ދެން ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ!…މީނަ ހަމަ އަބަދުވެސް އުޅޭނީ މަގޭތަޅުވަންވެގެން….ދެން އަވަސްކޮށްބަލަ!" ޝިޔާގެ ގައިގާ ކޮއްޓާލަމުން ޒީޝާން ޝަކުވާކޮށްލިއެވެ. ޝިޔާ ދެލޯހުޅުވާލުމަށްފަހު ޒީޝާންއަށް ބަލާލިއެވެ. އޭނާ ބުނާއެއްޗެއްގެ ސަބަބުން ޒީޝާންގެ މޫޑު ގޯސްވެދާނެތީ އޭނާ ޖެހިލުންވަނީއެވެ.

" ޝަރުތެއްގެ މަތިން އެވާހަކަ ބުނެވެންއޮތީ…އަހަރެން ބުނާއެއްޗަކުން ޒީނުވާނެ އަހަރެންދެކެ ރުޅިއައިސްގެން….އަހަރެން ދައްކާ ވާހަކައެއް ނިމޭންދެން އަޑުއަހަންވާނެ…އޯކޭ…" ޝިޔާ އޭނާގެ ޝަރުތު އިއްވާލިއެވެ.

" އޯކޭ..އޯކޭ…ތިހުރިހާ ކަމަކަށްވެސް އެއްބަސް….ދެންވެސް އަވަހަށް ބުނެބަލަ!" ކެތްތެރިކަމެއްނެތި ހިތްއަވަސްވެފައިވާ ހާލު ޒީޝާން ބުނެލިއެވެ.

" މިފަހަރު މާލެއިން އަހަރެންނާ ދިމާވީ އަހަރެންގެ އެއްކަލަ ފޮނަދޫ ފްރެންޑާ….ދެމީހުން ޑައިނަމޯއަށް ކާން ގޮސްތިބެފަ އަހަރެން އޭނާގާތު އަހާލިން ޒަލަފް ދަންނަންތޯ….އޭނާބުނީ އާނއެކޭ އެއީ އޭނާގެ ކަޒިންއެކޭ….އިއްތިފާޤުން ހަމައެގަޑީގަ ޒަލަފްވެސް ބޮޑު ގުރޫޕަކާއެކު އެތަނަށް އައީ….އަހަރެން ވަގުތުން ޒަލަފްދައްކާފަ އެއީތޯ އެހިން….އޭނަބުނީ ނޫނޭކޭ….އޭނަގެ ކަޒިން ޒަލަފްއަކީ އުމުރުން ތިން އަހަރުގެ ކުޑަކުއްޖެކޭ ބުނީ…އަދި އެތާއިން މީހާވެސް ދަންނަމޭބުނީ….އޭނާއަކީ އެރަށުމީހެއްވެސް ނޫނޭބުނީ….ކިޔަނީ ކޮންމެވެސް ޒާދެކޭ ބުނީ….އެއީވެސް އަސްލުނަން ކަމެއް ނޭނގެ….އަހަރެން ވަރަށް ސުވާލުކުރިން….ބުނީ ޒަލަފް ކިޔާ އިތުރުމީހަކުވެސް އެރަށުގަ ނޫޅޭނޭ….އެޒާދު އެރަށަށް ގޮސް ވަރަށްގިނައިން މިބުނާ ކުޑަ ޒަލަފް އުޅޭގެޔަށް ދާވާހަކަވެސް ބުނި….އެއީ އެޒަލަފްގެ ދޮންބެ ރާފިއުގެ ރައްޓެހިކަމުގައޭވެސް ބުނި…އަދިބުނަން…އޭނަބުނީ ރާފިއުއަކީވެސް މިއުޅޭ ޑްރަގްވިއްކާ ގުރޫޕް މީހެކޭ….އެޒާދުހެންނޯ ހީވަނީ ސަޕްލައިކުރާމީހަކީ….ވަރަށްގިނައިން އެރަށަށް ގޮސްއުޅޭކަމަށްބުނީ….އަހަރެންނަށް އެވާހަކަތައް ވަރަށް ގަބޫލުވެސް ނުކުރެވުނު….އެކަމު ލޮލަށް ފެނުނު މަންޒަރުންތަކުންނާ އޭނަ ކިޔާދިން ގޮތުން ގަބޫލުވެސް ކުރެވުނު…އެގުރޫޕްތެރޭގަ އިން އަންހެންކުއްޖަކާ ގައިގޯޅިވެފަ އުޅުނުގޮތުން ވަގުތުން އަހަރެން ފޫހިވެސްވި….ފޮނަދުއަށް ގޮސްގެންވެސް އޭނާ ވަރަށް ގިނަ އަންހެންކުދިންނާ ވާހަކަދައްކާ ހަދާކަމަށްބުނި…އެހެންވެ އަހަރެން އަބަދުވެސް ބުނަނީ މިހާރު އުޅޭމީހުންގެ ގޮތެއް ނޭނގޭނޭ…އިތުރބާރުކުރާކަށް ނުވާނޭ" ޝިޔާ އޭނަގެ ވާހަކަތައް ނިންމާފައި ޒީޝާންއަށް ބަލާލިއިރު، ޒީޝާންއިނީ ފާޑަކަށް ހުއްޓުން އަރާފައެވެ. އޭނާގެ ކަންފަތަށް ދެންމެ އިވިގެން އެދިޔަ ވާހަކަތައް ގަބޫލު ނުކުރެވޭކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.

