Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މި ސަރުކާރުގެ ދުވެލި މަޑެއް ނޫން: ގާސިމް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހީމް

މި ސަރުކާރުގެ ދުވެލި މަޑު ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ރައްދު ދެއްވައިފިއެވެ.

ޖޭޕީއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލުކޮށް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުތަކުގައި ވެސް އަހަރެެއްވެގެން ދިޔައިރު މާގިނަ ކަންތައްތަކެއް ކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން މި ސަރުކާރު ކުޑައިމީސް ކުރަން އަދި ޖާގަ ނެތް ކަމަށެވެ.

އަދި މި ސަރުކާރަކަށް ކަންކަން ކުރުމުގައި ލަސްތަކެއް އުޅެނީ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންކަން ސާފުކުރަންޖެހޭތީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި ފައިސާގެ އަދަދު ވަނީ އެގޮތް މިގޮތަށް ގެއްލިގެން ގޮސްފައި. ދައުލަތުގެ ކުންފުނިތަކުގައި އެއްޗެއް ނެތް. ރަށު ކައުންސިލަކު އަތޮޅު ކައުންސިލަކު އެއްވެސް އެއްޗެއް ނެތް. އަދި އަޅުގަނޑުމެންގެ ޕެންޝަން ސްކީމުގައި ހުރި ލާރިވެސް ވަނީ ސަރުކާރަށް ބޮންޑުގެ ގޮތުގައި ނަގާފައި" ގާސިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ނުކޮށް ހުރި ކަންކަން ކުރަން ޖެހުމުން މިސަރުކާރުގެ ދުވެލި މަޑޭ ބުނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި ފުރަތަމަ ކުރަން ޖެހޭ ކަމަކީ މަސައްކަތްކުރި ބައަކަށް ދޭން ޖެހޭ އުޖޫރަ ފުރިހަމައަށް ދިނުމާއި ނާއިންސާފުން އަނިޔާ ލިބެމުން ދިޔަ މީހުން އަނިޔާއިން ސަލާމަތްކޮށްދިނުން ކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން ކުށެއް ނެތި އަނިޔާ ލިބެމުން ދިޔަ އެތައް ބަޔަކު މިހާރުވެސް ސަލާމަތް ކޮށްދެއްވާފައިވާކަން ގާސިމް ވިދާޅުވިއެވެ. އަދި ކޯލިޝަން ވެސް ރޫޅާނުލައްވާ ކުރިއަށް ގެންދަވާނެކަން އަމަލުން ރައީސް ސޯލިހު ދައްކަވަމުންގެންދާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.