Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

މެލޭޝިއާގައި ތަގްރީރު ކުރުން ޒާކިރު ނައިކް އަށް މަނާކޮށްފި

މެލޭޝިއާގައި ތަގްރީރު ކުރުން އިންޑިއާގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް އަށް މަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިމިވަނީ މެލޭޝިއާގައި ދިރިއުޅެމުންދާ ޗައިނާ ދަރިކޮޅުގެ ބައިމަދު އާބާދީއަކީ މެލޭޝިއާއިން ބޭރުކޮށްލަންޖެހޭ ބައެއްކަން ދޭހަވާފަދަ ގޮތަކަށް ޒާކިރު ނައިކު ވާހަކަދެއްކި މައްސަލައަކާ ގުޅިގެން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މެލޭޝިޔާގެ އާބާދީގެ %60 އަކީ މެލޭ ދަރިކޮޅުގެ މުސްލިމުންނެވެ. ދެން ގިނައިން ތިބެނީ ޗައިނާ ދަރިކޮޅުގެ ބުޑިސްޓުންނާއި، އިންޑިޔާ ދަރިކޮޅުގެ ހިންދޫންނެވެ.

މެލޭޝިއާ ފުލުހުންގެ ހެޑް އޮފް ކޯޕަރޭޓް ކޮމިނިއުކޭޝަންސް އަސްމަވަތީ އަހުމަދު ވިދާޅުވީ މިއީ ގައުމީ ސަލާމަތަށްޓަކާ އެޅި ފިޔަވަޅެއް ކަމަށާއި ޒާކިރު ނައިކުގެ ތަގްރީރުތައް ހުއްޓުވުމުގެ ހުއްދަ ފުލުހުންގެ ހުރިހާ ކޮންޓިންޖެންޓްތަކަށް މިހާރު ދީފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް ދާދިފަހުން ޒާކިރު ނައިކް މައާފަށް ވެސް އެދިފައިވާއިރު، މެލޭޝިއާގެ ކުރީގެ ސަރުކާރުން ވަނީ އޭނާއަށް ޕާމަނަންޓް ރެސިޑެންސީ ދީފައެވެ.

ޒާކިރު ނައިކް އަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާއިރު އެގައުމުން ވަނީ ޓެރެރިޒަމަށް ހިތްވަރުދިނުމާއި އަދި މަނީ ލޯންޑްރީންގެ އިލްޒާމް ޒާކިރު ނައިކުގެ ބޮލުގައި އަޅުވާފައެވެ. 2016 ވަނަ އަހަރުން ފެށިގެން ގައުމުން ބޭރުގައި ޒާކިރު ނައިކް އުޅުއްވާއިރު އޭނާ އެނބުރި ގައުމަށް ވަޑައިގަތުމަށް އިންޑިޔާ އިން ވަނީ ތަކުރާރުކޮށް އަންގާފައެވެ.