" ހުސްދޮގު…ތީހުސްދޮގު…ޝިޔާ ތިއުޅެނީ އަހަރެން ތެޅޭވަރެއް ބަލާކަށްނު…ތިހެން އަދި ފޭކް ވާހަކައެއް ދެއްކިޔަކަސް އަހަރެންނެއް ނުހެދޭނެ…" ޒީޝާން ހަމަޖެހޭގޮތް ދައްކަމުން ގަދަކަމުން ހީލިއެވެ.

" ނޫން ޒީ….މީ އަހަރެން ވަރަށް ސީރިއަސްކޮށް ދައްކާ ވާހަކައެއް….އަހަރެން ކީއްކުރަން ދޮގުހަދައިގެން ޒީތަޅުވަންވީ….އޭނައަކީ ރަނގަޅު މީހެއްނޫން….އޭނަ އެއުޅެނީ ޒީއަށް އޮޅުވާލައިގެން….ޒީއޭނަގާތު ކައިވެނީގެ ވާހަކަދައްކާއިރަށް ކިހާގިނަ ބަހަނާއެއް ދައްކާ….ކިހިނެއް އެނގެނީ އޭނައުޅެނީ ކުރިންސުރެ ކައިވެންޏެއް ކޮށްގެން ނޫންކަމެއް…." ޝިޔާ ކޮށްލި ސުވާލުން ޒީޝާންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ޝިޔާދެއްކި ވާހަކަތަކަކީ ތެދުކަން ގަބޫލުކުރަން ބޭނުންނުވި ނަމަވެސް އެކަމާމެދު ވިސްނަން އޭނާއަށް މަޖުބޫރުވިއެވެ.

" ކިހިނެއް ޝިޔާއަށް އެނގެނީ ތިބުނާ އެކުވެރިޔާ ދެއްކީ ރަނގަޅު ވާހަކައެއްކަމެއް….އޭނަހަމަ ޒަލްދެކެ ރުޅިއަންނާތީވެސް އެހެންބުނެދާނެއެއްނު…ނޫނީ ޒަލްބޭނުންވެ، ނުލިބުނީމަ ހަސަދަވެގެންވެސް އެހެން ބުނެދާނެ…" ޒީޝާން އަދިވެސް ބެލީ ޒަލަފް ދިފާއު ކުރެވޭތޯއެވެ.

