Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ވޯލްޑް ބޭންކުން ރާއްޖެ އަށް 30 މިލިއަން ޑޮލަރު ދެނީ

ވޯލްޑް ބޭންކުން ރާއްޖެ އަށް 30 މިލިއަން ޑޮލަރު ދިނުމުގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި ދެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުން ރާއްޖެ އާއި ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޑރ. އިދާ ސްވަރާއީ ރިޑިއޯ އެވެ.

އެ ދެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 30 މިލިއަން ޑޮލަރުގެ ތެރެއިން އެއް ބަޔަކީ ހިލޭ އެހީ އެވެ. އަދި އަނެއް ބައި ދެނީ ލޯނުގެ ގޮތުގަ އެވެ.

ފުރަތަމަ އެއްބަސްވުމުގެ ދަށުން ދައުލަތުގެ ބަޖެޓާ އެއް ގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ފްރޭމްވޯކް އެކުލަވާލުމަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދޭނެ އެވެ.

އަދި ދެވަނަ އެއްބަސްވުމުގެ ދަށުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ބާރުވެރި ކުރުވުމަށެވެ.