Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމަނީ

ވެލާނާގެ- ޑީއެންއާރު ހުންނަނީ ވެލާނާގޭގައި - ފޮޓޯ: ވީނިއުސް

އަމާޒަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުން ކަމަށް މިނިމަމް ވޭޖް ބޯޑުން ބުނެފިއެވެ.

މިނިމަމް ވޭޖް ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތަކީ ރާއްޖޭގައި އަލަށް ކުރެވޭ ކަމަކަށްވާތީ އެކަމަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް ދިރާސާތެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޯޑް މެޕެއް އެކުލަަވާލައި، އެއާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާއިރު އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެހީއާ ލަފާ އެ ބޯޑަށް ލިބެމުން އަންނަ ކަމަށާއި އެ ޖަމިއްޔާގެ އެހީތެރިކަން އިތުރަށް ހޯދުމުގެ ގޮތުން އެ ޖަމިއްޔާގެ ފަރާތުން ލީޑު ކޮންސަލްޓަންޓެއްގެ ލަފާ ބޯޑަށް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބޯޑުން މިހާރު ކުރަމުންދާ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި އެހިނިހެން ފަރާތަކުން ލިބެން ހުރި މައުލޫމަތު އެއްކުރުން ކަމަށާއި ހުރިހާ މައުލޫމަތުތައް އެއްކުރުމަށް ފަހު "އެންޓާޕްރައިޒް ސާވޭ" އެއް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

"މި ބޯޑުގެ ލަނޑުދަނޑިއަކީ، ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ކުޑަ މިނުން ދެވޭނެ މުސާރަޔާ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް 2019 ޑިސެމްބަރުގެ ނިޔަލަށް ނިންމައި މިކަމާ ގުޅޭ ގޮތުން މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އެރުވުން" ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.