Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް އާއި ބެހޭގޮތުން އެނގެން ޖެހޭ މުހިންމު މައުލޫމާތު: ޑރ. އޮލާ

ހޭންޑް ފުޓް އެންޑް މައުތު ބަލި އަކީ ވައިރަސް އަކުން އުފެދޭ އިންފެކްޝަނެކެވެ. ގައިން ގަޔަށް ފެތުރޭ މިބަލި އާންމު ގޮތެއްގައި ޖެހެނީ 5 އަހަރާއި 10 އަހަރުގެ ކުޑަ ކުދިންނަށެވެ. ރާއްޖޭގައި މިހާރަކަށް އައިސް ވަރަށް އާންމު ވެފައިވާ މިބައްޔަކީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިފިނަމަ، މާ ބޮޑު އުނދަގުލެއް ނެތި ފަސޭހަ ކޮށްލެވޭނެ ބައްޔެކެވެ.

އެއިމްސް ޑައިގްނޯސްޓިކް ކެއަރ މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އޮލާ ވިދާޅުވި ގޮތުގައި މިބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 3 ދުވަހާއި 6 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. އަދި މި ބަލި ޖެހުމަށް މެދުވެރި ވަނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި، ނުވަތަ އަތްލާފައިވާ ތަނެއްގައި އަތްލުމުންނެވެ. އެގޮތުން ބަލީގެ ފުރަތަމަ އަލާމަތްތަކަކީ ހުން އައުމާއި ކަރު ތެރެ ދުޅަ ވުމެވެ. އެއަށްފަހު އަނގަ އާއި ކަރު ތެރޭގައި ފާރު ހެދެއެވެ. އޭގެ 1 ނުވަތަ 2 ދުވަސް ފަހުން، އަތާއި، ފައި އަދި ފުރަގަހުގައި ރަތް ބިހި ކަހަލަ "ރޭޝް" އެއް ނަގާނެއެވެ. މީގެ އިތުރުން ކާހިތް ކެނޑި، ބަލި ވުމުގެ އިހުސާސްވެސް ކުރެވޭނެއެވެ. މިބަލި ޖެހިގެން އާންމު ގޮތެއްގައި މާބޮޑު ގެއްލުންތަކެއް ނުވި ނަމަވެސް، ކެއުމާއި ދިޔާ ތަކެތި ބުއިމާ ދުރުވުމުން ގައިން ފެންމަދުވެ، "ޑީހައިޑްރޭޓް" ވުން އެކަށީގެންވާކަމަށްވެސް ޑރ. އޮލާ ވިދާޅުވެއެވެ.

މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި، ގިނަ ގިނައިން، ރަނގަޅަށް އަތާއި ފައި ދޮވުން (އެންމެ މަދުވެގެން 20 ސިކުންތައް)، އަތް ނުދޮވެ ލޯ، ނޭފަތް އަދި އަނގައިގައި އަތްނުލުމުގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ ގައިގޯޅިވެ ނޫޅުމާއި ބަލިމީހާ ކާން ބޭނުން ކުރާ ސާމާނު އެހެން މީހުން ބޭނުން ނުކުރުން ހިމެނެއެވެ. މީގެ އިތުރުން އާންމުކޮށް މީހުން އަތްލައި އުޅޭ ދޮރުގެ ތަޅާއި ކުޅެން ގެންގުޅޭ ސާމާނުފަދަ ތަކެތި ގިނަގިނައިން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމުގައި ޑރ. އޮލާ ވިދާޅުވެއެވެ. ހަމަ މިއާއެކު، ބަލި އެއްކޮށް ރަނގަޅުވަންދެން ސްކޫލަށާއި ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަށްވެސް ޑރ. އޮލާ އިލްތިމާސްކުރެއެވެ.

މި ބައްޔަކީ އެއަށް ވަކި ފަރުވާއެއް ނުވަތަ ވެކްސިން އެއް އޮންނަ ބައްޔެއް ނޫނެވެ. އަދި ބަލި ޖެހޭތާ 7 ދުވަހާއި 10 ދުވަހުގެ ތެރޭގައި އަމިއްލައަށް ފަސޭހަވާ ބައްޔެކެވެ. ނަމަވެސް ބަލި ޖެހުމުން އަވަހަށް ޑޮކްޓަރަށް ދައްކައި ޖެހިފައިވާ ބައްޔަކީ ހޭންޑް ފުޓް އެންޑް މައުތު ބަލިތޯ ޔަޤީން ކުރަންވާނެއެވެ. އަދި ތަދު މަޑުކުރުމަށް ބޭސް ހޯދަންވާނެއެވެ. އެއްގޮތަކަށްވެސް އެސްޕިރިން ބޭނުން ނުކުރުމަށް ޑރ. އޮލާ އިލްތިމާސްކުރެއެވެ. ސަބަބަކީ އެސްޕިރިންގެ ސަބަބުން އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިދާނެތީއެވެ. މީގެ އިތުރުން މި ބަލީގެ ސަބަބުން ކަރުގައި އުފެދޭ ފާރުތަކަށް އެންމެ ރަނގަޅީ ފިނި ލޮލީ، ޔޯގަޓް އަދި ސްމޫތީ ކަހަލަ ބުއިންތަކެވެ. އަދި ހަށިގަނޑުގައި ހުންނަ ރަތް ބިހިތަކަށް ކެލަމިން ލޯޝަން ކަހަލަ އެންޓި-އިޗް ލޯޝަންއެއް ރަނގަޅުވާނެއެވެ.

އާންމު ގޮތެއްގައި ފެތުރޭ މިކަހަލަ ބަލިތަކުން ސަލާމަތް ވުމަށްޓަކައި ބަލިތަކާއި ބެހޭ ރަނގަޅު މައުލޫމާތު ހޯދައި، ބަލިތަކުން ސަލާމަތް ވުމަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. އަދި ބޭސް ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ އަބަދުވެސް ހޯދަންވާނެއެވެ.