Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

އެމޭޒޮން ޖަންގަލި އަނދަނީ؛ ބްރެޒިލްގެ ރައީސް ކުށްވެރިކުރަނީ ޖަމްޢިއްޔާތައް

އެމޭޒޮން ޖަންގަލި ހުއްޓުމެއް ނެތި ދަނީ އަނދަމުންނެވެ. ހޫނު މޫސުމުގައި ޢާންމު ގޮތެއްގައި މި ޖަންގަލީގައި ރޯވާ ނަމަވެސް، ބައެއް ފަރާތްތަކުން ދަނީ ޖަނަވާރު ގެންގުޅުމަށް ޖާގަ ހެދުމުގެ ގޮތުން ގަސްދުގައިވެސް މި ޖަންގަލީގައި އަލިފާން ރޯކުރަމުންނެވެ.

މިކަމާ ގުޅިގެން ތިމާވެށި ހިމާޔަތް ކުރުމުގައި މަސައްކަތް ކުރާ މީހުންނާއި ޖަމްޢިއްޔާތަކުން ދަނީ މިކަމުގައި ބްރެޒިލްގެ ރައީސް، ޖައިރ ބޮލްސޮރާނޯ ކުށްވެރި ކުރަމުންނެވެ. ސަބަބަކީ އޭނާ ވެރިކަމަށް އެރީއްސުރެ އެމޭޒޮން ޖަންގައްޔަށް ލިބެމުންދާ ގެއްލުން މީގެ ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު އެތައް ގުނައެއް އިތުރު ވެފައިވުމެވެ. އަދި އޭނާ ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ގަސް ކެނޑުމުގެ މަސައްކަތް ކުރާ މީހުންނަށް ހިތްވަރު ދީފައެވެ.

ނަމަވެސް މިހާރު ބޮލްސޮރާނޯ ވަނީ ތުހުމަތުގެ އިނގިލި އަނބުރާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްފައެވެ. އޭނާ ބުނާ ގޮތުން އެމޭޒޮން ޖަންގަލީގައި އަލިފާން ރޯ ވެފައިވަނީ ޖަމްޢިއްޔާތަކުން ގަސްދުގައި އަލިފާން ރޯކުރަމުން ދާތީއެވެ. އަދި މިކަމުގެ ސަބަބެއްގެ ގޮތުގައި އޭނާ ދައްކާފައިވަނީ އެ ޤައުމުގެ ސަރުކާރުން ޖަމްޢިއްޔާތަކަށް ދެމުން ގެންދިޔަ ފަންޑުތައް ކަނޑާލުމެވެ. އެހެންކަމުން ސަރުކާރާއި މެދު މީހުން ދެކޭގޮތް ގޯސް ކުރުމަށް ޖަމްޢިއްޔާތަކުން އަލިފާން ރޯކުރަނީ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ބޮލްސޮރާނޯއަށް މި ތުހުމަތުތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެމޭޒޮން ޖަންގައްޔަކީ 3 މިލިއަން ގަސްގަހާ ގެއްސާއި، ޖަނަވާރުގެ އިތުރުން 1 މިލިއަން މީހުންވެސް ދިރިއުޅެމުންދާ ތަނެކެވެ.