" ކަމޯން ޒީ…އަހަރެން މިބުނާ ފްރެންޑް އުޅެނީ މެރީކޮށްގެން….ދެން ކީއްކުރަން އޭނަ ތާކުން ފެންނަހާމީހަކާހެދި އުޅެންވީ….ޒީއަދިވެސް ޒަލަފްއާމެދު ގޯސްގޮތަކަށް ވިސްނައިގެން ނުވޭދޯ….އަހަރެންނަށް އޭރުވެސް އެނގޭ ޒީގަބޫލެއް ނުކުރާނެކަން އަހަރެން ދައްކާ ވާހަކައެއް….އަން ބަލާބަލަ މިފޮޓޯތައް…ތިބުނާ ރަނގަޅު ޒަލަފްގެ އެކުވެރިންނާ އޭނަގެ ގާލްފްރެންޑް އެއީ…ދެން ބުނެބަލަ މީވެސް ދޮގޭ.." ޝިޔާ އޭނާގެ ފޯނު ޒީޝާންއަށް ދިއްކޮށްލިއެވެ. ޒީޝާން ޖެހިލުންވެ އިނދެ އޭގައި ހިފިއެވެ. ޒަލަފް ހިނިއައިސްފައި އަންހެން ކުއްޖެއްގެ ކޮނޑަށް އަތްވައްޓާލައިގެން އިން މަންޒަރު ފެނިފައި އޭނަގެ ހިތަށް ތަދުވިއެވެ.
" އެއީ އޭނާގެ ވަރަށްގާތް އެކުވެރިއަކަށްވެސް ވެދާނެއްނު….ނޫނީ ތިމާގެ މީހަކަށްވެސް….މިހާރު ގާތްކޮށް އުޅޭހާ އަންހެނަކާ ފިރިހެނަކީ ލޯބިވެރިންކަމުގަ ނުބުނެވޭނެ…ޝިޔާވެސް ހޮސްޕިޓަލް މަސައްކަތްކުރާ ފިރިހެންކުދިންނާ އެކީގަ ބައެއްފަހަރު ތަންތަނަށް ދަމެއްނު….ދެން އަހަރެން ބުނަންވީތަ އެއީ ޝިޔާގެ ލޯބިވެރިންނޭ….ޝިޔާ އަބަދުވެސް މީހުނާމެދު ގޯސްކޮށް ވިސްނާތީ ތިހެން ތިވަނީ….އަމުދުން ޒަލްއާމެދު…އޭނަގެ ވާހަކަ ބުނީއްސުރެ ޝިޔާ އަބަދުވެސް އޭނައާމެދު ގޯސްކޮށް ވިސްނަނީ…..ކީއްވެ؟…އަހަރެންނަކަށް ނުވިސްނުނު…" ޒީޝާން ނުރުހިފައި ސުވާލުކޮށްލިއެވެ.

" އަހަރެން ހަސަދަވެރިވާތީ….ޒަލަފް ކަހަލަ ރީތި ފިރިހެނަކު މަށަށް ނުލިބުނީމަ އެކަމާ ހަސަދަވެރިވަނީ….އެއީއެއްނު ޒީބޭނުންވާ ޖަވާބަކީ….އެކަމު ބުނަން ހުސެން އަހަރެންގެ ޙަޔާތުގާ ހުރިހާ ދުވަހަކު އިތުރު އެއްވެސް ފިރިހެނަކު ފެނިގެން އަހަރެންގެ ހިތެއް ނުތެޅޭނެ….އެނގެއެއްނު ވަރަށް އަވަހަށް އަހަރެން ކައިވެނިކުރާކަންވެސް…..ހުސެންއަށްވުރެ މާރީތިމީހުންވެސް އަހަރެންނާ ރައްޓެހިވާން އެހިކަން ޚުދު ޒީއަށްވެސް އެނގޭނެ…އެކަމު އަހަރެންނަށް ހުސެންކަހަލަ ދެވަނަމީހަކާ ދިމައެއްނުވޭ…އަހަރެން ބޭނުންވަނީ ހުސެންކަހަލަ ހަރުދަނާ ރަނގަޅު ބައިވެރިއެއް ޒީއަށްވެސް ލިބެން….އެފަދަމީހަކު ލިބިއްޖެއްޔާ ޒީހުންނާނީ ވަރަށް އުފަލުން…އެއީ އަހަރެން ބޭނުންވާ ގޮތަކީ.." ޝިޔާގެ އަޑުގައިވީ ސީރިއަސްކަމަކުން ޒީޝާންއަށް ހިމޭންވާން މަޖުބޫރުވިއެވެ.

" އެކަމު ޝިޔާ….ކީއްވެތަ ޒަލް އަހަރެންނަށް އޮޅުވާލަންވީ….އޭނަ އަހަރެންނަށް ހާދަ ރަނގަޅޭ….ހާދަ ކެއާވެސް ކުރެއޭ….އަހަރެންދެކެ އެހާލޯބިވާއިރު އޭނާ އަހަރެންނަށް ދެރައެއް ނުދޭނެ….ހުސެން ނޫނަސް ޒަލްގެ ކިބައިން ގޯސްކަމެއް އަހަރެންނަކަށް ނުފެނޭ…އަހަރެންގެ ހިތްގަބޫލެއް ނުކުރޭ ދުވަހަކުވެސް ޒަލް އަހަރެންނަށް ދެރައެއްދޭނެ ކަމަކަށް…." ޒީޝާންގެ ހިތަށްކުރި އަސަރުން އޭނާއަށް ރޮވޭގޮތްވިއެވެ.

