Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

ޔުނިސެފްގެ އެމްބެސެޑަރު ކަމުން ޕްރިޔަންކާ ވަކިކޮށްދޭން އެދިއްޖެ

އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ކަމުން ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ވަކިކޮށްދޭން ޕާކިސްތާނުން އެދިއްޖެއެވެ.

ޔުނިސެފްގެ އިސްވެރިޔާ އަށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް މިނިސްޓަރު ޝީރީން މަޒާރީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕްރިޔަންކާ އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިލްކުވެރިކަމުގެ މައްސަލަ އުފެދިފައިވާ ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަށް ބައިނަލްއަގުވާމީ އުސޫލުތަކާއި ހިލާފަށް ނެގުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމަށާއި އަދި ޕާކިސްތާނަށް ނިއުކްލިޔާ ހަމަލާއެއް ދޭންޖެހިދާނެ ކަމަށް ބުނެ އިންޑިއާގެ ޑިފެންސް މިނިސްޓްރީން ދިން އިންޒާރަށް ތާއީދުކުރާ ފަރާތެއް ކަމަށެވެ.

މިފަދަ ކަންކަމަކީ ޕްރިޔަންކާ ހުރި މަގާމުގެ އުސޫލުތަކާއި ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި އޭނާ އެ މަގާމުގައި ހުރިހާ ހިނދަކު އެ މަގާމުގެ އަސްލު މަގުސަދު ހާސިލުނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ޕްރިޔަންކާ އެ މަގާމުން ވަގުތުން ދުރުކޮށްދޭން އެ ސިޓީގައި ވަނީ އެދިފައެވެ.

ޕާކިސްތާނުން މިކަމަށް އެދިފައިވާއިރު އިންޑިއާ ސިފައިން ޕާކިސްތާނުގެ ޓެރިޓަރީއަށް ދިން ހަމަލާއަކާ ގުޅިގެން މިދިޔަ ފެބުރުއަރީ 26 ވަނަ ދުވަހު "ޖެއި ހިންދް" ޖަހާފައި ޕްރިޔަންކާ ކުރި ޓްވީޓަކާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އޭނާ އަކީ ހަނގުރާމަތަކަށް ތާއީދުކުރާ ފަރާތެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

ޔުނިސެފްގެ ގްލޯބަލް ގުޑްވިލް އެމްބެސެޑަރުކަމަށް ޕްރިޔަންކާ ހަމަޖައްސާފައިވަނީ 2016 ވަނަ އަހަރުއެވެ.