Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ބައްޕަގެ އާއިލާއިން މަންމަ އަންދާލި ގޮތް ދަރިފުޅު ގެ ދުލުން!

ބައްޕައަކާއި އޭނާގެ އާއިލާ ގުޅިގެން 5 އަހަރުގެ ދަރިފުޅު ކުރިމަތީގައި އެކުއްޖާގެ މަންމަ އަންދާލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރ ޕްރަދޭޝްގެ ޝްރަވާސްތީ ޑިސްޓްރިކްޓުގެ ޤަދްރާ އަވަށުގައެވެ.

ހުކުރު ދުވަހުގެ ހަވީރު ވަގުތެއްގައި ހިނގާ ދިޔަ މިހާދިސާގައި އަންދާލެވުނީ 22 އަހަރުގެ ސައީދާއެވެ. އަދި މިކަން ހިނގަން މެދުވެރިވީ ސައީދާގެ ފިރިމީހާ، ނަފީސް (26އ) އޭނާއަށް ފޯނުން ގުޅައި ތިންފަތް ވަރިކުރުމުން، ސައީދާ އެކަމާ ގުޅިގެން މައްސަލަ ހުށައެޅުމުންނެވެ.

ސައީދާގެ ބައްޕަ، ރަމްޒަން ޚާންވެސް ވަނީ އޮގަސްޓް 6 ވަނަ ދުވަހު މުމްބާއި ގައި މަސައްކަތްކުރާ ނަފީސް، އޭނާގެ އަންހެން ދަރިފުޅު ފޯނު މެދުވެރިކޮށް ތިންފަތް ވަރިން ވަރިކޮށްފައިވާކަމަށް ބުނެފައެވެ.

ޚާން ބުނެފައިވާ ގޮތުގައި، "ސައީދާ މައްސަލަ ހުށަހަޅަން ފުލުހަށް ދިޔަ، ނަމަވެސް އެމީހުން އޭނާގެ ފިރިމީހާ މުމްބާއީ އިން އަންނަންދެން މަޑުކުރުމަށް ބުނެ އަނބުރާ ފޮނުވާލި. އޮގަސްޓް 15 ވަނަ ދުވަހު އޭނާ މުމްބާއީ އިން އެނބުރި އައުމުން އެމީހުން ފުލުހަށް ގެންގޮސް ފުލުހުން އެދުނީ ސައީދާ ނަފީސް ކައިރީގައި މަޑުކުރުމަށް."

ސައީދާގެ ބައްޕަގެ އިތުރުން އޭނާގެ 5 އަހަރުގެ އަންހެން ދަރިފުޅު، ފާތިމާވެސް ވަނީ މިހާދިސާ އާއި ގުޅިގެން ފުލުހުންނަށް ބަޔާން ދީފައެވެ. " ހުކުރު ދުވަހު މެންދުރު ބައްޕަ ނަމާދުން އައިސް މަންނަ ކައިރީ ބުނީ ވަރިކޮށްފަ ހުރުމުން ގެއިން ނިކުމެގެން ދާށޭ. އެކަމާ ގުޅިގެން ޒުވާބު ފެށުނީ. ކާފަ އަޒީޒުﷲ، މާމަ ހަސީނާ، އަދި ބޮޑު ދައިތަމެން ކަމަށްވާ ގުޑިޔާއާއި ނާދިރާ އެތަނަށް އައި. ބައްޕަ މަންމަގެ އިސްތަށިގަނޑުގައި ހިފާ އަނިޔާ ކުރަމުން ދިޔައީ. ބޮޑުދައިތަމެން ކެރޯސިން އެޅީމަ މާމަ އާއި ކާފަ އަލިފާން ދަނޑި ރޯކުރީ." ކުޑަކުޑަ ފާތިމާ ކިޔާދިނެވެ.

ފާތިމާގެ ބަޔާން ދޭން ފުލުހަށް ފާތިމާ ގޮވައިގެން ދިޔައީ ސައީދާގެ ބޭބެ ރަފީޤެވެ. ފާތިމާގެ ބަޔާނަށްފަހު ފުލުހުން އެގެއަށް ގޮސް، ސައީދާގެ ހަށިގަނޑު ޕޯސްޓް މޯޓެމް ހެދުމަށް ފޮނުވިއެވެ. އަދި ހޮނިހިރު ދުވަހު އެފްއައިއާރު ރެޖިސްޓަރ ކުރެވުނެވެ. "އަދިވެސް ޤާތިލު ހައްޔަރެއް ނުކުރޭ. އަހަރެން ސުޕްރީމް ކޯޓު ދޮރުގައި ޓަކި ދޭން ޖެހުނަސް، އެކަންވެސް ކުރާނަން." ރަފީޤު ކިޔާދިނެވެ.

ޓައިމްސް އޮފް އިންޑިއާއަށް ޝްރަވާސްތީ ގެ ސުޕެރިންޓެންޑެންޓް، އަޝިޝް ސްރިވަސްތާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ނަފީސްއާއި އޭނާގެ އާއިލާއާއި ދެކޮޅަށް އެފްއައިއާރު ރެޖިސްޓަރ ކޮށްފައިވާ ކަމަށާއި، އެމީހުންނާއި ދެކޮޅަށް ޑައުރީ ހެރޭސްމެންޓް، މީހަކު މެރުން އަދި ޑައުރީ މަނާކުރާ ޤާނޫނުގެ ދަށުން ދައުވާ އުފުލިފައިވާ ކަމަށެވެ. އަދި ތިންފަތް ވަރިން ވަރިކުރި މައްސަލަވެސް ބަލާނެކަމަށާއި، އޮގަސްޓް 6 ގައި ފުލުހަށް މައްސަލަ ހުށައަޅަން ދިޔުމުން އެމައްސަލަ ނުބެލި ސަބަބުވެސް ހޯދާނެކަމަށެވެ.

އިންޑިއާގައި މިފަދަ ގޮތްގޮތައް އަންހެނުން މެރުމަކީ އަދިވެސް ވަރަށް އާންމު ކަމެކެވެ.