Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޔުގަންޑާގައި ތެޔޮ ޓޭންކަރެއް ގޮވައި 10 މީހުން މަރުވެއްޖެ

ޔުގަންޑާގެ ހުޅަނގުގެ އަވަށެއްގައި ތެޔޮ ޓޭންކަރެއް ގޮވައި 10 މީހަކު މަރުވެއްޖެއެވެ.

ޔުގެންޑާ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާދިސާ ހިނގަން މެދުވެރިވީ އެ ޓޭންކަރު ކޮންޓްރޯލް ނުވެގެން ގޮސް 3 ކާރުގައި ޖެހިގެން ކަމަށެވެ.

އިއްޔެ ހިނގި މިހާދިސާގައި، މިހާތަނަށް 9 މީހެއްގެ ފިހިފައިވާ ހަށިގަނޑު ވަނީ އެ ސަރަހައްދުން ހޯދައި، ލުގާޒީ ހެލްތު ސެންޓަރަށް އިތުރު ޕޯސްޓް މޯރޓެމް އެނެލިސިސް އަދި ޑީއެންއޭ ޕްރޮފައިލިން ހެދުމަށް ފޮނުވާފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިތުރު މީހެއްގެ ހަށިގަނޑު އުޅަނދުތަކުގެ ދަށުގައި ތާށި ވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ޓޭންކަރު ދިޔައީ ކެންޔާއިން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށެވެ. އަދި ހާދިސާ ހިނގީ ރުބިރިޒީ ޑިސްޓްރިކްޓްގެ ކްޔަމްބޫރާ ޓްރޭޑިންގް ސެންޓަރާއި ދިމާލުންނެވެ. މީގެ އިތުރުން މިހާދިސާގައި އެ ސަރަހައްދުގެ 30 ފިހާރައެއްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

20 މީހުން ގޮވައިގެން ދިޔަ 2 ޓެކްސީއަކަށްވެސް މިހާދިސާގައި ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.