" ޒީ އަދިވެސް ވަގުތު ފާއިތެއްނުވޭ….ޒީއަށް ގަބޫލު ނުކުރެވެންޏާ ހިނގާ އެރަށަށްދާން…އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އަހަރެމެން މިއުޅެނީ އެރަށަށްދާން….ޒީވެސް އަހަރެމެންނާއެކު ހިނގާދާން….އޭނަގެ ހަޤީޤަތް ލޮލުން ދެކެލަން….އޭރުން ހިތަށް ހަމަޖެހުން ލިބޭނެއްނު….އޭނަ އެބުނާ ގެޔާއި ބޮޑު އާއިލާއަކީ އުޅޭބައެއްވިއްޔާ ފެންނާނެއްނު….މިފަހަރު އޭނާގެ ހަޤީޤަތް ހޯދާފަ ޒީ އަމިއްލައަށް ގޮތެއް ނިންމާ…." ޝިޔާ ލަފާދިނެވެ.
****
އެއްގޮތަކަށްވެސް ނުގުޅާތާ ހަފްތާއަކަށްވުރެ ގިނަވީފަހުން ޒަލަފް އަނެއްކާވެސް ޒީޝާންއަށް ގުޅިއެވެ.

" ކީއްވެ އާނަމްބަރަކުން ތިގުޅީ؟…" ނުދަންނަ ނަމްބަރަކުން ޒަލަފް ގުޅުމުން ޒީޝާން ސުވާލުކޮށްލިއެވެ.

" އެވީގޮތަކީ މާލެއައިތަނާ ފޯނު ހަލާކުވީ….އެކަމު ފޯނެއްގަނެވޭވަރަށް ލާރިނެތީމަ މުސާރަ ލިބޭންދެން މަޑުކުރީ….މުސާރަ ލިބުނުހާ އަވަހަށް ފޯނެއް ގަނެގެން އެންމެ ފުރަތަމަވެސް މިގުޅީ މަގޭ ދޫނިގަނޑަށް….އެނގޭ ވަރަށް ދެރަވެފަކަން ހުންނާނީ….ވަރަށްބޮޑަށް ސޮރީއިނގޭ….މިސްޔޫ ސޯމަޗް…" ޒަލަފް ހިތްގައިމު އަޑުން އިވުނު ލޯބިވެތި ބަސްތަކުން ވަގުތުން ޒީޝާންގެ ހިތުގައިވީ ހުރިހާ ޝައްކާއި ވަހުމްވެސް ފިލާދިޔަ ކަހަލައެވެ.
ކުޑަހިނދުކޮޅެއްގެ ތެރޭގައި އެމޫނަށް އުފާވެރިކަން ވެރިވެގަތެވެ. ޒަލްފައާއި ވާހަކަދެއްކި ވަރަކަށް ޝިޔާގެ ވާހަކަތައް ހަނދާންނެތެމުން ދިޔައެވެ. ފޯނުކޯލު ނިންމާލިއިރު ޒީޝާންހުރީ މުޅިން ހަމަޖެހިފައެވެ.

" ޒަލް އަހަރެންދެކެ ކިހާލޯބިވާތީ ފޯނުގަނެފަ ފުރަތަމަވެސް އަހަރެންނަށް ގުޅާނީ….ޝިޔާ ހަމަ ޝައްކުބޮޑީ…ކޮންމެވެސްތާކުން ޒަލްއާބެހޭ ނުބައި މައުލޫމާތެއް ހޯދައިގެން އެއައީ…" ޒީޝާން ހިތާހިތާ ކިޔާލިއެވެ. ކުރިއެކޭ އެއްގޮތަށް ޒަލަފް ގުޅަން ފެށުމުން އަނެއްކާވެސް ޒީޝާންގެ ހިތް ޒަލަފްއަށް ލެނބުނެވެ. ޒަލަފް ރަށަށް އަންނަ ވާހަކަ ބުނުމުން ޒީޝާން އުފާވިއެވެ.

