Last Updated: April 25, 06:01
Thursday, April 25, 2024
ދުނިޔެ

އެމޭޒޮން ޖަންގަލި ބާރު މިނެއްގައި އަނދަނީ

ބްރެޒިލްގެ އެމޭޒޮން ޖަންގަލީގައި ރިކޯޑު އަދަދަކަށް މިއަހަރުގެ ތެރޭގައި އަލިފާން ރޯވެފައިވާ ކަމަށް އެ ޤައުމުގެ ސްޕޭސް ރިޗާޗް އެޖެންސީއިން ބުނެފިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޯރ ސްޕޭސް ރީސަރޗް އިން ބުނެފައިވަނީ ސެޓަލައިޓް ރިޕޯޓް ތަކުން ދައްކާ ގޮތުން 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، މިއީ %83ގެ އިތުރުވުމެއް ކަމަށެވެ. މިކަން އިއުލާން ކޮށްފައި މިވަނީ މި އެޖެންސީގެ ވެރިޔާ ޑީފޮރެސްޓޭޝަން ނުވަތަ ޖަންގަލިތައް މަދުވާ މިންވަރާ ބެހޭ މައުލޫމާތާ ގުޅިގެން މަޤާމުން ވަކި ކުރިތާ ހަފްތާއެއް ފަހުންނެވެ.

މިހާރުވެސް ހުއްޓުމެއް ނެތި އަނދަމުން ދާ މި ޖަންގައްޔަކީ ދުނިޔޭގެ އެންމެ ބޮޑު ޖަންގައްޔެވެ. އަދި ދުނިޔެ ހޫނު ވުން ހުއްޓުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ އެއް ކަރބަން ސްޓޯރެވެ. މީގެ އިތުރުން 3 މިލިއަން ގަސްގަހާ ގެއްސާއި ޖަނަވާރުވެސް މި ޖަންގަލީގައި ދިރިއުޅެއެވެ. މި ޖަންގައްޔަކީ 1 މިލިއަން މީހުން ދިރިއުޅޭ ޖަންގައްޔެއް ވެސް މެއެވެ.

މިޖަންގަލި އެނދުމުގެ ސަބަބުން ދުމުގެ އަސަރުކޮށް ހޯމަ ދުވަހު އެ ޤައުމުގެ ސައު ޕައުލޯ ސިޓީގެ ކަރަންޓުވެސް ވަނީ ކެނޑިފައެވެ. 2700 ކިލޯމީޓަރު ދުރުގައި އޮންނަ މި ޖަންގަލީގެ އަނދަމުން ދާ އެމެޒޯނަސް އަދި ރޮންޑޯނިއާގެ ސަރަހައްދުން ބާރު ވަޔާއެއްކޮށް އައި މި ދުންގަނޑުގެ ސަބަބުން 1 ގަޑި އިރު ވަންދެން އެ ސިޓީއިން ކަރަންޓު ކެނޑިފައި އޮތެވެ.

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ ބްރެޒިލްގެ ރައީސް ޖައިރ ބޮލްސޮރާނޯއެވެ. އޭނާ ވަނީ އެޖަންގަލިން ގަސްތައް ކެނޑުމަށް އެކި ފަރާތްތަކަށް ހިތްވަރު ދީފައެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި އޭނާ ޖެނުއަރީގައި ވެރިކަމަށް އެރިފަހުން ޖަންގައްޔަށް ލިބެމުންދާ ގެއްލުންވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

ބްރެޒިލްގެ ހޫނު މޫސުމުގައި ޖަންގަލި އެނދުމަކީ ދިމާވާ ކަމެއް ނަމަވެސް ޖަނަވާރު ގެންގުޅެން ޖާގަ ހެދުމަށް ގަސްދުގައި ޖަންގަލީގައި ރޯކުރުންވެސް ވަނީ އާންމު ވެފައެވެ.