Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ޔާމީންއާ ދެކޮޅަށް ހެކިބަސްދޭން ލުތުފީ ދެކޮޅު ހަދައިފި

ހަސަން ލުތުފީ - ފޮޓޯ: އަވަސް

މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ހެކިބަސްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ދެކޮޅު ހައްދަވައިފިއެވެ.

ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ލުތުފީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް މައްސަލާގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދާ އެކު ވެސް އަދި ވަކިން ވެސް ޔާމީންއާ ބައްދަލުކުރައްވާފައި ނުވާނެ ކަމަށެވެ.

އަދި އެ ފައިސާ ދައުލަތާ ހަވާލު ކުރަން އެއްވެސް ޒަރިއްޔާއަކުން ޔާމީނަށް އަންގާފައި ނުވާނެ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ.

އެގޮތަށް އަންގާފައި ނުވަނީ އޭރު އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީ އެގޮތަށް ކަނޑަނޭޅެނީސް އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަން އެންގޭނެ އެއްވެސް ހަމައެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރައްވާތީ ކަމަށް ލުތުފީ ވިދާޅުވިއެވެ.

މީގެއިތުރުން ލުތުފީ ވަނީ ޔާމީންއާ ދެކޮޅަށް ބަޔާންދީ ދޮގު ހެކި ބަސް ދިނުމަށް މި ސަރުކާރުގެ ބާރުވެރި ފަރާތްތަކުން އޭނާއަށް ބިރު ދައްކައި އިންޒާރުދެމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

"ކިތަންމެ މަޖުބޫރެއް ކުރިޔަސް، ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކި ބަސް ދޭން އަޅުގަނޑު ބޭނުން ނުވާތީ ހެކި ބަސް އަދާ ކުރަން އަޅުގަނޑު ތަނާޒަލްވާ ވާހަކަ ދަންނަވަން" ލުތުފީ ވިދާޅުވެފައިވެއެވެ.

ލުތުފީ މިހާރު އުޅުއްވަނީ ރާއްޖެ އިން ބޭރުގައި ކަމަށްވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.