ޝިޔާ އޭނާގެ އާއިލާއާއެކު ފޮނަދުއަށްދާ ދުވަސް ޖެހުމުން ޒީޝާންވެސް ދާން ތައްޔާރުވިއެވެ. ޒީޝާންގެ ބައްޕަ އެކަމަށް ހުއްދަދިނީ ޝިޔާ އެތައް އާދޭހެއް ކުރިފަހުންނެވެ. ޒަލަފް ރަށުގައި ހުންނާނެތީ އޭނާބޭނުންވީ ޒަލަފްއަށް އަންގާނުލައި ގޮސް ސަޕްރައިޒްދޭށެވެ. ޝިޔާއަށްވެސް ޒަލަފްހެދީ ދޮގުނޫންކަން އޭނާ ސާބިތުކޮށްދޭނެއެވެ. ސާރާގެ ފިރިމީހާގެ ގޭގައި އަމިއްލަ ވޭނެއް އޮތުމުން ޝިޔާމެން ބަލާއައީ ވޭންފޮނުވިއެވެ. ދަތުރަށް ފެށީއްސުރެ ޒީޝާންގެ ހިތްވަނީ އަވަސްވެފައެވެ. މިއަދު ޒީޝާންގެ ކުރިމަތީގައި ޒަލަފްގެ ހުރިހާ ހަޤީޤަތެއް ކަޝްފުވެ ޒީޝާންއަށް ހެޔޮވިސްނުން ލިބުމަކީ އޭނާގެ ދުޢާއެވެ.

ޝިޔާމެން ދިޔަ ވޭން މަޑުކޮށްލީ ސާރާގެ ގޭގެ ދޮރުމައްޗަށެވެ. އޭރު ސާރާއާއި އޭނާގެ މަންމަތިބީ އެމީހުންގެ އިންތިޒާރުގައެވެ.
" މަންމާ މީ ޝިޔާ…ދެންމިތިބީ ޝިޔާގެ އާއިލާ…" ސާރާ އޭނާގެ މަންމައަށް ހުރިހާ އެންމެން ތަޢާރަފުކޮށްދިނެވެ.

ޝިޔާގެ އާއިލާއަށް ފުރިހަމައަށް މެހެމާންދާރީ އަދާކުރުމަށް ސާރާހުރީ ތައްޔާރުވެފައެވެ. ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްފައިވާ ސުފުރާމަތި ފެނުމުންވެސް އެކަން ރަނގަޅަށް ދޭހަވެއެވެ.

" ހާދަވަރެއް ކޮށްލާފަ ތިހުރީ….ރޭގަ ނުވެސްނިދާ ކާއެއްޗެހި ތައްޔާރުކުރީދޯ…" ސާރާއާ ސަމާސާކޮށްލަމުން ޝިޔާބުނެލިއެވެ.
" އާދެން…ޝިޔާ އަންނަން ތިއެއްބަސްވީ އަހަރެން ކިޔާތާ ކިހާދުވަހެއް ފަހުން…އެއްބަސްވި ފަހަރު ޖެހޭނެއްނު ރަނގަޅަށް ކާންދޭން…..ދެން ނޭނގެ ވިއްޔަ އަންނާނެ ދުވަހެއްވެސް…" ސާރާ ބުނެލިއެވެ.

ހެނދުނުގެ ނާސްތާއަށްފަހު، ގޯތިތެރޭގައިހުރި ޖޯލިފައްޗެއްގައި ޝިޔާއާއި ޒީޝާން ޖައްސާލިއެވެ. މިއީ އެމީހުން މިރަށަށް ކުރި ފުރަތަމަ ދަތުރުކަމުން، ޝިޔާގެ ކޮއްކޮމެން ރަށުތެރެބަލާލަން ދާންބޭނުންވެގެން އުޅުމުން ސާރާގެ ކޮއްކޮ ސައިފް އެމީހުން ގޮވައިގެން ރަށުތެރެ ބަލާލަން ނުކުތެވެ. ސާރާވެސް އަތްމަތި އަވަސްކޮށްލާފައި ތަށިތައް ނަގާނިންމާލުމަށްފަހު ޝިޔާމެންގެ ގާތަށް އައެވެ.

" އޭތް މަބުނީމެއްނު ޒަލަފްއެއްގެ ވާހަކަ…" އެއްޗެއް ހަނދާންކޮށްދޭ ފަދަގޮތަކަށް ސަފާގާތު ޝިޔާ އަހާލިއެވެ.

" އާނ….މަ އޭނަގެ ވަނަވަރު ހޯދައިފިން…އެއީ ރާއުނގޫފާރުމީހެއް…..ޒާލިފްގެ ފަރާތުން އޭނަގެ ރަށް އެނގުނީ….ދެން އެރަށު ހޮސްޕިޓަލްގައުޅޭ އަހަރެންގެ ރައްޓެއްސެއް ގާތު އަހައިގެން އޭނަގެ މައުލޫމާތު ހޯދީ….އޭނާގެ ފުރިހަމަ ނަމަކީ އަހުމަދު ޒިޔާދު…ކުރުކޮށް ޒާދުމީހުން ކިޔަނީ…އެނގޭތަ އޭނަ ކުރިން ކައިވެންޏެއްކޮށް ހަތަރު އަހަރުގެ ކުއްޖަކުވެސް ހުރޭ….އެކަމު މިހާރު ވަރިކޮށްފަ ހުންނަތާ ދެއަހަރަށްވުރެ ގިނަވެއްޖެ….ދަރިފުޅަށް ޚަރަދުނުދޭތީ ކޯޓަށް މައްސަލަ ހުށަހަޅާފަ އޮތީ….އެކަމާގުޅިގެން ކޯޓަށް ހާޒިރުވާން އަންގާތީ ރަށުން ފިލައިގެން އޭނަ މިއަތޮޅުގަ އެއުޅެނީ…..އޭނަގެ ކުރީގެ އަންހެނުންގެ ނަމްބަރުވެސް އަހަރެން ހޯދިން…ފަހަރެއްގަ ބޭނުން ޖެހިދާނެތީވެ…" ސަފާ އޮޅުން ފިލުވައިދިނެވެ. ސަފާގެ ވާހަކަތައް ނިމުމުން ޝިޔާއަށް ބަލާލެވުނީ ޒީޝާންގެ މޫނަށެވެ. ޒީޝާންގެ ކުލަފަނޑުވެފައިވާ މޫނާއި ކަރުނައިން ފުރިފައިވީ ދެލޯފެނިފައި ދެންމެ ދެންމެ އޭނާ ރޮއިގެންފާނެހެން ޝިޔާއަށް ހީވިއެވެ.

" ސަފާ….ޒީއަށް ފާޚާނަ ދައްކާލަންވީނު…." ޒީޝާންއަށް ވީގޮތްފެނިފައި ޝިޔާ އަވަސް އަވަހަށް ބުނެލިއެވެ.

" އަވަހަށް އާދޭ…" ސަފާ ޖޯލިން ތެދުވަމުން ބުނެލިއެވެ.

ޒީޝާން އަވަސް އަވަހަށް އޭނަގެ ލޮލުގައިހުރި ކަރުނަތައް ފުހެލަމުން ސަފާގެ ފަހަތުން ހިނގައިގަތެވެ. ފާޚާނާއަށް ވަދެވުމާއެކު ޒީޝާންގެ ބަޑިފަޅައިގެން ދިޔައެވެ. މިހުރިހާ ދުވަހު އޭނާއަށް މިދުވެވުނީ އަވާމެންދުރެއްގެ ފަހަތުން ހެއްޔެވެ. ޒަލަފްއަކީ ހަމައެކަނި އޭނާއަށް ކެއްކުނު ޚިޔާލީ ފޮލާއެއްކަމެއް އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެހާބޮޑު އޮޅުވާލުމެއް މީހަކު އޭނާއަށް އޮޅުވާލަފާނެ ކަމުގައި ފަހަރެއްގައިވެސް އޭނައަށް ހީކުރެވިފައެއްނެތެވެ. ނަމަވެސް އަދިވެސް އޭނާ އެކަން ޔަޤީންކުރަން ބޭނުމެވެ. ޒަލަފްގެ ދުލުން އެއީ ހަޤީޤަތެކޭ ނުބުނާހާ ހިނދަކު އޭނާގެ ހިތް އެކަން ގަބޫލެއް ނުކުރާނެވެ. ޒީޝާން ލޮލުން ކަރުނަ ފުހެލުމަށްފަހު އޭނާގެ ޖީބުން ފޯނުނެގިއެވެ. ޒަލަފް އެންމެފަހުން އޭނާއަށް ގުޅިނަމްބަރަށް ޑައަލްކޮށްލިއެވެ. ދެތިން ފަހަރު ގުޅިފަހުން ޒަލަފް ފޯނުނެގިއެވެ.

" ކީކޭ ލޯބީ؟…" ނިދިބަރުވެފައިވާ އަޑަކުން ޒަލަފް އަހާލިއެވެ.

ނުނިމޭ